މިއޮތީ ހަމައެކަކު ތިބާގެ އަގުވަޒަން ނުކުރިޔަސް އެކަމަށް ކަންބޮޑުނުވެ އުފަލުގެހުރެވޭނެ ގޮތް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މިއޮތީ ހަމައެކަކު ތިބާގެ އަގުވަޒަން ނުކުރިޔަސް އެކަމަށް ކަންބޮޑުނުވެ އުފަލުގެހުރެވޭނެ ގޮތް- އިން ޝާ ﷲ

އެހެން މީހުން ތިމާގެ އަގުވަޒަންކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް ލިބޭ ނިޢުމަތެއް ނޫނެވެ. ދިރިއުޅެމުން ގެންދަންވީ އެކަމަށް ވިސްނައިގެންނެވެ. 

ތިމާ ބޭނުންވާ ކަންތައްތަކެއް އަނެކާގެ ކިބައިން ޙާޞިލުކުރެވޭނަމަ އެއީ ވަރަށް މުހިންމު މީހަކުކމަށްވެސް ހަދައެވެ. އަދި ބޭނުންވާ ކަންކަން ޙާޞިލުކުރެވުނުއިރު މުހިންމުވެފައި ޙާބިލުނުވާން ފެށުމުން މުހިންމުކަން ކެނޑިގެންދާކަން އެއީވެސް ގިނަ ބައެއްގެ ކިބައިން ފެންނަ ކަމެކެވެ. ވީމާ ތިބެންވީ ކޮންމެ ވަޤުތަކުވެސް ތިމާއަށްވެސް އެފަދަ ގޮތެއް މެދުވެރިވެދާނެކަމަށް ވިސްނައިގެންނެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް ގިނަ ބައަކު އެންމެ ބޮޑަށް ދެރަވެ ހިތްދަތިހާލުގައި ތިބޭ އެއް ސަބަބަކީ އެހެން މީހުން އެމީހަކީ އެއްވެސް މީހަކު ނޫން ކަމަށް ދެކޭކަމެވެ. އަގުވަޒަން ނުކުރާ ކަމެވެ. އެކަމަކު މިއީ އެއްގޮތަކަށްވެސް ދެރަވެ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. 

ބުނަން ހެއްޔެވެ؟ ކިތަންމެ ގާތް މީހަކުނަމަވެސް އަދި އެއީ ތިބާގެ އަގުވަޒަންކުރަންޖެހޭނެ މީހަކު ނަމަވެސް އެކަން ނުކުރާނަމަ އެކަމާ ތިބާ ވިސްނަންވީއެއް ނޫނެވެ. ތިބާވެސް އެމީހަކާއިމެދު ހަމައެގޮތަށް ދެކޭށެވެ. 

ހިތަށް ގެންނާށެވެ! އޭނާ ނުވަތަ އެބައަކު އަހުރެންގެ އަގު ވަޒަންނުކުރިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންގެ އަތުން ގެއްލޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހުރެންނަށް މަދުވާނީ ކޮންކަމެއް ހެއްޔެވެ؟ އިން ޝާ ﷲ ﷲ ތަޢާލާ އަހުރެންގެ އަގުވަޒަންކުރައްވަވަތެވެ. އަހުރެންނަށް ބޭނުންވާ ހުރިހާ ކަންކަން ފުއްދަވައި ދެއްވަވަތެވެ. 

އަދި އަހުރެން ސުވަރުގެ ވައްދަވާނީ އެއްވެސް މީހެއްގެ ރުހުން ލިބިގެނެއް ނޫނެވެ. އަހުރެންނަށް މުހިންމީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ސުވަރުގެ ވެއްދެވުމެވެ. އިން ޝާ ﷲ ﷲ ތަޢާލާ އަހުރެން ސުވަރުގެ ވައްދަވާނެތެވެ. 

މިމޭރުމުން ވިސްނުމަށްފަހު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. ފަރުޟު ނަމާދުގެ އިތުރުން ވީހައި ގިނައިން ސުންނަތް ނަމާދުތައްކޮށް ޛިކުރުކުރުން ގިނަކުރާށެވެ. ތިބާގެ އަގު ވަޒަން ނުކުރި މީހާއަށް ތިބާ ކުރިން ހޭދަކުރި ވަޤުތުތައް މިބުނި ފަދަ ހެޔޮ ޢަމަލުކުރުމަށް ބޭނުންކުރާށެވެ! 

އިން ޝާ ﷲ ތިބާގެ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ. އުފާވެރިކަމާއި ކުރިއެރުން ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން