މަރުވެފައިވާ މީހަކަށް ރަޙްމަތް ލެއްވެވުން އެދިގެން ކަމެއްކުރާއިރު ނިޔަތްގަންނަން ޖެހޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަރުވެފައިވާ މީހަކަށް ރަޙްމަތް ލެއްވެވުން އެދިގެން ކަމެއްކުރާއިރު ނިޔަތްގަންނަން ޖެހޭނެ ގޮތް-

ޢާއިލާގެ މީހަކު ނުވަތަ ގާތް މީހަކު މަރުވުމުން އެމީހާއަށް ރަހްމަތް ލެއްވެވުން އެދިގެން ކަންކަންކުރާއިރު ގިނަބައަކަށް ނިޔަތް ގަނެވެނީ ރަނގަޅަކަށް ނޫނެވެ. މިޘާލަކަށް ބުނާނަމަ ފެންވަޅެއް ބަހައްޓައިދެނީއެވެ. އެކަންކުރާއިރު ބައެއް މީހުން ނިޔަތް ގަންނަނީ މިވެނި މީހަކަށްޓަކައި އެކަން ކުރާ ކަމަށެވެ. 

އެއީ ރަނގަޅު ގޮތެއް ނޫނެވެ. ނިޔަތްގަންނަންވާނީ ﷲ ތަޢާލާއަށްޓަކައި އެކަންކުރާކަމަށެވެ. އެގޮތަށް ނިޔަތްގަނެފައި އެކަމުގެ ޘަވާބު އެމީހަކަށް ދެއްވެވުމަށް އެދޭނީއެވެ. އެއިރުން އެކަން އެގޮތަށް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ.  

އަހުރެމެން ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ކުރަންވާނީ ހަމަ މިގޮތަށެވެ. މިޘާލަކަށް ތިބާ މިސްކިތެއް އަޅަނީއެވެ. ﷲ ތަޢާލާއަށްޓަކައި މިސްކިތެއް އަޅައިފި މީހަކަށް އެފަދަ ބިނާއެއް ސުވަރުގެއިން އެމީހަކަށް ދެއްވަވާނެތެވެ. ވީމާ އެއީ ކުރަން އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. 

ނަމަވެސް މިސްކިތް އަޅަންވާނީ ﷲ ތަޢާލާއަށްޓަކައެވެ. އެކަމުގެ ޘަވާބު ތިމާއަށް ދެއްވެވުމަށް އެދޭނީއެވެ. ﷲ ތަޢާލާ އެ ޢަމަލު ޤަބޫލުފުޅުކުރައްވަވާނީ އެއިރުންނެވެ.  

ވީމާ ހެޔޮ ޢަމަލުތައްކުރާއިރު ނިޔަތްގަތުމުގައި މިކަންކަމަށް ވިސްނައިގެން ނިޔަތްގަންނާށެވެ. ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާށެވެ!

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން