ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 3: ސުލައިމާނުގެފާނާއި ސަބާގެ ރަނިކަމަނާ

ކިޔުމަށް ހޭދަވާނީ 12މ 14ސ
ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 3: ސުލައިމާނުގެފާނާއި ސަބާގެ ރަނިކަމަނާ

ޢަލީ އިޙްޞާން ފިރާޤް

 

ސުލައިމާނުގެފާނާއި ސަބާގެ ރަނިކަމަނާ 

އެއްފަހަރަކު سليمان عليه السّلام އެކަލޭގެފާނުގެ ލަޝްކަރު ބައްލަވައި ޗެކު ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނަށް ދޫނިސޫފާސޫފީގެ ތެރެއިން ހުދުހުދު ފެނިވަޑައިނުގެންނެވުމުން ވިދާޅުވިއެވެ. [އަހަރެންނަށް ހުދުހުދު ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެ ސޮރު ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ޢުޒުރެއްގެ ގޮތުގައި ފާޅުވެގެންވާ ހެތްކެއް އަހުރެންގެ ގާތަށް ނުގެނައިނަމަ، އެސޮރަށް ބޮޑުވެގެންވާ ޢުޤޫބާތެއް އަހުރެން ދޭހުށީމެވެ. ނުވަތަ އެ ސޮރު ކަތިލާހުށީމެވެ.] 

سليمان عليه السّلام ގެ މިދެންނެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 20 ވަނަ އާޔަތާއި 21 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَا أَرَى الْهُدْهُدَ أَمْ كَانَ مِنَ الْغَائِبِينَ ﴿٢٠﴾ لَأُعَذِّبَنَّهُ عَذَابًا شَدِيدًا أَوْ لَأَذْبَحَنَّهُ أَوْ لَيَأْتِيَنِّي بِسُلْطَانٍ مُّبِينٍ ﴿٢١﴾ 

މާނައީ: [އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيب ވެގެންވީ ހެއްޔެވެ؟ ހަމަކަށަވަރުން، (އޭތީގެ عذر އެއްގެގޮތުން) ފާޅުވެގެންވާ ހެތްކެއް އަހުރެންގެގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ عقوبات އެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.] 

މުޖާހިދު ބިން ޖަބަރު އާއި ސަޢީދު ބުން ޖުބައިރު އާއި ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [ހުދުހުދަކީ سليمان عليه السّلام ގެ ލަޝްކަރަށް ފެންހުންނަ ތަންތަން ދައްކައިދޭ ދޫންޏެކެވެ. ހުދުހުދަށް ބިމުގެ އަޑީގައި ފެން ހުންނަ ތިލަމިނާއި ފުންމިން އަންދާޒާ ކުރެވެއެވެ. އެފަދަ ތަނެއް ހުދުހުދު ދައްކައިފިނަމަ، سليمان عليه السّلام ޖިންނީނަށް އަމުރުކުރައްވައިގެން އެތަން ކޮންނަވައިގެން ލަޝްކަރަށް ބޭނުންވާ ފެންނަންގަވައެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު} 

ކޮންމެއަކަސް سليمان عليه السّلام އަށް ހުދުހުދު ފެނިވަޑައިނުގެން އިރުކޮޅެއް ވީތަނާ ހުދުހުދު އެނބުރިއަތުވެއްޖެއެވެ. ހުދުހުދު އެނބުރި އައުމުން އެހެން ދޫނިތައް ހުދުހުދަށް އެސޮރުގެ ޣައިރު ހާޒިރުގައި سليمان عليه السّلام ދެއްވި އިންޒާރުގެ ވާހަކައިން ޚަބަރުދިނެވެ.  

ސުފްޔާނު ބިން ޢުޔައިނާ އާއި ޢަބްދު ބިން ޝައްދާދު ވިދާޅުވެފައިވެއެވެ. ހުދުހުދު އެނބުރި އައުމުން އެހެން ދޫނިތައް އެސޮރަށް ބުންޏެވެ. [ކަލޭގެ އައުން ލަސްވީކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ سليمان عليه السّلام ކަލޭ ކަތިލުމަށް ވަނީ ހުވާ ކުރައްވައިފައެވެ.] އެ އަޑުއަހާފައި ހުދުހުދު ބުންޏެވެ. [އެކަލޭގެފާނު އަހަރެންނަށް އެއްވެސް ޢުޛުރެއް ދެއްވިހެއްޔެވެ؟] އެދޫނިތައް ބުންޏެވެ. [އާއެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ހުދުހުދު ފާޅުވެގެންވާ ހެތްކެއް އަހުރެންގެ ގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ ޢުޤޫބާތެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.] މިއަޑު އިވުމުން ހުދުހުދު ބުންޏެވެ. [އެހެން ކަމަށްވާނަމަ އަހަރެން ސަލާމަތްވެއްޖެވެއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 7 ވަނަ ޖިލްދު، ޞަފްޙާ 313}

ދެން ހުދުހުދު އެސޮރު ގެނައި ޢުޛުރު سليمان عليه السّلام އަށް ހުށައެޅިއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِن سَبَإٍ بِنَبَإٍ يَقِينٍ﴿٢٢

މާނައީ: [ފަހެ، އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (يمن ކަރައިގެ) سبإ އިން يقين ވެގެންވާ خبر އަކާއިގެންނެވެ.] 

ހުދުހުދު އެސޮރު ޔަމަނުކަރައިގެ ސަބާއޭ ކިޔުނު ރަށުން ގެނައި ޚަބަރުގެ ވާހަކަ އިތުރަށް ތަފްޞީލުކޮށް ބަޔާންކޮށްދެމުން ގެންދިޔައެވެ. އެ ޚަބަރުތައް އެސޮރުގެ ލޮލުން ފެނުނު ގޮތުގެ ފުރިހަމަ ތަސްވީރެއް سليمان عليه السّلام އަށް ހުށައެޅުއްވިއެވެ. ނަމްލު ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 26 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ ﴿٢٣﴾ وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ اللَّـهِ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ فَهُمْ لَا يَهْتَدُونَ ﴿٢٤﴾ أَلَّا يَسْجُدُوا لِلَّـهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ﴿٢٥﴾ اللَّـهُ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْعَظِيمِ ۩ ﴿٢٦

މާނައީ: [އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ހަމަކަށަވަރުން، ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ تخت އެއް ވެއެވެ. އެކަމަނާއާއި، އެކަމަނާގެ قوم ގެމީހުން، اللَّه ފިޔަވައި އިރަށް سجدة ކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި شيطان އާ އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން އެއްކިބާކުރިއެވެ. ފަހެ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ اللَّه އަށް سجدة ނުކުރުމަށް شيطان އާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ.] 

ހުދުހުދު سليمان عليه السّلام އަށް ގެނެސްދެއްވީ ތެދު ޚަބަރެއްތޯ ނުވަތަ ހުދުހުދު އެދެންނެވި ޚަބަރަކީ އެކަލޭގެފާނުގެ އަދަބުން ސަލާމަތްވުމަށް އެސޮރު ހަދައިގެން ދެއްކި ވާހަކައެއްތޯ ބައްލަވަން އެކަލޭގެފާނު ބޭނުންފުޅު ވެވަޑައިގެންނެވިއެވެ. އެހެންކަމުން ހުދުހުދަށް ރަސްމީކޮށް އެވާހަކަ سليمان عليه السّلام އެންގިއެވެ.  ނަމްލު ސޫރަތުގެ 27 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ الْكَاذِبِينَ ﴿٢٧ 

މާނައީ: [އެކަލޭގެފާނު (هُدهُد އަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ] 

މިހެން ވިދާޅުވެފައި سليمان عليه السّلام، ސަބާގެ ރަނިކަމަނާއަށް ސިޓީފުޅެއް ލިޔުއްވައި ތައްޔާރު ކުރެއްވިއެވެ. އެ ސިޓީފުޅުގައި سليمان عليه السّلام ލިޔުއްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

[ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން ސަބާގެ ރަނިކަމަނާއަށް. بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އެވެ. رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!] 

سليمان عليه السّلام މިދެންނެވި ސިޓީފުޅު ލިޔުއްވުމަށްފަހު، ހުދުހުދަށް ދެއްވިއެވެ. ވިދާޅުވިއެވެ. [އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެބައިމީހުންގެ ގާތަށް އެ އެއްލާށެވެ! ދެން އެބައިމީހުންނާއި ދުރަށްޖެހި (ޖަވާބުގައި) އެބައިމީހުން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ]! މި ވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ. 

اذْهَب بِّكِتَابِي هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَانظُرْ مَاذَا يَرْجِعُونَ ﴿٢٨

މާނައީ: [އަހުރެންގެ މި ސިޓީ ހިފައިގެންގޮސް އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ]! 

سليمان عليه السّلام ގެ ރަސްކަމުގެ ދަރުބާރުން ވިދާޅުބަސްފުޅުގެ އަޑުއިވުމުން ހުދުހުދު ވަގުތުން އެބަސްފުޅައި ބޯލަނބައި އެ ސިޓީފުޅު ހިފައިގެން އުދުހިގަތެވެ. ރަސްކަލަކު، ރަނިކަނބަލަކަށް ފޮނުއްވި ސިޓީފުޅު އަމާނާތްތެރިކަމާއެކު ރައްދު ކޮށްދެއްވުމަށްޓަކައެވެ.

 

 

މިއަދު އޮންލައިން