ދިރިއުޅުމުގަ ގިނަ ބައަކަށް ލަނޑު ލިބެނީ ފެންނަ މީހާގެ ހިތުގެ ޙާލަތަށް ވިސްނާނުލައި ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ފަހަތުން ދުވެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދިރިއުޅުމުގަ ގިނަ ބައަކަށް ލަނޑު ލިބެނީ ފެންނަ މީހާގެ ހިތުގެ ޙާލަތަށް ވިސްނާނުލައި ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ފަހަތުން ދުވެވޭތީ!

ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭނަމަ އެންމެ މުހިންމު ކަމަކީ ބައިވެރިޔާގެ ރީތިކަން ޤަބޫލުކުރުމެވެ. ރީތިވާންވީ ބޭރުފުށުގެ ސިފައެއް ނޫނެވެ. އެންމެ މުހިންމީ ހިތެވެ. އެތެރެފުށުގެ ސިފައެވެ.  

އިސް ތިރިނުކޮށް ހިނގާނަމަ ބަލައިލަން ވަރަށް ރީތި މީހުން ފެންނާނެއެވެ. ނަމަވެސް އެމީހުންގެ ހިތުގެ ރީތިކަން ނުވަތަ ހިތް ނުތާހިރު މިންވަރު އެނގެނީ ކިހިނަކުން ހެއްޔެވެ؟ މައްސަލައަކަށް މިވަނީ ހިތުގެ ރީތިކަމަށް ނުބަލައި ބޭރުފުށުން ފެންނަ ރީތިކަމުގެ އަވާގައި ޖެހެވޭތީއެވެ.   

މިއަދުގެ ޒުވާން މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް މިވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އެއީ ހުޅަނގުގެ މީހުން އުޅޭ ގޮތާއި ކުރާ ކަންކަން ލޮލަށް ފެނުމުން އެކަންކަމަކީ ތިމާއަށްވެސް އެންމެ ފައިދާހުރި ކަންކަން ކަމުގައި ބަލައިގަނެވުމެވެ.  

ލޮލަށް ފެންނަން ފެނުމަށް އިތުބާރުކުރެވެނީއެވެ. އެކަންކަން ކުރުމުން ތިމާއަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަމަށް ޤަބޫލުކުރެވެނީއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅު ދޫކޮށްލެވެނީއެވެ. ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރެވެނީއެވެ.  

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެނީ ފުރަތަމަ ކަމަކަށް ތިބާއަށް ދެ ލޯ ދެއްވެވީ ﷲ ތަޢާލާއެވެ. ދެލޮލަށް ފެނުން ދެއްވެވެވީވެސް ﷲ ތަޢާލާއެވެ. ދެލޮލަށް ފެންނަނީވެސް ﷲ ތަޢާލާގެ އިޛްނަފުޅާއިއެކުގައެވެ. އެކަލާނގެ ބޭނުންފުޅުވެވޮޑިގެންފިނަމަ ކޮންމެ ވަޤުތަކުވެސް ތިބާގެ ދެލެލުގެ ފެނުން އަނބުރާ ގެންދެވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އިތުރަށް ދުވަހަކުވެސް ތިބާއަށް އެއްވެސް ތަނެއް ނުދެއްކެވުމަށްވެސް ކުޅަދުންވަންތައެވެ.  

ލޮބުވެތި ޒުވާނުންނޭވެ! އިތުބާރުކުރަންވީ ލޮލަށް ފެންނަ ކަންކަމަކަށް ނޫނެވެ. އިތުބާރުކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. ﷲ ތަޢާލާ ކަމެއް ޙަރާމްކުރައްވަވައިފިނަމަ އެކަމަކީ ޙަރާންކަމެއްގެ ގޮތުގައި ބަލައިގަންނާށެވެ!  

ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ޒީނަތްތެރިކޮށްގެން ތިބާއަށް ދައްކުވަނީ ޝައިޠޯނާއެވެ. ބެލުންތައް ތިރިކުރަން އަންގަވާފައިވާކަން އެނގޭއިރުވެސް އެކަން ނުކުރެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. 

ބުނަންހެއްޔެވެ؟ ބެލުންތައް ތިރިނުކުރެވޭ މީހަކަށް ދުވަހަކުވެސް އެމީހާގެ ބައިވެރިޔާގެ ހުރި ރީތިކަމެއް ނުފެންނާނެއެވެ. އަބަދުވެސް ރީތިވާނީ ލޮލަށް ފެންނަ އެހެން މީހުންނެވެ. ގިނަ ކައިވެނިތައް ރޫޅެމުން މިދަނީވެސް ހަމަ އެސަބަބަށްޓަކައެވެ. ވީމާ އާޚިރަތް ދުވަހު ސަލާމަތްވެވުމުގެ އިތުރުން ދުނިޔޭގެ ދިރިއުޅުންވެސް ސަލާމަތްކުރެވެން މިއޮތީ ބެލުންތައް ތިރިކުރެވުނު ވަރަކުންނެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން