ޤުރްއާން ކިޔެވުމުގެ ފުރިހަމަ ފައިދާ ކުރާނީ ޤުރްޢާނާއެކު ގިނަ ވަޤުތު ހޭދަކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޤުރްއާން ކިޔެވުމުގެ ފުރިހަމަ ފައިދާ ކުރާނީ ޤުރްޢާނާއެކު ގިނަ ވަޤުތު ހޭދަކޮށްގެން!

ޤުރްއާނާއި ޤުރްއާން ކިޔެވުމުގެ މަތިވެރިކަން އެންމެންނަށްވެސް އެނގޭނެއެވެ. ޤުރްއާން ކިޔެވުމަކީ ވީހާގިނައިން ކުރަން އޮތް ކަމެކެވެ. ވަޤުތުނުވާކަމަށްބުނެ ނުކޮށް ދޫކޮށްލަން ހެޔޮވާނެ ކަމެއް ނޫނެވެ. ދުވާލަކު މަދުވެގެން އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވަން ދީނީ ޢިލްމުވެރިން ބާރުއަޅުއްވާ ސަބަބަކީވެސް އެއީއެވެ.  

ޤުރްއާން ކިޔެވުމުގެ ފުރިހަމަ ފައިދާ ކުރާނީ ޤުރްޢާނާއެކު ގިނަ ވަޤުތު ހޭދަކޮށްގެންނެވެ. ކިޔަވައިލުމުގެ އިތުރުން މާނައާއި ތަފްސީރުވެސް ކިޔައިގެންނެވެ. އެކަން ކުރެވޭނީ ވެވުނުވަރަކުން ގިނަ ވަޤުތު ޤުރްއާނާއިއެކު ހޭދަކޮށްގެންނެވެ.    

ދާދިފަހުން މުސްލިމުންގެ ތެރޭގައި ވަރަށް ހިނގި އެއް ވީޑިއޯއަކީ ޢުމުރުން ދުވަސްވީ ޤުރްއާން މުދައްރިސަކު ޤުރްއާން ކިޔަވަން އިންދައި މަރުވެގެން އަރިއަޅައިލި ވީޑިއޯއެކެވެ. އެންމެ ހެޔޮ ޢަމަލުކުރުންމަތީގައި އިންދާ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވި އެއަންހެނާގެ ފާފަ ފުއްސަވައިދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމެވެ.  

އެވީޑިއޯ އާއިބެހޭ މާގިނަ މަޢުލޫމާތެއް އަހުރެންނަކަށް ނުލިބެއެވެ. ނަމަވެސް ފެންނަ މަންޒަރަށް ވިސްނައިލުމުން އަހުރެންނަށް ޤަބޫލުކުރެވެނީ އޭނާ އެވަޤުތު އިނީ ކިޔަވައިދޭން ނޫންކަމާއި އަމިއްލައަށް ކިޔަވަން ކަމެވެ.  

އެކަމުން އެނގިގެންދަނީ އޭނާއަކީ ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ޤުރްއާން ކިޔެވުމަށްވެސް ހިތްޖެހި ގިނައިން ޤުރްއާން ކިޔަވާ އަންހެނަކު ކަމެވެ. އެފަދަ ރަނގަޅު ނިމުމެއް ދެއްވަވާނީ ވަރަށް ޞާލޙް، އަދި އެޢަމަލެއް ގިނައިން ކުރާ މީހަކަށް ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެމީހާގެ އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވައި ރުހިވޮޑިގަތުން ލިބުމުން ކަމަށްވެސް ޤަބޫލުކުރެވޭތީއެވެ.  

މީސްތަކުންނޭވެ! ޤުރްޢާން ކިޔެވުމާއި ސަޖިދަކުރުން ގިނަކުރާށެވެ. އެފަދަ ހެޔޮ ޢަމަލެއްގެ މަތީގައި ދުނިޔެއިން ވަކިވެވިއްޖެނަމަ އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ދުޢާ ކުރެއްވެވި އެއްކަމަކީ ރަނގަޅު ނިމުމެއް ދެއްވެވުން އެދިވަދައިގެންނެވެ. ހަށިކޮޅުގައި ވަރުފުޅު ނެތްޙާލުކޮޅުގައިވެސް ނަމާދުކުރައްވަވަން މަސައްކަތްޕުޅު ކުރެއްވެވިކަން އެއީ އުންމަތަށް ދެއްކެވި ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން