ރަނގަޅަށް ވިސްނާށެވެ. ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ މީސްމީހުންގެ ގާތުގައި ދެއްކުމުން ވާނެ ގޮތަކީ އެކަން ގިނަބައަކަށް އެނގުމެވެ. އެނގޭ މީހުންގެ ތެރޭގައި އެޙާލަތު ތިބާއަށް މެދުވެރިވުމަށް ހިތުން އެދިއެދި ތިބޭ ބައަކުވެސް ތިބޭނެއެވެ. ވީމާ ތިބާއަށް އެފަދަ ޙާލަތެއް ކުރިމަތިވެއްޖެކަން އެމީހާއަށް އެނގުމުން އެކަމަށް އެމީހާ ކުރާނީ އުފަލެވެ.
އެކަމަށް ވިސްނައިލަނީވެސް މަދު މީހެކެވެ. ކަމެއް ދިމާވުމުން އެކަމެއްގެ ވާހަކަ އެކަމަކާއި އެއްވެސް ގުޅުމެއް ނެތް އަދި އެކަމަކަށް އެއްވެސް ޙައްލެއް ހޯދައި ނުދެވޭނެ، އަދި ހެޔޮލަފާ ނަޞޭޙަތެއްވެސް ނުދެވޭނެ މީހުންގެ ގާތުގައި ދެއްކުމަކީ ގިނަބައަކަށް ކުރެވޭ ކަމެކެވެ. އެއީ އެކަމެއް ކުރިމަތިވުމުން ލިބޭ ހިތްދަތިކަން ނުވަތަ އައުދެވޭ ރުޅި ކުޑަކޮށްލުމުގެ ބޭނުމުގައެވެ.
އަހުރެމެންނަކީ ﷲ ތަޢާލާގެ އަޅުންނެވެ. ހިތްދަތި ޙާލަތެއް ކުރިމަތިވިނަމަވެސް އަދި ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް މީސްމީހުންނަށް އެކަމުގެ ވާހަކަތައް ކިޔައިދޭން ވަޤުތުތައް ނަގައިނުލާށެވެ. އެކަހެރިވެލާށެވެ! ހިތް ފުރެންދެން އެކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދަންނަވާށެވެ!
އެއިރުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އެހެނީ އެމައްސަލައިގެ ޙައްލުވެސް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެކަމަކުން އަރައިގަނެވޭނެ މަގުވެސް ފަހިކޮށްދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް ބުރައަކަށް ނުވާނެއެވެ.
މިހާރު ވެގެން މިއުޅޭ ގޮތަކީ އަހުރެމެންނާއި ﷲ ތަޢާލާ އާއި ދެމެދުގައި ބާއްވަންޖެހޭ ގުޅުން ބޮޑުތަނުން ކުޑަވެގެން ދިއައީއެވެ. ގިނަ ބައަކު ތިބެނީވެސް އެއްވެސް ކަމެއްގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭ ފަދަ ޙާލަތުގައެއްވެސް ނޫނެވެ. އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދަށްވެސް ރައްކައުތެރިއެއް ނުވެވެއެވެ.
ދޫކޮށްލަންވީ މިނުބައި އާދައެވެ. ތިމާ އަބަދުވެސް ހުންނަންވީ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެކަމެއްގެ ވާހަކަ ﷲ ތަޢާލާއަށް ދެންނެވޭނެ ޙާލަތުގައެވެ. އެޙާލަތުގައި ހުރެގެން ދަންނަވަމުން ގެންދަންވީއެވެ. ކިތަންމެ ގިނައިން ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ ރުހިވޮޑިގެންވަނީވެސް ވީހާ ގިނައިން ދެންނެވުމަށެވެ.
މިތަނުގަ ތިބެގެން އަހުރެންގެ މިބަސްކޮޅު އަޑުއެހި އަދި ފަހުން އަޑުއަހާ އެންމެންވެސް މިކަންކަން މިބުނި މަގުން ކުރަން މަސައްކަތްކުރާށެވެ! ހުރިހާ ަކްނބޮޑުވުންތަކެއް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން