ތިބާ މީހަކަށް ގެއްލުމެއް ނުދިނަސް ތިބާގެ ޙަސަދައިން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަވެސް އެދެވެނީ ގެއްލުމެއް! ޒިންމާ އުފުލަން ނުޖެހި ނުދާނެކަން ދަންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ތިބާ މީހަކަށް ގެއްލުމެއް ނުދިނަސް ތިބާގެ ޙަސަދައިން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަވެސް އެދެވެނީ ގެއްލުމެއް! ޒިންމާ އުފުލަން ނުޖެހި ނުދާނެކަން ދަންނާތި!

ބައެއް މީހުންނަށް ވިސްނެނީ މީހަކަށް ގެއްލުމެއް ދިންކަމަށްވާނީ ތިމާގެ އަތްފައިން އެކަމެއް ކުރިނަމައެވެ. އަތްފައި ކީއްކުރަންހެއްޔެވެ؟ ހިތުގައިލާ ޙަސަދައިގެ ސަބަބުން އަނެކާއަށް ދެރައެއް ލިބުނަސް އެދެވުނީ އަނިޔާއެކެވެ. އެހެންކަމާއިއެކުވެސް އެކަން ވިސްނެނީ މަދުބައަކަށެވެ.  

"ޙަޤީޤީ މާނައިގައި މާތް ﷲއަށް ބިރުވެތިވާނަމަ ކަމަކާ ކުރިމަތިލުމުގެ ކުރީން އެތައް ފަހަރަކު ވިސްނާނެއެވެ. އެ ކަމަކީ ﷲގެ ރުއްސެވުން އޮތް ކަމެއްތޯ ނުވަތަ ނޫންތޯ އިންތިހާއަށް ފިކުރުކުރާނެއެވެ. ޚާއްޞަކޮށް މާތް ﷲގެ ނުރުއްސެވުން އޮވެދާނެހެން ހީވާ އެއްވެސް ކަމަކާ ކައިރިއެއް ނުވާނެއެވެ. 

މާތް ﷲގެ ރުއްސެވުން ނެތް ކަންކަމުން ދުނިޔެ މަތީން ވަގުތީ ފައިދާތަކެއް ހޯދިދާނެއެވެ. އެހެނަސް އާޚިރުގައި އެ ކަމުން ލިބޭނީ ނަރަކައިގެ އަލިފާނެވެ. ގަދަފަދަވެގެންވާ ޢަޛާބެވެ.  

އަބަދު ވެސް މުއުމިނު އަޅާގެ ނަޒަރު ހުއްޓި ހުންނާން ޖެހެނީ އާޚިރަތަށެވެ. އާޚިރު ނަތީޖާއަށެވެ. އޭރުން ނުބައި ކަންކަމާއި ނޭއްގާނީ ކަންކަމަށް އަރައިގަންނާން އެ އަޅާ ފަސްޖެހޭނެއެވެ. 

ޙަސަދަވެރިކަމަކީ ހާދަހާވާ ނުބައި އާފާތެކެވެ! އެ ކަމުގެ ސަބަބުން ތިބާ އެހެން މީހުންނަށް ލިބިދާނޭ ހެޔޮކަމަކަށް ހުރަސް އަޅައެވެ. ހެޔޮ މަގަށް ހުރަސް އަޅައެވެ. އެ ކަމުގެ ސަބަބުން ތިބާއަށް އެ ކުރެވެނީ ހާދަހާވާ ބޮޑު ނުބައި ކަމެކެވެ. އެ ހުރެވޭނީ ހާދަހާވާ ނުބައި މަގެއްގައެވެ."  

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ. މިބަސްކޮޅު ކިޔާލުމަށްފަހު މިއަދުނޫހާއި ޙިއްޞާކޮށްލަން ބޭނުންވީ މިއަދުނޫސް މެދުވެރިކޮށް މިބަސްކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ފޯރުކޮށްދިނުމަށެވެ.  

އަޅުގަނޑަށް ވިސްނޭ ގޮތުން މީހަކަށް ނުބައިކަމެއް ނުކުރާކަމަށްވާނީ އެމީހާގެ ސަބަބުން އެހެން މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނަމައެވެ. އެމީހަކު ޙަސަދަލުމުން މީހަކަށް ލިބެން އޮތް ނިޢުމަތަކަށް ހުރަސް އެޅުނަސް އެކަންވާނީ އެމީހާއަށް ކުރެވުނު ބޮޑު އަނިޔާއަކަށެވެ.  

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ހަސަދައިގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމަށް ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެއެވެ. އެއްވެސް މީހަކަށް ޙަސަދަވެރިނުވާން ދީނުގައި އެހައިބޮޑަށް ބާރުއަޅުއްވަވާފައިވަނީ އެކަމުގެ ނުބައިކަން ބޮޑުކަމުންނެވެ.

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން