އަހުރެން ފަށާނީ މިޘާލަކުންނެވެ. ދަތިޙާލެއްގައިވާ މީހަކުގެ ގާތުގައި ރޭއަޅުކަންކޮށް ދުޢާކުރަން ބުނާއިރު ތިމާވެސް ރޭއަޅުކަންކުރާކަމާއި އެކަމުން ތިމާގެ ޙަޔާތަށް ލިބިފައިވާ ކުރިއެރުމެއްގެ ވާހަކަ ބުނުމަކީ ކުރާ އަޅުކަން އިޝްތިހާރުކުރުން ކަމަކަށް ނުވާނެއެވެ. ވާނީ އަނެކާއަށް ވިސްނައިދީ ހިތްވަރުދިނުން ކަމަށެވެ.
ހަމަ މިގޮތަށް ހެޔޮކަމެއް ކުރަން މީހަކަށް ނަޞޭޙަތްދިނުމުން އެކަން ކުރަންތޯ ތިބާއާއި ސުވާލުކޮށްފާނެއެވެ. އެހިނދުގައި ތިމާކުރާ އަޅުކަން ސިއްރުކުރުމުގެ ގޮތުން ޖަވާބުނުދީ ނުތިބޭށެވެ! އެފަދަ ގޮތަކުން ސުވާލުކުރެވިއްޖެނަމަ "އިން ޝާ ﷲ އަހުރެންވެސް ކުރަމެވެ" ބުނާށެވެ.
އެމީހަކު ކުރާ އަޅުކަން ސިއްރުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެޙާލަތުގައި އެގޮތަށް ބުނަންޖެހެނީ ކުރާ އަޅުކަން ހާމަކުރާކަށް ނޫނެވެ. އަނެކާއަށް ހިތްވަރު ދިނުމަށެވެ.
މީހުންގެ ގާތުގައި ހެޔޮ ޢަމަލުތައް ކުރަން، ކަމެއް އިޞްލާޙްކުރަން ނަޞޭޙަތްދިނުން އޮތީ އެމީހަކު އެކަމަށް ޢަމަލުކުރަމުންނެވެ. އަނެކާއަށް އެކަން ބަލައިގަންނަން ފަސޭހަވާނީ އެއިރުންނެވެ.
މިޘާލަކަށް ތިމާ ނަމާދުތަކަށް ރައްކައުތެރިނުވެ، ނަމާދު ޤާއިމުނުކޮށް ހުރެގެން އެހެން މީހުންނަށް ނަމާދުކުރަން ނަބޭޙަތްދިނުމެއް ނެތެވެ. ތިމާ ތިމާގެ އަމިއްލަ އަނބިދަރިންނަށް އަނިޔާވެރިވެ ނުބައިބަސްތައް ބުނަމުން އެހެން މީހުންނަށް އެކަން ނުކުރަން ނަޞޭޙަތްދިން ނަމަވެސް އެކަން ބަލައެއް ނުގަންނާނެއެވެ.
ވީމާ ފުރަތަމަކަމަކަށް ތިމާގެ ޢަމަލުތައް އިޞްލާޙްކުރާށެވެ. ހެޔޮ ބަސްބުނެ، ހެޔޮކޮށް ހިތައި އަދި ހެޔޮ ޢަމަލުތައްކުރާ މީހަކު ކަމުގައިވާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން