ޝަރުޠުހަމަވާނަމަ އަހުރެންގެ އެކުވެރިޔާ ގޮތަށް 4 އަނބިން ހަމަކޮށް އަމަލުކޮށްބަލަ! އުފާވެރިކަމާ ކުރިއެރުން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ޝަރުޠުހަމަވާނަމަ އަހުރެންގެ އެކުވެރިޔާ ގޮތަށް 4 އަނބިން ހަމަކޮށް އަމަލުކޮށްބަލަ! އުފާވެރިކަމާ ކުރިއެރުން ދެއްވަވާނެ! އިން ޝާ ﷲ

ތަނަވަސް ދެއްވަވަނީ ﷲ ތަޢާލާއެވެ. ތަނަވަސްކަން ދެއްވަވަނީ ހިތަށް އެރިހައި ގޮތަކަށް އެއިގެ ބޭނުންކުރާކަށް ނޫނެވެ. ތިމާގެ ބޭނުންތައް ފުއްދުމުގެ އިތުރުން ޢާއިލާގެ އެހެން މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޚާއްޞަކޮށް އަނބިދަރިންނަށާއި މައިންބަފައިންނަށް އެހީތެރިވުމަށެވެ. އެމީހުންގެ ކަންކަން ބެލެހެއްޓުމަށެވެ.  

ނަމަވެސް ފެންނަމުންދާ ކަންކަމަށްބަލާއިރު އެކަން ވިސްނޭ މީހުން ގިނަ ކަމަށް ބުނެވޭކަށް ނެތެވެ. ގިނަ ބައަކަށް ތަނަވަސްކަމުގެ ބޭނުންކުރެވެނީ ތިމާ ބޭނުންވާ އުފާތައް ޙާޞިލުކުރުމަށެވެ. ޚާއްޞަކޮށް ޒުވާން، ރީތި އަންހެނުންނަށް ޚަރަދުކުރުމަށެވެ. ގިނަ ފަހަރަށް ދުވެވެނީ ތިމާއަށްވުރެ މާ ހަގު އަންހެންކުދިންގެ ފަހަތުންނެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ބަނގުރޫޓުވުމެވެ. ދަރައިވިކުމެވެ. ދަރަނި އަދާނުކުރެވިގެން، ލޯނު ނުދެއްކިގެން މޯގޭޖް ވިއްކާލަންޖެހުމެވެ.

މިއީ ހޭލުންތެރިވާންޖެހޭ ކަމެކެވެ. ތަނަވަސްކަން ހުރެފައި ޞިއްޙީ ޤާބިލުކުރަން ހުރިނަމަ އަދި ދީނުގައި އޮތް ގޮތަށް ޢަމަލުކުރެވޭނެ ނަމަ ހެޔޮލަފާ  އިތުރު އަނބިން ހޯދުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްމިވަނީ ޢުމުރުގެ ގޮތުން ތިމާއާއި ނުބައްދަލު ޒުވާންކުދިންނަށް ޚަރަދުކުރުމެވެ. އެކުދިން ބުނާހައިކަމެއް ކޮށްދީގެން އެކުދިން ގެންގުޅެން ބޭނުންވުމެވެ.  

ގިނަ ފަހަރަށް އެކުދިންނާއި ގުޅުންތައް ބާއްވަނީ ކައިވެނީގެ ބޭރުންނެވެ. ނަތީޖާއަކަށްވަނީ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވުމެވެ. އެފަދަ މީހުންގެ ތަނަވަސްކަން ގެއްލި ބަނގުރޫޓުވާ ސަބަބަކީވެސް އެއީއެވެ.  

އަހުރެންގެ ތަނަވަސް އެކުވެރިއަކު 4 އަނބިން ހަމަކޮށްފިއެވެ. 4 އަނބިންނަކީވެސް ރީތި އަންހެނުންނެވެ. އޭނާއާއި އެއް ޢުމުރުގެ އަންހެނުންނެވެ. އެކަކީ 3 ކުދިންނާއިއެކު އެކަބިވެރިވެފައި އިން އަންހެނެކެވެ. އަނެކަކީ 5 ދަރިންނާއިއެކު ހުވަފަތްވެފައި އިން އަންހެނެކެވެ. އަނެއް އަނބި އޭނާއަށްވުރެ ހަގީ 5 އަހަރެވެ. އެއީވެސް ސަބަބުތައް މެދުވެރިވެ ކައިވެނިނުކުރެވިފައި އިން އަންހެނެކެވެ.  

4 އަނބިންގެ މެދުގައި ހަމަކުރެއެވެ. އެހެންވެ 4 އަނބިންވެސް ގުޅެއެވެ. އެހެންވެ އޭނާއަށް ލިބިފައިވަނީ އުފާވެރި ދިރިއުޅުމެކެވެ. އަހުރެން ބުނާނީ އޭނާފަދައިން ކަންކަންކުރާނަމަ އަނބިން ގިނަކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމުން ލިބޭނީ އިތުރުކުރިއެރުމެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ކަންކަން ކުރެވޭނަމަ އެމީހަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.  

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އޭނާގެ ތަނަވަސްކަންވެސް ދަނީ އިތުރުވަމުންނެވެ. އެއީ ނިކަމެތިކަން ލިބި ޙާލުގައި ޖެހިފައިތިބި ކުދިންތަކަކަށް އެހީތެރިވެދޭތީ ކަމަށްވެސްވެދާނެއެވެ. ޔަތީމް ކުދިންނަށް އެހީތެރިވާ މީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"އަހަރެންގެ ފިރިމީހާ އާ ދުރުގަ ހުރެދޭނީ ކިހާ ފައިސާއެއް ދިނީމަތަ؟"  

މިއީ ބޮސްގެ ސެކެޓްރީއަށް ބޮސްގެ އަނބިމީހާ މެސެޖެއް ފޮނުވައި ކުރި ސުވާލެކެވެ. ޖަވާބުގައި ސެކެޓްރީ ފޮނުވީވެސް މެސެޖެކެވެ.  

"އަހަރެންނަށް އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ތިއަ މުޞީބާތުން މެޑަމަށް ސަލާމަތްވެހުރެވޭނީ މެޑަމަށް ބޮސް ހައްޔަރުކޮށްފައި ބެހެއްޓުނު ދުވަހަކުންނެވެ. ނޫންނަމަ ކޮންމެވެސް އަންހެނެއްގެ ގާތަށް ބޮސްދާނެއެވެ.  

ދެން ބުނެލަން އޮތީ އަހަރެން ބޮސް ޖަހައެއް ނުގަންނާނަމެވެ. އެހެން އަންހެނަކު ހަމަ ފަހަރެއްގައި ޖަހައިވެސް ގެންފާނެއެވެ. އެއިރުން މެޑަމަށް ލިބޭނެ ދެރަ މާބޮޑުވާނެއެވެ. ވީމާ ހަދަންވީ ގޮތް އަންގައިލާށެވެ."  

މެޑަމްގެ ޖަވާބް:  

"ޖަހައި ނުގަންނާނެ ކަމަށް ބުނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! އެކަމަށް ހަދިޔާވެސް ދޭނަން! ތިއަ ބެހެއްޓި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!"

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެއްގެ ތަންކޮޅެކެވެ. ކިޔާފައި ހިތަށް އެރިއެވެ. "މިއީ މިއަދުގެ ޙާލު ހުރި ގޮތެވެ. ސެކެޓްރީ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ބޮސް ބުނާ ކަންކަން ކޮށްނުދީފިނަމަ ކޮށްދޭނެ ސެކެޓްރީއެއް ހޯދާނެއެވެ. 2 ވަޒީފާ އަދާކުރަން ނުޖެހޭ ސެކެޓްރީން ވަރަށް މަދުވާނެއެވެ.  

މިވާހަކައިގައި ބުނާ ގޮތުން ސެކެޓްރީގެ އުމުރަކީ 22 އަހަރެވެ. ބޮސްގެ އުމުރަކީ 62 އަހަރެވެ. މި ސެކެޓްރީ ބޮސް ޖަހައި ނުގަންނާނެ ކަމަށް އެބުނާ ސަބަބަކީ އެއީ ކަމަށްވެދާނެއެވެ. ބައެއް ސެކެޓްރީން ބޭނުންވާނީ އުމުރުގެ ތަފާތުން ވިދުވަރު ދައްކައި ބޮސްއާ ކައިވެނިކޮށް ބޮސްގެ މުދާގަނޑުން ބައެއް އަތުލުމަށެވެ.  

އަޅުގަނޑަކީ ވެސް މިފަދަ ބޮސްއެއްގެ ކުރީގެ އަނބިމީހާއެވެ. 3 ދަރިން ތިބުމުން 10 އަހަރު ކެތްކުރުމަށްފަހު ވަރިވެ 2 ވަނަ ކައިވެންޏެއް ކޮށްގެން މިހާރު ދިރިމިއުޅެނީ ރަށުގައެވެ. ކޮންމެހެން ބޮޑާވާކަށް ނޫނެވެ! އަޅުގަނޑުގެ މިހާރުގެ ފިރިމީހާގެ 2 މަސްދޯނި އެބަދުއްވައެވެ. އަނެއް ދޯނި ބަނދެނިމިފައެވެ! ކުރީގެ ފިރިމީހާ 3 ފިހާރަ ހުލިވެ ދަރައިގެން ކުރީއަހަރު ގޯތި ވިއްކާލިވާހަކަ އަޑުއެހީމެވެ. ބިގް ބޮސް ބޮޑުކޮސް ހެދީމާ ވާނެ ގޮތްވީއެވެ! ސެކެޓްރީ ގެއްލުނުތާ 4 އަހަރުވެއްޖެ ކަމަށްވެސް ޚަބަރުލިބެއެވެ.  

- ޒޫނާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން