ދީނީ ޢިލްމްވެރިއަކަށް ނުވެވުނަސް ދީން ފަތުރަން މަސައްކަތްކުރާ މީހަކަށްވެ ގިނަގުނަ ޘަވާބު ހޯދުމުގެ ފުރުޞަތު ކޮންމެ މުސްލކިމަކަށްވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދީނީ ޢިލްމްވެރިއަކަށް ނުވެވުނަސް ދީން ފަތުރަން މަސައްކަތްކުރާ މީހަކަށްވެ ގިނަގުނަ ޘަވާބު ހޯދުމުގެ ފުރުޞަތު ކޮންމެ މުސްލކިމަކަށްވެސް އެބައޮތް!

އިސްލާމް ދީން ކުރިއަރައި ދުނިޔެއަށް ފެތުރުނީ މުސްލިމުންގެ ކިބައިގައި ހުރި ރިވެތި އަޚްލާޤުންނެވެ. އަދި މިއަދުވެސް އެކަން އޮތީ ހަމައެގޮތަށެވެ. އެންމެ ގިނަ ބައަކު އިސްލާމްވާ އެއްސަބަބަކީ މުސްލިމުންގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތަކެވެ.  

ތިމާގެ ސަބަބުން އެންމެ މީހަކު އިސްލާމްވީނަމަވެސް އެއީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ އަގުހުރި ކަމެކެވެ. ފައިދާކުރާނެ ކަމެކެވެ. އަދި އެކަމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ކުރެވެން އޮތް ކަމެކެވެ.  

ކޮންމެ މީހަކީ ޢިލްމުވެރިން ފަދައިން ދިނުގެ ވާހަކަދައްކަމުން ޤައުމުތަކަށް ދަތުރުކުރާ މީހަކަށްވާކަށް ނުޖެހެއެވެ. ދީނީ ދަރުސް ދޭ މީހަކަށްވެސް ވާކަށް ނުޖެހެއެވެ. އަދި އެއީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް މުސްލިމެއްގެ ސިފައިގައި ހުރެވިދާނެއެވެ. އިސްލާމް ދީނުގައިވާ ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅޭ މީހަކަށް ވެވިދާނެއެވެ. އިސްލާމް ދީނުގައިވާ ފަދައިން މީސްތަކުންނާއި މުޢާމަލާތުކުރާ މީހަކަށްވެވިދާނެއެވެ! ބުނާ ބަހުގައި އިތުބާރު ބަހައްޓާ މީހަކަށް ވެވިދާނެއެވެ.  

ތިމާގެ ކިބައިން މިބަޔާންކުރި ސިފަތައް ފެންނަނަމަ އެކަން ބަލައިގަނެ ތިބާފަދަ މީހަކަށްވުމަށްޓަކައި އިސްލާމްވާނެ މީހުން ތިބޭނެއެވެ. އަދި މުސްލިމް އެކުވެރިންގެ ތެރެއިން މީހަކު ތިބާގެ ފުށުން ފެންނަ ކަމެއްގެ ސަބަބުން އޭނާގެ އުޅުން އިޞްލާޙްކުރި ނަމަވެސް އެއީ ތިބާއަށް ކޮންފަދަ ބޮޑު ރަހްމަތެއް ހެއްޔެވެ؟  

އަދި ކީއްހެއްޔެވެ؟ ތިބާގެ ޢަމަލުތައް މިބަޔާންކުރި މަގުން މީސްތަކުންނަށް ދެއްކުމުން މީހަކު ބަލައި ނުގަތްނަމަވެސް އެއީ މައްސަލައެއް ނޫނެވެ. ކަންބޮޑުވާންޖެހޭ ކަމެއްވެސް ނޫނެވެ. ތިބާގެ ވާޖިބު އެއޮތީ އަދާކުރެވިފައެވެ. އެކަމަށް ދެއްވަވާނެ ރަޙްމަތް ދެއްވަވާނެތެވެ. ވީމާ މިދިން ނަޞޭހަތުގައި ހިފެހެއްޓުމަށް ނަޞޭޙަތްތެރިވަމެވެ. 

މިއަށްވުރެ ފައިދާ ހުރިކަމެއް ކޮބައިހެއްޔެވެ؟ ކޮށްލަން އޮތް ކަމަކީ ތިމާގެ ސިފަ އާއި އަޚްލާޤުން ފުރިހަަމ މުސްލިމެއްކަން މީސްތަކުންނަށް ސާބިތުކޮށްދިނުމެވެ. އެއިރުން އެއޮތީ އެ މަތިވެރި ޢަމަލުކުރެވިފައެވެ! ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ ކުރިއަރުވަން މަސައްކަތްކުރާ މީހަކަށްވެވިފައެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން