އެހެން މީހުންގެ ކުދިންދެކެވެސް ލޯބިވެ އަޅައިލުމަކީ އެކަމުގެ ފައިދާ އަމިއްލަ ދަރިންނަށްވެސް ކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެހެން މީހުންގެ ކުދިންދެކެވެސް ލޯބިވެ އަޅައިލުމަކީ އެކަމުގެ ފައިދާ އަމިއްލަ ދަރިންނަށްވެސް ކުރާނެ ކަމެއް!

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ދަރިންނަށް ލޯބިދީ އަޅައިލުމުން ނިމުނީ ކަމަށެވެ. ނަމަވެސް މުސްލިމުންނަށް އެހިސާބަކުން އެކަމެއް ނުނިމެއެވެ. ސުންނަތުގައި އޮތީ ހަމައެކަނި އެމީހެއްގެ ދަރިންނަށް އަޅާލައި ލޯބިދިނުމެއް ނޫނެވެ.  

އެކަން އެނގިގެންދަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަ އަށް މަގުމަތިން ކުޑަކުދިން ފެނިވަޑައިގަތުމުން އެކުދިންގެ ގާތަށް ވަޑައިގެން އެކުދިންނަށް އަޅުއްވަވާލައްވަވައި ލޯބި ދެއްވަވައި އެކުދިންނާއިއެކު ކުޅިވަރުވެސް ކުޅުއްވެވީތީއެވެ.  

ކުޑަކުދިންނަށް އެކުދިންގެ މައިންބަފައިން ނޫން މީހުން އަޅާލައި ލޯބިދޭނަމަ އެކަމުގެ ހަނދާން އެކުދިންގެ ހިތުގައި ހުންނާނެއެވެ. ބޮޑެތިވުމުން އެކުދިންވެސް އެހެން މީހުންގެ ދަރިންނަށް ލޯބިދޭނެއެވެ. އެކަން ދާނީ ވާރުތަވަމުންނެވެ. އެއިރުން އެކަން ވާނީ ސުންނަތް ދިރުވުން ކަމުގައެވެ.  

އިސްލާމް ދީން މަތިވެރިކުރެވޭނީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރެވިގެންނެވެ. ދަރިން އެގޮތުގައި ތަރުބިއްޔަތުކުރެވޭނީ ދަރިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުވިގެންނެވެ. ދަރިންނަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ކިޔައިދޭށެވެ. އިތުރުއެކަލޭގެފާނުގެ ޚުލްޤްފުޅު ކިޔައިދޭށެވެ. ކުޑަކުދިންނަށް ބެހެއްޓެވި ސަމާލުކަމާއި އޯގާތެރިކަމާއި ލޯބި ދެއްވެވި މިންވަރުވެސް ކިޔައިދޭށެވެ. އެއިރުން އެކުދިންގެ ހިތްތަކުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދާނީ ލޯބި އިތުރުވަމުންނެވެ. އިން ޝާ ﷲ ބޮޑުވުމުންވެސް އެކަމުގެ ފައިދާ ދަރިންނަށް ކުރާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން