މުސްލިމުން ގަންނަންޖެހޭ 2 ބިރުގެ ތަފާތު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މުސްލިމުން ގަންނަންޖެހޭ 2 ބިރުގެ ތަފާތު ވަރަށް ބޮޑު!

ބަންގީގެ އަޑު އިވިފައިމެ، އަދި މިޒަމާނަށް ބަލައިފިނަމަ ބަންގި ގޮވާ ވަގުތުތައް އެނގި ހުރެމެ، މިސްކިތަށް ޖަމާއަތަށް ނުދާ މީހުން ތިމާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއް ކަމަށް ބުނާނަމަ އަވަހަށް ދެކަންފަތުގައި އަތް އަޅާށެވެ. އެއަޑު ކަންފަތަށް ފޯރިއަވެސް ނުދޭށެވެ! އެހެނީ އޭނާ އެދައްކާ ވާހަކައަކީ ތެދެއްކަމަށް ވުމަކީ ވަރަށް ދުރުކަމަކަށްވާތީއެވެ. 

ﷲ ތާޢާލާއަށް މީހަކު ބިރުވެތިވާވަރު ބަލަން މިންއަޅަން ޖެހޭނީ އެމީހާ ކުރާ ހެޔޮ އަމަލުތަކުގައެވެ. 5 ފަރުޟު 5 ނަމާދު އަދާކުރާ މިންވަރު އެއީ 90 އިންސައްތައެވެ. ފަރުޟު 5 ނަމާދުގެ ޖަމާއަތަށް މިސްކިތަށް ނުދެވޭ މީހާ ވިސްނަން ޖެހޭނެއެވެ. ލޯފަން މީހާއަށް ރަސޫލް () އެކަމުގައި ކުރެއްވެވި ޙަދީޘްފުޅު ފުދޭނެއެވެ. 

ބިރުގަތުމުގައިމުޅިން ތަފާތު 2 ބާވަތެއްގެ ބިރު ވެއެވެ. ބިރު ގަތުމުން ދެ ޙާލަތުގައި އަމަލު ކުރަނީ ވެސް މުޅިން ތަފާތު ދެ ގޮތަކަށެވެ. 

ފުރަތަމަ ބިރަކީ ދުނިޔެއިން ފެންނަ ބިރުވެރިކަމެވެ. ބިރުވެރި ޖަނަވާރެއް ފެނުނު ނަމަވެސް ތަނެއްގައި އަލިފާން ރޯވި ނަމަވެސް އަދި ބިރުވެރި ޒާތުގެ ކޮންމެ ކަމެއް ފެނުނު ނަމަވެސް ފައަށް ލެވުނުހައި ބާރެއް ލާފައި އެއިން ނުވަތަ އެކަމަކުން ސަލާމަތްވުމަށް އެންމެންވެސް ދުވާނީ އެއްޗަކާއި ދުރަށެވެ. 

ދެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތި ވުމުން އޮތީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަންވާން މަސައްކަތްކުރުމުވެ. ދުރަށް ދިއުމެއް ނެތެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވޭނަމަ އަބަދުވެސް މަސައްކަތް ކުރާނީ ވީހައި ބޮޑަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށެވެވެ. 

ވީމާ މީހަކު ﷲ ތަޢާލާ ދެކެ ބިރު ގަންނަވަރު ބަލަން ބޭނުންނަމަ ފުރަތަމަ ވެސް ބަލަން ޖެހޭނީ އެމީހާ، ﷲ ތައާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތެވެ. އެކަމަށް މަސައްކަތް ނުކުރާނަމަ އެމީހަކީ ﷲ ތަޢާލާ ދެކެ ބިރުގަންނަ މީހެއް ނޫނެވެ. އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީންކަމެކެވެ. އެމީހާގެ އަމަލުތަކުން އެކަން ނުދެއްކޭ މީހާ އަށް އަބަދުވެސް ބިރުވެތިވާން ޖެހޭނެއެވެ.    

އެކުވެރިން އިޚްތިޔާރުކުރުމުގައިވެސް، އަދި އިތުބާރު ކުރުމުގައިވެސް، ތިމަންނާ، ﷲ ތަޢާލާއަށް ބިރުވެތިވާކަމަށް ބުނުމުން އެކަން ޔަޤީންކޮށް އެހިސާބުން ނިންމައި ނުލާށެވެ! އޭނާއަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އޭނާގެ އަމަލުން މަސައްކަތްކުރާ މީހެއްކަން ޔަޤީންކުރާށެވެ. ނޫންނަމަ ކިތަންމެ ބޮޑު ލަނޑެއްވެސް ލިބިދާނެއެވެ.

 

ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން