އަންހެނުންގެ ކިބައިގަ ހުންނަ ޚާއްޞަ ސިފަތައް އެނގޭނަމަވެސް އަނބިމީހާގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަންހެނުންގެ ކިބައިގަ ހުންނަ ޚާއްޞަ ސިފަތައް އެނގޭނަމަވެސް އަނބިމީހާގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނެ!

ޢާއިލީ ދިރިއުޅުމުގައި އިސްމީހަކީ ފިރިމީހާކަމުގައި ލައްވަވާފައި އޮތް އޮތުމަކީ އަނބިމީހާއަކީ އެއްވެސް އަގެއް ނުވަތަ ބުރަދަނެއް ނެތް މީހަކަށްވުމެއް ނޫނެވެ. ފިރިމީހާއަކީ އިސްމީހާ ކަމުގައި ލައްވަވާފައި ފިރިމީހާ އާއި ޙަވާލުކުރައްވަވާފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރާ ފިރިއަކުނަމަ އެކަމަށްޓަކައި ފަޚުރުވެރިއެއް ނުވާނެއެވެ. އެއީ އުފުލަންޖެހޭ މަސްއޫލިއްޔަތުގެ ބުރަކަން ބޮޑުކަމުންނެވެ.  

ފިރިހެނުންނަށް ލިބިފައިނުވާ ސިފަތަކެއްވެސް އަންހެނުންނަށް ލިބިގެންވެއެވެ. އެކަން ބަޔާންކޮށް މީހަކު ބުނެފައިވަނީ މިފަދައިންނެވެ.  

އަންހެނަކަށް އެއްޗެއް ދީފިނަމަ ދިން އެއްޗެއް އަނބުރައެއް ނުލިބޭނެއެވެ. ނަމަވެސް އެތައް ގުނައަކުން އިތުރުކޮށްދޭނެއެވެ. އެއީ އެމީހުންގެ ހަށިގަނޑުގައިވާ ވަރަށް ބަރާބަރު ސިފައެކެވެ.  

މިޘާލަކަށް ގެއަށް ކާބޯތަކެތި ވައްދައިފިނަމަ އެތައް ބާވަތެއް އެއްކޮށްގެން ކައްކާފައި ދޭނެއެވެ. ފަންޏެއް ދީފިނަމަ އަނބުރާ އެފަންޏެއް ނުދޭނެއެވެ. ދޭނީ ދިން ފަނި އެތައް މިލިއަނަކަށް ސައިޒުން ބޮޑުކޮށްލާފައި ދަރިއެކެވެ. ގެއެއް ދީފިނަމަ އެގެއަކަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި އިތުރަށްވެސް ގެއަށް ވައްދާނެއެވެ.  

ދެން ނިކަން ބުނެބަލާށެވެ! އޭނާއަށް ހިތްދަތިކަން ދީފިނަމަ އަނބުރައި ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަން އެތައް ގުނައަކަށް ތިބާއަށް އިތުރަށް ޖައްސުވައި ތިބާގެ ބޯ ގޮއްވައިނުލާނެކަމަށް  ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟  

މިއީ ސަމާސައަކަށް ހަދައިގެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ވާހަކައެކެވެ. ސަމާސައަކަށް ހަދައިގެންވެސް އެމީހަކު ބުނެފައި އެވަނީ ވަރަށް ބޮޑު ތެދެކެވެ. އަނބިމީހާ ހިތްދަތިކުރުވާފައި ބަހައްޓާނަމަ ވަޤުތު ޖެހުމުން ފިސާރި ބާރުމިނެއްގައި ތިބާގެ ބޯ ގޮއްވައިލާނެއެވެ. ވީމާ އަންބަކު ހިތުގައި ޖެއްސުވުމުގެ ކުރިން ފިސާރި ރަނގަޅަށް ވިސްނާށެވެ! ހިފައިގެން ހުންނަ އައްޑަނަ ފޫއަޅުވާލާފައިވެސް ތިބާއަށް ސަލާމަތް ނުވެވޭވަރުގެ ފިސާރި ވަރުގަދަ ޙަމަލާތަކެއް ދޭނެއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން