ޤިޔާމަތްވުން ދާދި ގާތްވެއްޖެ ކަމުގެ ޢަލާމާތްތައް ދުރުން ފެންނަމުން އައިސް ގާތްވެ އަހަރެމެން ވަށާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޤިޔާމަތްވުން ދާދި  ގާތްވެއްޖެ ކަމުގެ ޢަލާމާތްތައް ދުރުން ފެންނަމުން އައިސް ގާތްވެ އަހަރެމެން ވަށާލައިފި!

ޤިޔާމަތްވާން ގާތްވުމުން ފެންނާނެ ޢަލާމާތްތައް ދެނެގަންނަން ގިނަ ބައަކު މަސައްކަތްކުރެއެވެ. ބުނަން އޮތީ ޤިޔާމަތްވުން ދާދި ގާތްވެއްޖެ ކަމުގެ ޢަލާމާތްތައް ދުރުން ފެންނަމުން އައިސް ގާތްވެ އަހަރެމެން ވަށާލައިފިއެވެ. ލޮލަށް ފެނި އަތްފޯރާފަށަށް މިވަނީ ކައިރިވެފައެވެ. އެންމެ ބޮޑު އެއް ހިތާމައަކީ ލޮލަށް ފެނި އަތްފޯރާއިރުވެސް އެކަންކަމަށް ވިސްނޭ މީހުން މަދު މީހަކަށް ކަމުގައިވުމެވެ.

ނަމާދުކުރާނެ ބައަކު ނެތް ތަންތަނުގައިވެސް ބޮޑެތި ހޭދަތައް ކޮށްގެން މީސްތަކުންނަށް ދައްކަން މިސްކިތް އަޅާނެއެވެ. ބޮޑެތި ހޭދަކޮށްގެން ރީތި ބޮޑެތި މިސްކިތްތަކުގައި ނަމާދުކުރާނެ މީހަކު ނެތި ފަޅުވާނެއެވެ. މިލިއަނުން ޑޮލަރު ޚަރަދުކޮށްގެން އަޅާފައިވާ ބައެއް މިސްކިތްތައް މިހާރުވެސް ފަޅުވެއްޖެއެވެ. އެ މިސްކިތުގައި ނަމާދުކުރަނީ ވަރަށް މަދު މީހެކެވެ.

ނޯކަރުން ސާހިބުންނަށް ވިހާނެއެވެ. މިއީ މިހާރު އެންމެ ޢާންމު އެއްކަންތައް ނޫން ހެއްޔެވެ؟ ޞިއްޙީ ކުރިއެރުންތަކުގެ ސަބަބުން ސާހިބުންނަށް ނޯކިރީން ވިހާ އަދަދު މަދުވެދާނެއެވެ. ނަމަވެސް ސާހިބުންނާއި ނޯކިރީން ޒިނޭކުރުމަކީ އެންމެ ޢާންމު އެއް ކަންތައް ނޫން ހެއްޔެވެ؟

މައިންބަފައިންގެ މައްޗަށް ބާރު ހިންގައި ގޭގެ ވެރިކަން ދަރިން ކުރާނެއެވެ. މިއަދު ގެއަކަށް ވަދެއްޖެ ނަމަ ފެންނަ މަންޒަރުތަކުން ގޭގެ ވެރިއަކީ ކޮބައިކަން ވަކިވޭ ހެއްޔެވެ؟ މައިން ބަފައިން ތިބެނީ ދަރިންގެ އަމުރުގެދަށުގައި ނޫން ހެއްޔެވެ؟

މުޅި ރަށުގައި ފިހާރަތައް އަޅާނެއެވެ. ބާޒާރުކުރުމަކީ ކުރާ ހިތުން ކުރާ ކަމަކަށް ހަދައި ބާޒާރުކުރަން ހޭދަކުރާ ވަގުތު ގިނަ ކުރާނެއެވެ. ފިހާރަތަކުގައި ވަގުތު ހޭދަކުރުމަކީ އުފަލެއް ކަމަށް ދެކެ އެކަން ކުރާނެއެވެ.

މިސްކިތްތައް ފަޅުވަމުންދާއިރު ބިންމަތީގައި ހުރި ﷲ ތަޢާލާގެ ހަޒްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުތަނަކީ މިސްކިތްތަކެވެ. ފިހާރަތައް ފުރެމުންދާއިރު އެންމެ ނުރުއްސަވާ އެއްތަނަކީ ފިހާރަތަކެވެ. އެއީ އެތަންތަނުގައި ހިނގާ ނުބައި އަމަލުތަކުގެ ސަބަބުންނެވެ. ބާޒާރުކުރުމުގެ ތެރެއިން ނުބައި އަމަލުކުރަން ދޮރުތައް ހުޅުވޭތީއެވެ. ބާޒާރުކުރުމަށްޓަކައި ޙަރާމް ގޮތްގޮތުން ފައިސާ ހޯދާތީއެވެ. ވައްކަންކޮށްގެންނާއި ފާހިޝް އަމަލުތައް ހިންގައިގެންވެސް ފައިސާ ހޯދާތީއެވެ. މިފަދަ ގޮތްގޮތުން ހޯދާ ފައިސާތައް ފިހާރަތަކަށް ވަންނާތީއެވެ.

މީސްތަކުންނޭވެ! މިފަދަ ހުރިހާ ނުބައިކަން މިވަނީ އަހަރެމެން ވަށާލައިފައެވެ. މިކަންކަމަކީ ފަހުޒަމާނުގެ ޢަލާމާތްތަކެވެ. ޤިޔާމަތް ދާދި ގާތްވެއްޖެ ކަމުގެ ހެކިތަކެވެ. މުހިންމީ ޤިޔާމަތް ގާތްވާތީ ބިރުގަތުމެއް ނޫނެވެ. އެއީ އަބަދުވެސް ގަންނަން ޖެހޭ ބިރެކެވެ. މުހިންމީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމާއި ދުރުހެލިވުމެވެ. ކުރަންވީ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ދުނިޔޭގައި އުޅުމެވެ. ޤިޔާމަތް ދުވަހު ނަރަކައިން މިންޖުވެ ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން