ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިމަތިވި މުޞީބާތުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! އެއީ ކިތަންމެ ބޮޑުކަމެއް ނަމަވެސް އަދި ކިތަންމެ ބިރުވެރި، ނުރައްކައުތެރިކަމެއް ނަމަވެސް ކޮންމެ ކަމެއް ކުރިމަތިވުމުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ!
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ ﷲ ތަޢާލާގެ އަޅަކު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްފިނަމަ ތިމަން ﷲ އެމީހެއްގެމަތިން ހަނދުމަފުޅު ކުރައްވަވާނެކަމަށެވެ. ގިނަ ބައަކު އެއްވެގެން ތިމަން ﷲ ގެ މަތިން ހަނދުމަކޮށްފިނަމަ ލައްވަވާނެ ރަޙްމަތް އަދި މާބޮޑެވެ.
ވީމާ ދަތިކަމެއް ކުރިމަތިވުމުން އަވަސްވެގަންނަންވީ ﷲ ތަޢާލާގެ ހަނދުމަކުރުމަށެވެ. ޢާއިލާއަށް ކަމެއް ކުރިމަތިވެއްޖެނަމަ ޢާއިލާގެ އެންމެން އެއްވެ ތިބެ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! ﷲ ތަޢާލާ އެމީހެއްގެ މަތިން ނުވަތަ އެބައެއްގެ މަތިން ހަނދުމަފުޅު ކުރައްވަވަނިކޮށް އެމީހަކަށް ނުވަތަ އެބައަކަށް ދެރައެއް ދެވޭނީ ކާކަށް ހެއްޔެވެ؟ ސަލާމަތް ނުވާނީ ކޮންކަމަކުން ހެއްޔެވެ؟
އަހުރެމެންނަށް މިއަދު މިވާގޮތަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ވާގިއެދުން ހަދަނީ އެންމެފަހުން ކުރާ ކަމަކަށެވެ. އެހެން ހުރިހާ ކަމެއްކުރުމުންވެސް ކާމިޔާބު ނުލިބުމުން ކުރާ ކަމަކަށެވެ. އެއިރުން އަހުރެމެންނަށް އެންމެ ބޮޑަށް އިސްކަންދެވޭ ފަރާތަކީ ﷲ ތަޢާލާ ކަމަކަށް ނުވޭ ނޫންހެއްޔެވެ؟
މުސްލިމުން ޢަމަލުކުރަން އޮތީ އެގޮތަކަށް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއެވެ. ކާން ފަށަމުން ބިސްމިﷲ މިކިޔަނީވެސް އެހެންވެގެންނެވެ. ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް އަލްހަމްދުލިﷲ މިކިޔަނީވެސް އެހެންވެގެންނެވެ.
އަލްޙަމްދުލިﷲ، ޝުކުރު އަލްޙަމްދުލިﷲ، މާޝާﷲ، އިން ޝާ ﷲ ފަދަ ބަސްތައް މެދުނުކެނޑީ އަބަދުވެސް ކިޔަމުން ގެންދަންވީވެސް ހަމަ އެހެންވެގެންނެވެ. ވީހާގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކާއި ޝައިޠޯނާއަށް ވެސް ކައިރިއެއް ނުވެވޭނެއެވެ. ވިއިރު ކުރަން އެއަށްވުރެ ފައިޑާހުރި ކަމެއް ނެތެއް ނޫންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން