ދެރަގޮތެއް މެދުވެރިވިޔަސް ފުރިހަމަ ބަދަލު ތިމާއަށް ލިބޭނެ، އެންމެ ފައިދާ ބޮޑު ކައިވެނި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދެރަގޮތެއް މެދުވެރިވިޔަސް ފުރިހަމަ ބަދަލު ތިމާއަށް ލިބޭނެ، އެންމެ ފައިދާ ބޮޑު ކައިވެނި-

މީހަކު ތިބާގެ ކައިވެންޏަށް އެދިގެން އައީއެވެ. އޭނާގެ އަތުގައި ފައިސާ އެބަހުއްޓެވެ. ބަލައިލަންވެސް ރީތި މީހެކެވެ. ގެދޮރާއި އަގުބޮޑު ކާރުވެސް އެބަހުއްޓެވެ. އެހިސާބުން އިތުރު އެއްވެސް ކަމަކަށް ބަލައިވެސް ނުލާ ކައިވެނިކުރަން ނިންމާ އަންހެނުން ބައިވަރެވެ.  

ގިނަ އަންހެނުންނަށް އެފަދަ ފިރިހެނަކާއި ބައްދަލުވެވުމުން ބެލިފައި އޮންނަނީ ތިމާ ބޭނުންވާ ހުރިހާ ކަންކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ. އެހެންވެ އެއްބަސްވެ އަވަހަށް ކައިވެނިކުރަނީއެވެ. ކައިވެނިކުރުމުން ގެންދަނީ ހުރިހާ ކަންކަން ފުރިހަމަ ރީތި ބޮޑު ގެއަކަށެވެ. 

އޭނާގެ އަޞްލު ސިފަ މިފެންނަނީ އެހިސާބުންނެވެ. ﷲ ތަޢަލާއަށް ބިރުވެތިވާ މީހެއް ނޫނެވެ. އެންމެ ނަމާދެއްވެސް ކުރާ މީހެއް ނޫނެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރަން ބިރުގަންނަ މީހެއް ނޫނެވެ.   

ދެންވެސް އަޅައެއް ނުލެވެއެވެ. ލިބިފައިވާ ތަނަވަސް ދިރިއުޅުމުގެ މަސްތުގައި ޖެހެވި އިނދެވެނީއެވެ. އެހެން އިންދައި ހޭވެރިކަން މިވަނީ ދުވަސްކޮޅެއްވާއިރަށް ވަރިކޮށްލާފައި ފޮނުވާލުމުންނެވެ. ކުރިން ދިރިއުޅުނު ޙާލަށްވުރެވެސް ނިކަމެތި ޙާލުގައި ދިރިއުޅެން ޖެހުމުންނެވެ. ގިނަ ފަހަރަށް ދަރިންތަކެއްވެސް ގޮވައިގެންނެވެ.  

ދެން ވިސްނާލަންވީ މިހެންވާން ދިމާވި ސަބަބަށެވެ. އެ ސަބަބު ވަރަށް ސާފެވެ! ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކާއި ކައިވެނި ކުރެވުނު ކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކާއި ކައިވެނިކުރިނަމަވެސް ކައިވެނި ރޫޅިވެސްދާނެއެވެ. ނަމަވެސް ވަރަށް މަދުންނެވެ. ސަބަބަކީ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު ނަމަ ވަރިކުރަން ބިރުގަންނާނެއެވެ. ޖެހިލުންވާނެއެވެ. އެއީ ވަރިކުރުމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނަމަވެސް އެކަމެއް ކުރަން ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައް ކަމުގައިވާތީއެވެ.

ހަމަ އެއާއިއެކު އިތުރު ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. ދީންވެރިކަމަށް އިސްކަންދީގެން ކުރާ ކައިވެންޏެއް، އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިވެ، ކިޔަމަންތެރިކަން އަދާކުރަމުން ދަނިކޮށް ރޫޅިއްޖެނަމަ ބަދަލުގައި މާބޮޑު ރަޙްމަތެއް މިންވަރުކުރައްވަވާނެވެ. އިން ޝާ ﷲ. އެއީ ތިބާ ކައިވެނިކުރުމުގައިވެސް ކައިވެނީގެ ފަހުންވެސް ﷲ ތަޢާލާއަށް ކިޔަމްނަތެރިކަން އަދާކުރީތީއެވެ.  

ވީމާ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އެންމެ މުހިންމުކަމެއްގެ ގޮތުން ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު އިޚްތިޔާރުކުރާށެވެ! ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން