ނަމާދުތަކަށް ރައްކައުތެރިވާ މީހަކަށް ފާފަކުރެވުނަސް މާޔޫސް ނުކުރުވާށެވެ! ހެޔޮބަސްތަކުން ހިތްވަރުދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނަމާދުތަކަށް ރައްކައުތެރިވާ މީހަކަށް ފާފަކުރެވުނަސް މާޔޫސް ނުކުރުވާށެވެ! ހެޔޮބަސްތަކުން ހިތްވަރުދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ކުޑަ ޙާދިސާއަކުން ފަށާނަމެވެ. ފާފައެއް ކުރެއްވެވިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް އައި ޞަޙާބީއެކެވެ. އޭނާ މިސްކިތުގައި ބެއިންދެވީއެވެ. ޖަމާއަތުގެ ވަޤުތު ޖެހި ނަމާދު ނިމުމުން އޭނާއަށް ޙަދީޘްފުޅު ކުރެއްވެވީ ނަމާދުކުރިންތޯއެވެ. ނަމާދުކުރިން ކަމަށް ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާއަށް ކުރެވުނު ފާފަ ވާނީ މިހާރު ފުއްސަވައި ދެއްވަވާފައިކަން ދޭހަވާ ބަސްފުޅެކެވެ.  

ނަމާދުކުރާ މީހުންނަށްވެސް ފާފަކުރެވެއެވެ. އެއީ މަދުބައެއްވެސް ނޫނެވެ. އެހެންވެ އޭނާ ފާފަކުރާކަން އެނގޭ މީހުން އޭނާއަށް ނަފްރަތުކުރެއެވެ. ފާފަކުރަމުން ނަމާދުކުރުމުގެ ބޭނުމެއް ނެތްކަމަށް ބުނެ އޭނާ މާޔޫސްވެސް ކުރުވައެވެ.  

އެޢިބާރާތުން ބުނެގެން ނުވާނެއެވެ. ވިސްނައިދޭން ބުނަންވާނީ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރުމަށެވެ. ވިސްނައިދޭންވީ ކުރާ ނަމާދުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބެން އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެން ކަމެވެ. މިހެން މިބުނާ ސަބަބުވެސް ބުނެލާނަމެވެ.   

ނަމާދުކުރުމަކީ އެމީހަކަށް ތެދުމަގު ދައްކަވާ ކަމެކެވެ. އޭނާކުރާ ނަމާދުގެ ސަބަބުން ތެދުމަގު ލިބިއްޖެނަމަ ފާފަފަކުރުން އޭނާ ހުއްޓައިލާނެއެވެ. ތައުބާވެ ފާފަކުރުން ހުއްޓާލާފައިވާ މީހުން ވަރަށް ގިނައެވެ.  

މީހަކު ނަމާދުކުރާނަމަ އޭނާ އެހުރީ ޙައްޤުމަގުގައެވެ. ދެން އޮތީ އޭނާއަށް ކުރެވޭ ފާފައެވެ. އޭނާކުރާ ނަމާދުތަކުގެ ސަބަބުން ކުރިން މިބުނި ފަދައިން އޭނާ ތައުބާވެ ފާފަކުރުން ހުއްޓާލުމަށް މަގުފަހިވެގެންދެއެވެ. އަދި ކުރެވޭ ކުދި ފާފަތައް ފުއްސަވައިވެސް ދެއްވަވައެވެ.  

ވީމާ އެއްވެސް ޙާލެއްގައި ނަމާދުކުރުމުގެ ފައިދާއެއް ނެތްކަމަށް ނުބުނާށެވެ! ކިތަންމެ ގިނައިން ފާފަކުރެވޭ މީހަކު ނަމަވެސް ނަމާދު ޤާއިމުކުރާށެވެ! ނަމާދުކުރާނަމަ އޭނާއަށް ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން