ދޮގުހަދާނަމަ ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދޮގުހަދާނަމަ ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭތަ؟

"މުސްލިމުންނޭވެ! ދޮގު ހެދުމާއި ދުރުހެލިވާށެވެ! ފަހެ ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެކެވެ.! ދޮގު ހެދުމަކީ ސިއްކަ ޖެއްސެވޭ ކަމެކެވެ!"

"ދޮގު ހެދުމަކީ ސިއްކަ ޖެއްސެވޭ ކަމެކެވެ." ބުނެވޭބަހުގެ މާނައަކީ ދޮގު ހަދަމުން ގެންދާނަމަ އެމީހަކީ ދޮގުހަދާ ދޮގު ވެރިއެއް ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވެވޭނެ ކަމާއި އަދި ދޮގު ވެރިއެއް ކަމަށް ސިއްކަ ޖެހުމަކީ އެއީ އެވެ.

ދޮގުހެދުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ނަމަވެސް ދޮގުހެދުން ޢާންމުވަމުން ގޮސް ވަރަށް މަދު މީހަކު ފިޔަވައި އެންމެން ކުރާ ކަމަކަށް މިއަދު މިވަނީވެފައެބެ. ދޮގުހަދަން ޖެހިލުންވާ މީހުން އެހައި މަދުވެއްޖެއެވެ. އަދި ދޮގުހެދުމަކީ ފާފައެއް ކަމަށް ޤަބޫލުނުކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދޮގުނުބުނާށެވެ! ދޮގުބުނެގެން އެވަޤުތު ކަމަކުން ސަލާމަތްވެވުނު ނަމަވެސް ފަހުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. ދޮގުހަދާ މީހުންނަށް ހިތާމަކުރަންޖެހޭނީ ހަމައެކަނި އާޚިރަތް ދުވަހަކު ނޫނެވެ. މިދުނިޔޭގައިވެސް އެކަން އައިސް އަރާހަމަކުރެއެވެ.

ދެމަފިރިން އެކަކު އަނެކަކަށް ދޮގުނުހަދާށެވެ! އަދި ދަރިންނަށްވެސް ދޮގުނުހަދާށެވެ! ދެމަފިރިން އެކަކު އަނެކަކަށް ދޮގުހެދުމުން ފާފަވެރިވާ ފަދައިން ދަރިންނަށް ދޮގުހެދިނަމަވެސް ދާނީ ފާފަވެރިވަމުންނެވެ.

ދޮގުބުނެ އެކަކު އަނެކަކަށް ކަންކަން އޮޅުވައިލާ ޢާއިލާއެއްގައި އެއްވެސް ހަމަޖެހުމެއް ނުއޮންނާނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ހެދި ދޮގުން ސަލާމަތް ނުވެވިގެންނެވެ. އިތުބާރު ގެއްލި ބަސްޤަބޫލުނުކުރެވޭ ޙާލަތަށް ކަންކަން ދާނެއެވެ. އެއިރުން އޮންނާނީ ވަކިވާންޖެހުން ގާތްވެފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން