އަޞްލެއް ނެތް ކަންކަމުގަ ބައިވެރިޔާއަށް ޝައްކުކުރެވި ދެމަފިރިންގެ މެދުގައި މައްސަލަޖެހޭ ސަބަބާ އެކަމަށް އޮތް ޙައްލު!: ޝައިޚް މާޖިދު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަޞްލެއް ނެތް ކަންކަމުގަ ބައިވެރިޔާއަށް ޝައްކުކުރެވި ދެމަފިރިންގެ މެދުގައި މައްސަލަޖެހޭ ސަބަބާ އެކަމަށް އޮތް ޙައްލު!: ޝައިޚް މާޖިދު މަޙްމޫދު

ދެމަފިރިންގެ މެދުގައި މައްސަލަތައް ޖައްސުވަން ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނެއެވެ. އެހެންވެ އަނެކާގެ މައްޗަށް ޝައްކު އުފައްދުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ. މިއީ ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ.  

މިޘާލަކަށް ބުނާނަމަ ބައިވެރިޔާ ގާތުން އެދޭ ކަމެއްގެ މަތިން ހަނދާން ނެތިގެން ނަމަވެސް ނުކޮށްދެވި ލަސްވާއިރަށް މިހާރު ލޯބިނުވަނީކަމަށް ވިސްނައިދޭށެވެ. ބުނާކަމެއް ބުނާ ގޮތަށް ނުކުރެވޭއިރަށް އެއީ ފަރުވާކުޑަނީކަމާއި ފަރުވާކުޑަކުރަނީ ފޫހިވެގެން ވަކިވާން ބޭނުންވާތީ ކަމަށްވެސް ވިސްނައިދޭނެއެވެ.  

އަދި ކީއްހެއްޔެވެ؟ ބައިވެރިޔާ މީހަކަށް ބަލާލައިފިނަމަ އެބަލަނީ އާދައާޚިލާފް ގޮތަކަށް ކަމަށްވެސް ވިސްނައިދޭނެއެވެ. އަދި އެއީ އެދެމީހުންގެ މެދުގައި އޮންނަ ސިއްރު ގުޅުމެއްގެ ސަބަބުން ކަމަށްވެސް ވިސްނައިދޭނެއެވެ.  

މިފަދަ އެތައް ކަމެއް ޝައިޠޯނާ ކުރުވާނެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަނބިކަނބަލަކާއިއެކު ރޭގަނޑު ވަޑައިގަންނަވަނިކޮށް ފެނިވަޑައިގެންނެވި ޞަޙާބީންގެ ހިތްޕުޅުގައި ޝައްކު އުފައްދުވަން ޝައިޠޯނާ މަސައްކަތްކޮށްފައިވާއިރު އެކަން އަހުރެމެންގެ މައްޗަށް ބޮޑުވާނެ މިންވަރު ހިތަށް ގެންނާށެވެ! އެބޭކަލުންނަކީ އީމާންކަމުން އެބޭކަލުންގެ ހިތްޕުޅުތައް ފުރއްވާ ލައްވަވައިގެން ތިއްބެވި ބޭކަލުންނެވެ.  

އެރޭ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ އެބޭކަލުން ޝައްކުކުރައްވަވަން ބޭނުންފުޅު ނުވިޔަސް ޝައިޠޯނާ އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ. އިންސާނުންގެ ލޭގެ ތެރޭގައި ޝައިޠޯނާ ދައުރުކުރާތީ އެކަން ޝައިޠޯނާ ދޫނުކުރާނެ ކަމަށެވެ.  

ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އަނެކާއަށް ަކމެއް ހަނދާންނެތިއްޖެނަމަ ޝައްކުތައް ނުކޮށް ލޯބިން އެކަން ހަނދާންކޮށްލައިދޭށެވެ. ބޭކާރު ވިސްނުންތައް ނުވިސްނާށެވެ. އުފަލުގައި އެކުގައި އުޅެވޭނީ އެއިރުންނެވެ.

 

- ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން