ޢަލީ އިޙްޞާން ފިރާޤް
ސުލައިމާނުގެފާނު، ހިނީގެ ވާދީގައި:
އެއްދުވަހަކު، سليمان عليه السّلام އެކަލޭފާނުގެ ލަޝްކަރާއެކު ކޮންމެވެސް ތަނަކަށް ވަޑައިގެންނެވިއެވެ. އެ ބިޔަބޮޑު ލަޝްކަރުގައި އިންސާނުންނާއި ޖިންނީނާއި ދޫނިސޫފާސޫފި އެކުލެވިގެންވެއެވެ. އެކަލޭގެފާނު ލަޝްކަރައިގެން ވަޑައިގަންނަވާ އިރު ދޫނިސޫފާސޫފިތައް އެކަލޭގެފާނުގެ ލަޝްކަރަށް ހިޔާއަޅަމުން ގެންދެއެވެ. އެހެން އެކަލޭގެފާނު ވަޑައިގަންނަވަނިކޮށް ވަރަށް ގިނަ ޢަދަދެއްގެ ހިނި އުޅޭ ވާދީއަކަށް ވަޑައިގެންނެވިއްޖެއެވެ.
އެ ކުދިކުދި ހިނިތަކަށް سليمان عليه السّلام ގެ ބިޔަ ލަޝްކަރު ފެނުމުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެއީ އެ ހިނިތައް އެތަނުގައި ތިބިކަން ލަޝްކަރުގެ ސިފައިންނަށް ނޭނގި އެބައިމީހުންގެ ފައިދަށުލައި އެ ހިނިތައް ޗިސްޗިސް ކޮށްލަފާނެކަމަށްޓައެވެ. އެހެންކަމުން، އެ ހިނިތަކުގެ ތެރެއިން އެއް ހިނި ބުންޏެވެ. [އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ]. މިވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 17 ވަނަ އާޔަތާއި 18 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَالْإِنسِ وَالطَّيْرِ فَهُمْ يُوزَعُونَ ﴿١٧﴾حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ﴿١٨﴾
މާނައީ: [އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން سليمان ގެފާނަށް އެކަލޭގެފާނުގެ لشكر އެއްކުރެއްވުނެވެ. ފަހެ، އެ لشكر އެތުރިގެންވެއެވެ. (ދެން لشكر އާއިގެން) ހިނީގެ وادى އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.]
سليمان عليه السّلام އަކީ ހުރިހާ ޖަނަވާރުންނާއި ދޫނިސޫފާސޫފިތަކުގެ ބަހުރުވަ އުނގައްނަވައިދެއްވައިފައިވާ ބޭކަލެއްކަމުގައިވުމުން، އެކަލޭގެފާނަށް ހިނިތައް ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އެނގިވަޑައިގެންނެވިއެވެ. ހިނިތަކުގެ ވާހަތައް އަޑުއިވިވަޑައިގެންނެވުމުން އެކަލޭގެފާނަށް ބޭއިޚްތިޔާރުގައި ހިނިފުޅުވެޑުވެވުނެވެ. އަދި މާތްﷲ އެކަލޭގެފާނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދުފަޅުވެވަޑައިގެންނެވިއެވެ. ނަމްލު ސޫރަތުގެ 19 ވަނަ އާޔަތުގައި މިވާހަކަ ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ ﴿١٩﴾
މާނައީ: [ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!]
ޒުހުރީ ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [އެއްފަހަރު سليمان عليه السّلام އެކަލޭގެފާނުގެ ޞަޙާބީބޭކަލުންނާއެކު ފެނަށް ބޭނުންފުޅުވެވަޑައިގެން ފެން ހޯއްދެއްވުމަށް ނުކުމެވަޑައިގެންނެވިއެވެ. އެވަގުތު އެބޭކަލުންނަށް ހިންޏެއް ފެނިވަޑައިގެންނެވިއެވެ. އޭރު އެސޮރު އެސޮރުގެ އެއްފައި މައްޗަށް ތެދުވެހުރެ ފެނަށް އެދެމުން ގެންދިޔައެވެ. سليمان عليه السّلام ވިދާޅުވިއެވެ. މި ހިނި ފެނަށް އެދުމުގެ ސަބަބުން ތިޔަބައިމީހުންނަށް ފެންދެއްވިއެވެ.]
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 327}
ސުނަނު އިބްނު މާޖާގައިވާ ޟަޢީފު ޙަދީޘެއްގައިވެއެވެ. ޖާބިރު ބުން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.
قَالَتْ أُمُّ سُلَيْمَانَ بْنِ دَاوُدَ لِسُلَيْمَانَ يَا بُنَىَّ لاَ تُكْثِرِ النَّوْمَ بِاللَّيْلِ فَإِنَّ كَثْرَةَ النَّوْمِ بِاللَّيْلِ تَتْرُكُ الرَّجُلَ فَقِيرًا يَوْمَ الْقِيَامَةِ " { سنن ابن ماجه، كتاب إقامة الصلاة والسنة فيها، ޙަދީޘް 1393}
މާނައީ: [ސުލައިމާނުގެފާނުގެ މައިކަނބަލުން އެއްފަހަރު ސުލައިމާނުގެފާނަށް ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ރޭގަނޑުގަޑީގައި މާގިނައިން ނުނިދާށެވެ. ރޭގަނޑުގަޑީގައި މާގިނައިން ނިދަން ފަށައިފިނަމަ، ޤިޔާމަތްދުވަހު ދަރިފުޅުވާހުށީ ފަޤީރެއްކަމުގައެވެ.]