ﷲ ތަޢާލާ ރުހިވޮޑިގަންނަވާ 3 ކަންތަކުން ފައިދާކުރާނީ ރުހިވޮޑިނުގަންނަވާ 3 ކަންތައް ނުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ﷲ ތަޢާލާ ރުހިވޮޑިގަންނަވާ 3 ކަންތަކުން ފައިދާކުރާނީ ރުހިވޮޑިނުގަންނަވާ 3 ކަންތައް ނުކުރީމަ!

ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން الله ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންނަށް ތިންކަމަކަށް ރުހިވޮޑިގެންވެއެވެ. އަދި ތިންކަމެއް ރުހިވޮޑިގެން ނުވެއެވެ.  

ރުހިވޮޑިގެންވަނީ 1 އެއިލާހަށް އަޅުކަން ކުރުމަށާއި, 2 އެއިލާހާއި އެކު އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ. 3 އަދި ތިޔަބައިމީހުން އެކުގައި اللهގެ ވާފަށުގައި ހިފެހެއްޓައި, ބައިބައިވެ ނުގަތުމަށެވެ.  

ރުހިވޮޑިގެން ނުވަނީ 1 ބުންޔޭ ބުންޔޭ ކިޔާފައި ވާހަކަ ދެއްކުމާއި، 2 ބޭކާރު ސުވާލު ގިނަކުރުމާއި، 3 ފައިދާ އެއް ނެތް ކަންތަކުގައި މުދާ ނަގާލުމެވެ".  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރުމާއި ދުރުހެލިވާށެވެ! އެފަދަ ކަމެއް ނުކުރާށެވެ! އެހެން ނޫންނަމަ ތިބާއަށް ހުރެވެނީ ކޮންކޮޅެއްގައިކަން ތިބާއަށް ވެސް އޮންނާނީ ނުއެނގިފައެވެ.  

"އޭނަ ބުނި! މީނަ ބުނި!" ކިޔައިގެން ވާހަކަފަތުރާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ދެން ވިސްނައިލަންވީ ބޭކާރު ގޮތުގައި މުދައު ނަގައިލުމަށެވެ. ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރުމަކީވެސް ހަމަ ބޭކާރު ގޮތުގައި މުދައު ނަގައިލުމެވެ.  

ދުނިޔަވީ ގޮތުން ބެލިނަމަވެސް މައިންބަފައިންގެ ބަސް ޤަބޫލުކުރުމަކީ މައިން ބަފައިން ބުނާ، އެމީހުން ރުހޭނެ ކަންކަން ކުރުމާއިއެކު ނުރުހޭނެ ކަންކަން ނުކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން