"އަހުރެންގެ ކައިވެނި ރޫޅުނީ 10 އަހަރު ފަހުން. ދެވަނަ ކައިވެންޏެއް ކުރަން ޖެހިލުންވެފައި މިހުރެވެނީ އެކަވެނީގެ ސަބަބުން އަހުރެންނަށް ލިބޭނެ އިތުރު ކުރިއެރުމެއް ނުވިސްނޭތީ! މިހާރުވެސް އަމިއްލައަށް ކުރާ މަސައްކަތުން 3 ދަރިންގެ ކަންކަން ކޮންމެވެސް މިންވަރަކަށް ބެލެހެއްޓޭ!" މިއީ ބައެއް އަންހެނުންގެ ވިސްނުމެވެ.
"އަހުރެން ކައިވެނިނުކޮށް މިހުންނަނީ ކައިވެނިކުރަން ބޭނުން ނުވާތީއެއް ނޫނެވެ. ބައިވެރިއަކަށް ބޭނުން ނުވާތީއެއްވެސް ނޫނެވެ. އަންހެނުންނާއި ބައްދަލުނުވާތީއެއްވެސް ނޫނެވެ. ނަމަވެސް ކައިވެނިކޮށްގެން އަހުރެންނަށް ހިތްހަމަޖެހުމެއް، ދިރިއުޅުމަށް އިތުރު ކުރިއެރުމެއް ލިބިދާނެ ފަދަ އަންހެނަކާއި ބައްދަލުނުވާތީއެވެ." މިއިވެސް މީހަކު ބުނެފައިވާ ބަހެކެވެ.
މިފަދަ ބަސްތައް އެނގުމުން އަހުރެންނަށްވެސް ވިސްނައިލެވުނެވެ. ހިތަށް އެރިއެވެ. ކައިވެންޏާއި އަދި ދިރިއުޅުމާއިމެދު ވެގެން މިއުޅެނީ ކިހިނަކުން ހެއްޔެވެ؟ ކައިވެނި ކުރުމާއިމެދު ވިސްނާ މީހުންގެ ވިސްނުން މިގޮތަށް މިހުންނަނީ ކީއްވެގެން ހެއްޔެވެ؟
ހަމަ ޔަޤީނުންވެސް މިއީ ސަމާލުކަންދީގެން ބަދަލުކުރަންޖެހިފައިވާ ޙާލަތެކެވެ. ކުރަން އޮތް ކަމަކީ ކައިވެނީގެ ބޭނުމަކީ އެކަކު އަނެކަކަށް ލޯބިދީގެން އުފަލުގައި ދިރިއުޅުން ކަމަށް ހަދަން އެބަޖެހެއެވެ. ކައިވެނިކުރުމުގެ ބޭނުމަކީ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުން ކަމަށްވެސް ހަދަން އެބަޖެހެއެވެ.
އިތުރު ކުރިއެރުމުގެ މާނައަކީ ހަމައެކަނި ފައިސާ އިތުރުވުމެއް ނޫނެވެ. ނުވަތަ ތަނަވަސްކަން ބޮޑުވުމެއް ނޫނެވެ. އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދީގެން އުފަލުގައި ދިރިއުޅެވުމެވެ. ބައިވެރިޔާގެ ކަންކަމަށް ވިސްނަން ހަދައިގެން ބޮލުގައި ރިއްސުވަން ނުޖެހި ދުނިޔޭގައި އުޅެވުމެވެ.
އަހުރެންނަށް ވިސްނޭ ގޮތުން ކައިވެނިކުރަން ބޭނުންނުވާ މީހުން ގިނަވުމާއި ކައިވެނި ރޫޅުމުން ދެވަނަ ކައިވެނިކުރަން ބޭނުންނުވާ މީހުން ގިނަވަމުން މިދަނީވެސް އެމީހުން އެބުނާ 2 ސަބަބާއިހުރެއެވެ. އެއީ ކައިވެނިކޮށްގެން ހިތްހަމަޖެހުމެއް، ދިރިއުޅުމަށް އިތުރު ކުރިއެރުމެއް ލިބިދާނެ ކަމާއިމެދު ޔަޤީންކަން ކުޑަވުމެވެ.
ޙާލަތު ބަދަލުކުރުން އޮތީ ހަމަ އަހުރެމެންގެ އަތްމަތީގައެވެ. އެކަންކުރެވޭނީ ހަމަ ދެބައިމީހުންނަށެވެ! އަންހެނުންނަށާއި ފިރިހެނުނަށެވެ.
- އަލަފް / މިއަދުނޫސް