ޙަރާމް ކަންކަމަށް ޚަރަދުކުރުމަކީ އަތްމަތިދަތިކުރައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޙަރާމް ކަންކަމަށް ޚަރަދުކުރުމަކީ އަތްމަތިދަތިކުރައްވަވާ ކަމެއް!

ބައެއް މީހުންނަށް ހީކުރެވެނީ އެމީހުންގެ އަތުގައި ހުންނަ ފައިސާތަކުން ކުޑަމިންވަރެއް ޙަރާމް ކަންކަން ކުރަން ޚަރަދުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. އެހައި ކުޑަ ހޭދައެއް ކޮށްލައިގެން އެނގުން ނުވާނެ ކަމަށެވެ. އަދި އެއީ މާބޮޑު މައްސަލައެއް ނޫންކަމަށެވެ.

ނިކަން ރަނގަޅަށް ވިސްނައިލަބަލާށެވެ! ޙަރާމް ކުރެއްވެވި ކަމެއް ކުރަން 100 ޑޮލަރު ޚަރަދުކުރުމުން އެމީހަކަށް 1 މިލިއަން ޑޮލަރުގެ ގެއްލުމެއް ވުމަށް އިރާދަ ނުކުރައްވަވާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ގެއްލުންވާ އިރާދަކުރައްވަވައިފިނަމަ އެކަން ހުއްޓުވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

ކޮންމެ މީހަކަށްވެސް ކޮންމެވެސް މިނަވަރަކަށް ރިޒްޤް ދެއްވަވާނެތެވެ. މައްސަލައަކީ ދެއްވަވާ ރިޒުޤުން ނުފުދޭކަމެވެ. ނުވަތަ ރިޒްޤް އިތުރުނުވާ ކަމެވެ. ތަނަވަސްކަން ލިބިގެން ތބޭ މީހުންނަށް ކުރިމަތިވާ މައްސަލައަކީ ތނަވަސްކަން ގެއްލިގެންދާ ކަމެވެ. ނުވަތަ ތަނަވަސްކަން ހުރެމެ ހިތްހަމަޖެހުން ނުލިބޭ ކަމެވެ. އަބަދުވެސް ލޯނުނަގަންޖެހުމާއި ލޯނު ނުދެއްކިގެން އުޅެންޖެހޭ ކަމެވެ.

މި ޙާލަތުތައް މެދުވެރިކުރައްވަވާ އެންމެ ބޮޑު އެއް ސަބަބަކީ ފާފަކުރެވުމާއި ﷲ ތަޢާލާ ދެއްވަވާ މިންވަރުން ފާފަކުރަން ހޭދަކުރެވުމެވެ. ފާފަކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެންދެއެވެ. ރުހިވޮޑިގަތުން ނެތް މީހަކަށް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ވީހައި ގިނައިން ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންވީ މި ސަބަބަށްޓަކައެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްޓަކައެވެ. ރުހިވޮޑިގަތުން ލިބުމުން ރިޒްޤްވެސް ތަނަވަސްވާނެއެވެ! ހިތަށް ހަމަޖެހުމާއި އުފާވެރިކަންވެސް ލިބޭނެއެވެ.

ފައިސާވެރި ތަނަވަސް މީހުންނަށް ހިތްހަމަޖެހުން ނުލިބެނީ ލިބޭ ފައިސާގައި ބަރަކާތް ނުލެއްވެވުމުންނެވެ. އެޙާލަތުގައި އަތުން ފައިސާތައް ޚަރަދުވެގެންދާ ގޮތްވެސް ތިމާއަކަށް ނުއެނގޭނެއެވެ. އެނގޭނެހައިވެސް ކަމަކީ ތިމާއަށް ފައިދާ ނުކުރާ ގޮތަށް އަތުން ޚަރަދުކުރެވޭ ކަމެވެ. އެކައުންޓުން ފައިށާ މަދުވަމުންދާ ކަމެވެ.

މީސްތަކުންނޭވެ! ފަޤީރުންވެސް އަދި ތަނަވަސް މީހުންވެސް މި ދެއްކި ވާހަކަކޮޅަށް ފުންކޮށް ވިސްނާށެވެ! އަތުން އެންމެ ޑޮލަރެއް ޚަރަދުކުރި ނަމަވެސް ޚަރަދު މިކުރަނީ ޙަލާލް ގޮތުގައި، ޙަލާލު ކަމަކަށްކަން ކަށަވަރުކުރާށެވެ! އެއިރުން އަބަދުވެސް ދާނީ ތަނަވަސްކަްނވެސް އުފާވެރިކަންވެސް އިތުރުވަމުންނެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން