ﷲ ތަޢާލާ މީހަކަށް ދެއްވަވާ ނިޢުމަތަކަށް ޙަސަދަވެރިވެވޭނަމަ ޝަކުވާއެކުރެވެނީ ނިޢުމަތް ދެއްވަވާ ފަރާތަށް! އެކަމަށް ޙައްޤު ޢަޛާބު ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ﷲ ތަޢާލާ މީހަކަށް ދެއްވަވާ ނިޢުމަތަކަށް ޙަސަދަވެރިވެވޭނަމަ ޝަކުވާއެކުރެވެނީ ނިޢުމަތް ދެއްވަވާ ފަރާތަށް! އެކަމަށް ޙައްޤު ޢަޛާބު ދެއްވަވާނެ!

މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު މައްސަލައަކަށްވެގެން މިއުޅެނީ ޙަސަދަވެރިކަމެވެ. އަބަދުވެސް ދެއްކެނީ އެހެން މީހަކު ތިމާއަށް ޙަސަދަލައިގެން އުޅޭކަމުގެ ވާހަކައެވެ. ދިރިއުޅޭ ގެދޮރުގައާއި މަސައްކަތްކުރާ އޮފީހުގައާއި މުޖުތަމަޢުތަކުގައާއި މިހެންގޮސް ހުރިހާ ތަނެއް ހަލާކުވަމުން މިދަނީ ޙަސަދަވެރިކަމުގެ ސަބަބުންނެވެ.

އަހުރެންގެ ސުވާލަކީ ތިބާގެ ހިތުގައި އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް އެބައޮތް ހެއްޔެވެ؟ އޮތް ނަމަ ތިބާވެސް ތިއަހުރީ ހަމަ އެހެން މީހުންފަދައިން ޙަސަދަބޯޓުގައެވެ. އެއްވެސް ތަފާތެއް ނެތެވެ. އެހެން މީހުން ތިމާއަށް ހަސަދަލާ ކަމުގެ ވާހަކަ ދައްކަން ބޭނުންވާނަމަ ފުރަތަމަ ތިބާ ޙަސަދަ ބޯޓުން ފައިބާށެވެ! 

ދެން ބަލައިލަންވީ މިހައި ގިނަ ބައަކު ހަސަދަމިލަނީ ކީއްވެގެންތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ތިމާއަށް ދެއްވެވި މިންވަރު މަދުވީއެވެ. އަނެކާއަށް ދެއްވެވި މިންވަރު ގިނަވީއެވެ. އަނެކާގެ ދަރަޖަ މަތިވީއެވެ. 

އެކަން ނުވާނެ ގޮތެއް ހެދޭނީ ކާކަށް ހެއްޔެވެ؟ މީސްތަކުންގެ މެދުގައި ތަފާތުކުރައްވަވާނެ ކަމަށާއި އެއްބައަކަށް ގިނައިން ދެއްވަވާނެ ކަމަށާއި އެއްބައެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމަށާއި އެއްބައަކު ޞާރުވެރިކުރައްވަވާނެ ކަމަށާއި އެއީ ކީއްވެގެންކަންވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ހަނދާން ނެތް މީހުންނަށް ހަނދާންވެސް ކޮށްދޭނަމެވެ. އެއީ އިމްތިހާން ކުރެއްވެވުމަށެވެ. 

އެއްވެސް ޙާލެއްގައި އެއީ އޭނާ މަތިވެރިވެގެނެއް ނޫނެވެ. ނިޢުމަތެއް ދެއްވެވުމުން މަތިވެރިކަން ލިބިގަނެވޭނީ އެމީހަކު އެކަމަށް މަސައްކަތްކޮށްގެންނެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނިޢުމަތުގެ ބޭނުން ހިފިނަމައެވެ. 

މިދެއްކި ވާހަކައިގެ ޚުލާޞާއަކީ މީހަކަށް ދެއްވެވި ނިޢުމަތަކާއި ގުޅިގެން ޙަސަދަވެރިވެވޭނަމަ ޙަސަދަވެރި އެވެވެނީ އެމީހަކަށް ނޫނެވެ. ނިޢުމަތް ދެއްވެވި ﷲ ތަޢާލާއަށެވެ. ދެން ނިކަން ބުނެބަލާށެވެ! އެއްވެސް މީހަކަށް ދެއްވަވާ ނިޢުމަތަކާއި ގުޅިގެން ޙަސަދަވެރިވާނަން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން