ޤިޔާމަތް ދުވަހު ދެފައިގެ ބަދަލުގަ ބިންމަތީގަ މޫނު ވިއްދައިގެން ހިނގަމުން މަޙްޝަރުމައިދާނަށް ދާންޖެހޭނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ޤިޔާމަތް ދުވަހު ދެފައިގެ ބަދަލުގަ ބިންމަތީގަ މޫނު ވިއްދައިގެން ހިނގަމުން މަޙްޝަރުމައިދާނަށް ދާންޖެހޭނެ މީހުން-

ދުނިޔޭގައި އުޅެން ﷲ ތަޢާލާ ދެއްވެވި ފުރުޞަތުގައި ﷲ ތަޢާލާއަށް އުރެދި އެމީހަކު ބޭނުންވާހައި ގޮތަކަށް އުޅޭ މީހުން މިލިޔުން ކިޔައިލުން ވަރަށް މުހިންމެވެ. ޤިޔާމަތް ދުވަހު ކުރިމަތިވާނެ ކަންކަން ވިސްނި އެމުޞީބާތްތަކުމް ސަލާމަތްވުމަށް މަސައްކަތްކުރަން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ

ޤިޔާމަތްދުވަހުން އެމީހުންގެ މޫނުން، މޫނު ވިއްދައިގެން ހިނގަމުން މަޙްޝަރު މައިދާނަށް ދާންޖެހޭނެ ބައަކު ތިބޭނެއެވެ.  

ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނަށް މީހުން ޖަމާކުރެވޭއިރު 3 ދަރަޖައެއްގައި ހިނގާނެ ނުވަތަ ދަތުރުކުރާނެއެވެ. އެއް ބައަކު ދަތުރުކުރާނީ ސަވާރީތަކުގައި ވަރަށް އަރާމުގައެވެ. އަނެއް ބައަކު ފައިމަގުގައި ހިނގާނެއެވެ. އަނެއްބައަކު ހިނގާނީ އެމީހުންގެ މޫނުންނެވެ. ދެފައިކޮޅު މައްޗަށް ނަގައިގެންނެވެ. ޗޭނުޖެހި ކަސްތޮޅު އެޅިގެންނެވެ. އެންމެ ނުބައި ކުށްތައް ކުރާ ކުށްވެރިން ތަނަކަށް ހާޒިރުކުރެވޭނެ ގޮތަށްވުރެ މާ ވާން ބޮޑު ގޮތުގައެވެ.  

"މޫނުން ހިނގާނީ ކިހިނަކުންތޯ؟" ޞަޙާބީން ސުވާލުކުރެއްވެވުމުން ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދެފައިން ހިނގުމުގެ ކުޅަދާނަކަން ދެއްވެވި ﷲ ތަޢާލާއަށް އެގޮތަށް އިރާދަ ކުރެއްވެވުމަކީ އެއްވެސް އުނދަގޫފުޅު ކަމެއް ނޫންކަމަށެވެ. ސުބްޙާނަﷲ!  

ދެފައިކޮޅު މައްޗަށް ނަގައި މޫނުން ހިނގާނީ ދުނިޔޭގައި ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވީ މީހުންނެވެ. އެމީހުންގެ ހުރިހާ ތަނަކަކީ ދުނިޔެ ކަމަށް ބަލައިގެން ދުނިޔޭގައި އުޅުނު މީހުންނެވެ.

ވީމާ ރޯލްސްރޮއިސް، މާސީޑަސް ބެންޒް ފަދަ ދުނިޔޭގެ އެންމެ އަގު ބޮޑު ކާރާއި ވެހިކަލްތަކުގައި ދުއްވައި ޖެޓްތަކުގައި އުދުހޭ ގިނަ ބައަކަށް ގިނަ ބައަކަށް ޤިޔާމަތް ދުވަހު ޖެހޭނީ ދެފައި މައްޗަށް ނަގައިގެން މޫނުގައި ހިނގާށެވެ. ދުނިޔޭގައި ފެންނަމުން މިދާ ކަންކަމަށް ބަލާއިރު، އެފަދަ މުއްސަނދިންގެ ދިރިއުޅުމަށް ބެލުމުން ފެންނަ ގޮތުން ބުނަން ޖެހޭނީ އެފަދަ މީހުންގެ ތެރެއިން ޤިޔާމަތް ދުވަހު ސަވާރީއެއްގައި ދަތުރުކުރެވޭނީ ހަމަ މިލިއަނަކުން މީހަކަށްވުރެވެސް މަދު އަދަދެއްގެ މީހުންނަށް ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ދުނިޔެއާއި އާޚިރަތުގެ މިލްކުވެރި ހަމައެކަނި ފަރާތް ކަމުގައިވާ ﷲ ތަޢާލާ އެވެ.  

ޤިޔާމަތް ދުވަހު ސަވާރީތަކުގައި ދަތުރުކުރާނީ ދުނިޔޭގައި ﷲ ތަޢާލާ އުޅެން އެންގެވި ގޮތަށް އުޅުނު މީހުންނެވެ. ކީރިތި ޤުރްއާނުގައި އަންވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މީހުންނެވެ. ޝައިޠޯނާ ކިތަންމެ ވަރަކަށް ވަސްވާސް ދިން ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަ ނުކުރި މީހުންނެވެ. އެއީ "މުއްތަޤީނުން"ނެވެ.  

މިދެއްކީ ހިސާބު ބެއްލެވުމުގެ ކުރީގައި ވެސް ކަންކަން ހިނގާނެ ގޮތުގެ ވާހަކައެވެ. ވީމާ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ސަވާރީގައި ދަތުރުކުރެވޭނެ މީހެއް ކަމުގައި ވުމަށެވެ. ދުނިޔޭގައި ޖެޓުގައި އުދުހުނު ނަމަވެސް ޤިޔާމަތް ދުވަހު މޫނުން ހިނގަން ޖެހިއްޖެ ނަމަ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން