އިސްލާމް ދީނުގައި އޮތީ އަނބިންނަށް އޮތީ ގޭގައި ތިބެންކަމަށް ބުނުމުން އެއީ އެކަނބަލުން ދެރަކަމުން ކަމަށް ހީނުކުރާށެވެ. އެއީ އެކަނަބަލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބޮޑުވެފައި އެ މަސްއޫލިއްޔަތުގެ ބުރަކަމުންނެވެ.
މިޘާލަކަށް ފިރިހެނަކަށް ބަލިވެނުއިނދެވޭނެއެވެ. އެކަން ކުރެވޭނީ ހަމައެކަނި އަންހެނުންނަށެވެ. ބަލިވެއިނުމާއި ވިހެއުމަކީ ކިހައިވަރެއްގެ ބުރަކަމެއްކަން ވަޒަންކުރެވޭނީވެސް ބަލިވެ އިނދެ ވިހެއުމުންނެވެ. އެކަން ތަޖުރިބާކޮށްގެންނެވެ.
ދެން އޮތީ އަދި އެއަށްވުރެވެސް ބުރަ މަސްއޫލިއްޔަތެކެވެ. އެއީ ދަރިން ބަލައި ބޮޑުކުރުމެވެ. ފިރިހެނަކަށްވެސް ދަރިން ގެންގުޅެވިދާނެއެވެ. ނަމަވެސް ގާތަކުން ނުދެވޭނެއެވެ. އެކަންކުރެވޭނީ ކުއްޖާގެ މަންމައަށެވެ. އެއިގެ އިތުރުން 8 އަހަރުވަންދެން ކުދިން އެންމެ ރަނގަޅަށް ބެލެހެއްޓެނީ މައިންނަށެވެ.
ކެއްކުމާއި ގޭތެރެސާފުކުރުމާއި މިފަދަ ހުރިހާ ކަމެއް ބަހައްޓާށެވެ. ހަމަ ޔަޤީނުންވެސް މިބުނި ކަންކަމަކީ އަނބިންނަށް ޚާއްޞަ ކަންކަމެވެ. އެމަސްއޫލިއްޔަތު އަނބިންނަށް އަދާކުރެވޭނީ ކުދިންގެ ގާތުގައި ގޭގައި އިނދެގެންނެވެ.
މިކަންކަން ދުނިޔެވެސް މިހާރު ޤަބޫލުކުރެއެވެ. ވިހެއުމާއި ގުޅިގެން އެތައް މަހެއްވަންދެން މައިންނަށް ޗުއްޓީދެނީ އެކަންކަން ޤަބޫލުކުރެވިގެންނެވެ. ވީމާ ދީނުގައި އަނބބިންނަށް ގޭގައި ތިބެން އޮތުމަކީ އެކަނބަލުންގެ ދެރަކަމުން ކުރަންޖެހޭ ކަމެއް ކަމަށް ދެކެގެން ނުވާނެއެވެ. އެއީ އެކަނބަލުންގެ ޚާއްޞަކަން ބޮޑުކަމުން އޮތްކަމެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން