ތިބާގެ ގާތް މީހަކު ތިބާއަށް ގެއްލުމެއްދޭން އުޅެނިކޮށް ހުވަފެނުގައި ފެނުނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިބާގެ ގާތް މީހަކު ތިބާއަށް ގެއްލުމެއްދޭން އުޅެނިކޮށް ހުވަފެނުގައި ފެނުނީހެއްޔެވެ؟

ތިމާގެ ޢާއިލާގެ މީހަކު ނުވަތަ ގާތް އެކުވެރިއަކު ތިމާއަށް ގެއްލުމެއް ދޭން އުޅެނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ ގިނަ ބައަކު އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެކަން ޤަބޫލުކޮށް އެމީހަކަށް ފާރަލާންވެސް ފަށައެވެ. އަދި އެމީހާގެ މައްޗަށް ޝައްކުކުރެވި ނަފްރަތުކުރަންވެސް ފަށައެވެ.  

ބުނަންހެއްޔެވެ؟ މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަންކަމެވެ. ގިނަފަހަރު މިބާވަތުގެ ހުވަފެން ފެންނާނީ ޝައިޠޯނާގެ ސަބަބުންނެވެ. އޭތީގެ ބޭނުމަކަށްވާނީ ކުރިން މިބުނި ފަދަ ފިތުނަތައް އުފެއްދުމެވެ. އެއިގެ އިތުރުން ތިމާގެ ހިތުގައި މީހެއްގެ މައްޗަށް ޝައްކުތައް އުފެދި ކަންބޮޑުވެވޭނަމަވެސް އެފަދަ ހުވަފެނެއް ފެނިދާނެއެވެ. އެއީ އެކަމަށް ވިސްނޭލެއް ބޮޑުކަމުންނެވެ. 

ދެން ބުނެލަން މިއުޅެނީ އެހުވަފެނަކީ ޝައިޠޯނާގެ ފަރާތުން ފެނުނު ހުވަފެނެއްކަން ޔަޤީންކުރާނެ ގޮތެވެ. ހުވަފެނުގައިވިޔަސް އަދި ހޭލެވުމުން ވިޔަސް އެކަމަށް ވިސްނި ކަންބޮޑުވެވޭނަމަ ނުވަތަ ބިރުގަނެވޭނަމަ އެއީ ޝައިޠޯނާގެ ފަރާތުން ފެނުނު ހުވަފެނެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ފެންނަ ހުވަފެނެއްގައި ކަންބޮޑުވާންޖެހޭ، ބިރުގަންނަން ޖެހޭ ކަމެއް ނުފެންނާނެއެވެ.  

މިވާހަކަކޮޅު ބުނެލަން މިޖެހުނީ ޝައިޠޯނާގެ މިފަދަ ދަންތުރަތަކުގައި ޖެހެވި ފަށަމުން ބުނި ފަދައިން އެންމެ ގާތް މީހުންނާއިމެދުގައިވެސް ކަންކަން ކުރެވި ބޮޑެތި ފިތުނަތައް އުފެދޭތީއެވެ. އެންމެ ގާތް މީހުންނަށް ޙަސަދަލެވޭތީއެވެ. އަދި އެއީ ދުޝްމިނުން ކަމުގައި ބެލެވި ހަތުރުންނަށްވެސް ހެދޭތީއެވެ.  

ވީމާ އަހުރެން މިދިން ނަޞީޙަތް އަޑުއަހާށެވެ! ޝައިޠޯނާގެ މަޅީގައި ޖެހި އެއްވެސް މީހަކަށް ޙަސަދަވެރިނުވާށެވެ! މިބާވަތުގެ ހުވަފެން ފެނުމުން ރައްކައުތެރިކަމަށް އެދިގެން ކުރަން އޮތްކަމަކީ ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔުމެވެ.

 

- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން