"އޭނާގެ ގެ މާއުސް، އޭނާ ދުއްވަނީ އެންމެ ފަހުގެ ކާރެއް، އޭނާގެ ފިހާރަތައް މާގިނަ، އަނބިންވެސް މާގިނަ" މިހެންގޮސް ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ މިންވަރަށް ނުރުހި އެވާހަކަ ދައްކާ ބައަކު އުޅެއެވެ. ތެދަށް ބުނާނަމަ އަހުރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންނަށް ލިބިފައިވާ ނިޢުމަތްތައް މަދުވެގެން ޝަކުވާކުރާބައެކެވެ.
އެމީހުން ޝަކުވާއެކުރަނީ ކޮން ގޮތަކަށް ކަންކަން ބަލައިގެން ކަމެއް އަހުރެންނަކަށް ނުވިސްނެއެވެ. އެހެންވެ މިބުނަނީ އަހުރެންނަށް ފެންނަ ނަތީޖާއެވެ. ތިބާގެ އަތުގައި މިއަދު ކާނެ އެއްޗެތި ހުރެފައި، ލާނެ ފޭރާން ހުރެފައި، ފުރާޅެއްގެ ދަށުގައި ދިރިއުޅެވިފައި އަދި ނިދަން އޮށޯވެލާނެ ތަންމައްޗެއް ލިބިފައިވާނަމަ ތިބާއަކީ ދުނިޔޭގެ އާބާދީގެ 75 އިންސައްތައަށްވުރެ ގިނަ މީހުންނަށްވުރެ ނިޢުމަތްތައް އިތުރަށް ލިބިފައިވާ މީހެކެވެ.
މާނައަކީ މިވަރަށްވެސް ނިޢުމަތްތައް ލިބިގެން ދިރިއުޅެވެނީ ދުނިޔޭގެ އާބާދީގެ 25 އިންސައްތަ މީޙުންނަށެވެ. ދެން ތިބި 75 އިންސައްތަ މީހުންނަކަށް މިވަރަށްވެސް ނިޢުމަތްތަކެއް ނުލިބެއެވެ.
އަހުރެމެންނަށް އޮތީ ވިސްނައި ޝުކުރުކުރުމެވެ. ޝަކުވާކުރުމެއް ނޫނެވެ. ޝަކުވާ ކުރެވިދާނެއެވެ. ނަމަވެސް ޝަކުވާކުރުމަކީ އެއްވެސް މައްސަލައެއް ޙައްލުކުރެވޭނެ ސަބަބެއް ނޫނެވެ. އެއިގެ ބަދަލުގައި އޮތީ ހިތްވަރާއިއެކު މަސައްކަތްކުރުމެވެ. ދީނުގައި އޮތްމަގުން ޢަމަލުކުރަމުން ދުޢާކުރުމެވެ.
ނިޢުމަތްތައް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ. ރިޒުޤް ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ތިބާގެ އެހެން ބޭނުންތައް ފުއްދަވައި ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. ނިޢުމަތްތައް އިތުރުކޮށްދެއްވެވުމަށް އެދޭނަމަ ތަޤްވާވެރިކަން އިތުރުކުރާށެވެ! ޚާއްޞަކޮށް ރިޒުޤް އިތުރުކޮށް ދެއްވެވުމަށް އެދޭނަމަ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ލިބޭ މިންވަރަކުން އަނބިދަރިންނަށާއި މައިންބަފައިންނަށާއި އަދި ޢާއިލާއަށް އެހީތެރިވާށެވެ. އަތްމަތި ތަނަވަސްވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިވާހަކައަށް ބަލައިފިނަމަ ﷲ ތަޢާލާ ދިވެހި ހުރިހާ ރައްޔިތުންނަށް ދެއްވަވާފައިވާ ނިޢުމަތްތައް ކިހައި ގިނަހެއްޔެވެ؟ ކާންބޯން ނުލިބޭ، އަންނައުނު ނުލިބޭ، ނިދޭނެ ގޮތެއް ނެތް މީހަކު އެބަހުރި ހެއްޔެވެ؟ ޝުކުރުވެރިވެ އެންމެ ކުޑަމިނުން އެބަ ނަމާދުތައް ކޮށްލެވޭ ހެއްޔެވެ؟