ލޯބިވާކަމަށް ބުނަމުން ތިބާލައްވައި އެއްވެސް ފާފައެއް ކުރުވަން އުޅޭނަމަ އެމީހަކާ އަވަހަށް ވަކިވާށެވެ! އެއީ ބޮޑު ދޮގުވެރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ލޯބިވާކަމަށް ބުނަމުން ތިބާލައްވައި އެއްވެސް ފާފައެއް ކުރުވަން އުޅޭނަމަ އެމީހަކާ އަވަހަށް ވަކިވާށެވެ! އެއީ ބޮޑު ދޮގުވެރިއެއް!

ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ފެނިފައުޅުވެފައިވާ އެއް ޢަލާމާތަކީ ލޯބިވެއްޖެނަމަ ހާމަ ތަންތަނުގައިވެސް އެކިވަރުގެ ފާޙިޝް ޢަމަލުތައް ކުރުމެވެ. ކާފިރުންނަށް އެކަން މައްސަލައަކަށް ނުވަނީ އެމީހުން ނަރަކަ ޤަބޫލުނުކުރާތީއެވެ. މަރުވުމަށްފަހު ޙަޔާތެއްވާ ކަމާއި އެ ޙަޔާތުގައި ގަދަފަދަ ޢަޛާބު ދެއްވަވާނެކަން ނުއެނގޭތީ ނުވަތަ ޤަބޫލުނުކުރެވޭތީއެވެ. ނަމަވެސް މިތިބީ އާޚިރަތް ދުވަހަށް އީމާންވެގެންނެވެ. ވީމާ ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުގައިވެސް ޢަޛާބް ދެއްވަވާނެކަން އެނގޭނެއެވެ.  

އިސްލާމް ދީނުގައި ކުރުން ޙަރާމްވެގެންވާ އަދި އެފާފަތައް ކުރުމުން ގަދަފަދަ ޢަޛާބް ދެއްވަވާ ބޮޑެތި ފާފަތައް ކޮށްފައި އެފާފަތައް ކުރެވުނީ އަނެކާދެކެ ލޯބިވާތީ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ބުނަނީ ލޯބިވާލެއް ބޮޑުކަމުން ކެތްތެރިނުވެވުނީކަމަށެވެ. އެފަދަ މީހުންނާއި އަހުރެން ސުވާލެއް ކޮށްލާނަމެވެ!  

ތިބާ، އެއުޚުތަކު ދެކެ ތިބާ ލޯބިވާ އުޚުތަކާއިއެކު ނުވަތަ ލޯބިވާ އަޚަކާއިއެކު ފާޙިޝް ޢަމަލުކުރާނަން ހެއްޔެވެ؟ ޒިނޭކުރާނަން ހެއްޔެވެ؟ ނުކުރާނެއެވެ! އޭނާއަށް ޙައްޤު އިހްތިރާމް އަދާކުރާނެއެވެ. އަދި އޭނާއަށް އެފަދަ ފާފައެއް ކުރެވެން އުޅޭނަމަ އެކަން ހުއްޓުވަންވެސް ހުއްޓުވާނެއެވެ. އެކަމަކުން އޭނާ ސަލާމަތްކުރާނެއެވެ. އެހެންކަމަށްވާއިރު ލޯބިވެގެން ކައިވެނިކުރަން އުޅޭ މީހާ އާއިއެކު ކައިވެނިނުކޮށް އެފަދަ ކަމެއް ކުރަންވީ ކީއްވެގެން ހެއްޔެވެ؟  

އަހުރެންގެ ޖަވާބަކީ ލޯބިނުވާތީއެވެ. އެއްވެސް ވަރަކަށް ލޯބިނުވާތީއެވެ. އެހެން މިބުނަނީ ވަރަށް ފަސޭހައިން ސަބަބު ފެންނަން އޮތުމުންނެވެ. އެކަން ސާބިތުކޮށްދޭން ސުވާލެއް ކުރާނަމެވެ. އެސުވާލަކީ ތިބާ ލޯބިވާ މީހަކު އަނދައަނދާހުރި އަލިފާންގަނޑަކަށް އެއްލާލައިފާނަން ހެއްޔެވެ؟  

ހަމަ ޔަޤީނުންވެސް އެއީ ކުރާނެ ކަމެއް ނޫނެވެ. އެހެންކަމަށްވާއިރު މަރުވީންސުރެ ކައްވަޅުގައިވެސް އަލިފާނުން ޢަޛާބު ދެއްވަވާނެކަން ހަދީޘްފުޅުން އެނގެން އޮތް ބޮޑުފާފައެއް ކަމަށްވާ ޒިނޭކުރާނެ ހެއްޔެވެ؟ ކުރާނެ ކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ނަރަކައިގެ އަލިފާން އެތައް ގުނައަކަށް ހޫނުގަދަވާނެކަން އެނގޭތީއެވެ.  

ހަމައެފަދައިން ތިމާ ލޯބިވާ މީހަކަށް ދޮގުހެދުމާ، އޭނާގެ އަގުވެއްޓޭފަދަ ކަންކަން ކުރުމާއި މަކަރު ހެދުން ފަދަ ކަންކަމެއްވެސް ނުކުރާނެއެވެ. ނަމަވެސް މިބުނި ފަދަ ފާފަތައް ކުރުމާއި ޚާއްޞަކޮށް ޒިނޭކުރުން ފަދަ ކަންކަން ކުރަނީ އަނެކާ ދެކެ ލޯބިނުވާތީއެވެ. 

އަންހެނުންވެސް އަދި ފިރިހެނުންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. ތިބާ ލައްވައި ފާފަ ކުރުވަން އުޅޭނަމަ އެމީހަކީ ތިބާ ދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހެއް ނޫނެވެ. އެމީހަކު އެއުޅެނީ ތިބާ ނަރަކައަށް އެއްލައިލާށެވެ! އެފަދަ މީހުންނާއި އަވަހަށް ވަކިވެ ސަލާމަތްވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން