ކަމަކަށް އެދި އާދޭސް ދަންނަވައި ދުޢާކުރަން ނުޖެހޭނެ ދުވަހެއް ނެތް! ދުޢާކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަންތަކަށް ގިނަބައަކު ދަނީ އިހްމާލްވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކަމަކަށް އެދި އާދޭސް ދަންނަވައި ދުޢާކުރަން ނުޖެހޭނެ ދުވަހެއް ނެތް! ދުޢާކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަންތަކަށް ގިނަބައަކު ދަނީ އިހްމާލްވަމުން!

ﷲ ތަޢާލާ މީސްތަކުންނަށް އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް އަދި ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރުމަށެވެ. އެހެންވެ ކަމެއް ޖެހޭއިރަށް ދެއަތް އުފުލާފައި ދުޢާ ކުރެވެއެވެ. ދުޢާކުރަންވެސް ޖެހެއެވެ.  

ވިސްނާލަންޖެހޭ ކަމަކީ ދުޢާކުރުމުގެ ކުރިން ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވާންޖެހޭ ކަމެވެ. އީމާންކަމުގެ ހުރިހާ ރުކުންތަކެއް ޤަބޫލުކުރަންޖެހޭ ކަމެވެ. އަދި އެއީ ހަމައެކަނި ހިތުން ޤަބޫލުކުރުމެއް ނޫނެވެ. ހިތުން ޤަބޫލުކުރާނަމަ އެކަމަށް ހެކިދައްކަންޖެހެއެވެ. ހެކި ދެއްކޭނީ އެމީހެއްގެ ޢަމަލުތަކުންނެވެ.  

ޢަމަލުތަކުން ހެކިދެއްކޭނީ ކިޔަމަންތެރިކަން އަދާކުރެވިގެންނެވެ. ހެކި ދެއްކުމަކީ ކިޔަމަންތެރިކަން އަދާކުރުމެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ތިމާއަކީ ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ޢަމަލުކުރާ މީހަކަށްވާނެޖެހޭނެއެވެ. 

މިޘާލަކަށް މީހަކު މިސްކިތަށް އަރައި ނަމާދުކޮށްފާނެއެވެ. އަދި އެވަރަކުން އެމީހާއަކީ އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރާ މީހަކަށް ނުވެވޭނެއެވެ. އެހެނީ މިސްކިތުގައި ނަމާދުކުރަން މީހަކު ހޭދަކުރާނީ ވަރަށް ކުޑަކުޑަ އިރުކޮޅެކެވެ.  

މުޅި ދުވަހަށް ބަލައިފިނަމަ ގިން ވަޤުތު މިސްކިތުގައި ހޭދަކުރާނީ ވަރަށް މަދު މީހެކެވެ. ޢާންމު ގޮތެއްގައި ކޮންމެ މީހަކުވެސް ގިނަ ވަޤުތުތައް ހޭދަކުރާނީ މިސްކިތުން ބޭރުގައި އެހެން ކަންކަން ކުރުމަށެވެ. ވީމާ މިސްކިތުން ބޭރުގައި ތިމާ ކުރާ ޢަމަލުތައް ކުރަނީ ﷲ ތަޢާލާ އަންގަޗާފައިވާ ގޮތަށް ނުވާނަމަ އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއަކަށް ނުވެވޭނެއެވެ. އަދި ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ޢަމަލުކުރާ މީހަކަށްވެސް ނުވެވޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭނަމަ މިބަޔާންކުރި ކަންކަމަށް ސަމާލުކަންދޭށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އިސްލާމް ދީނަށް ޢަމަލުނުކުރާނަމަ އެމީހަކު އެވަނީ ޝައިޠޯނުންގެ ފަޅީގައެވެ. ޝައިޠޯނުންގެ ފަޅީގައި ހުރެގެން ﷲ ތަޢާލާއަށް ދުޢާކުރުމެއް ނެތެވެ. އަވަހަށް ތައުބާވެ ﷲ ތަޢާލާގެ ފަޅިއަށް، އިސްލާމްދީނުގެ ފަޅިއަށް ބަދަލުވެލާށެވެ! ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން