ކައްވަޅުގަ ހޭދަކުރަންޖެހޭނެ ޙަޔާތާއިމެދު މިކަންކަމަށް އެބަ ވިސްނަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކައްވަޅުގަ ހޭދަކުރަންޖެހޭނެ ޙަޔާތާއިމެދު މިކަންކަމަށް އެބަ ވިސްނަމުތަ؟

ބަރުޒަޚުގެ ޢާލަމުގައި ސުވަރުގެ ލިބޭނެ މީހުންނަށް އެކަން އެނގޭނެއެވެ. އެހެންކަމުން އެމީހުން އެދޭނީ ވީހައި އަވަހަކަށް ޤިޔާމަތްވެ ހިސާބު ބެއްލެވި ސުވަރުގެ ވަނުމަށެވެ. ނަރަކަވަންތަވެރިން އެދޭނީ ޤިޔާމަތް ނުވުމަށެވެ. އެއީ ނަރަކައިގައި އެމީހުންނަށް ލިބޭނެ ޢަޛާބް ކައްވަޅުގައި ލިބޭ ޢަޛާބަށްވުރެ މާ ވަރުގަދަވެފައި ގަދަފަދަވާނެތީއެވެ.

ބަރުޒަޚުގެ ޢާލަމާއިމެދު ގިނަ ބައަކު މިވަނީ ޣާފިލުވެފައެވެ. ބަރުޒަޚުގެ ޢާލަމަކީ މީހާ މަރުވުމަށްފަހު ޤިޔާމަތްވެ ކައްވަޅުން ތެދުވުމާއި ދެމެދު ހޭދަކުރަން ޖެހޭ ޙަޔާތެވެ. އެއީ މިދުނިޔެއާއި އެއްވެސް ގުޅުމެއް ހުރި ޙަޔާތެއް ނޫނެވެ. އަދި ޤިޔާމަތް ދުވަހާއިވެސް އެއްވެސް ގުޅުމެއް ހުރި ޙަޔާތެއް ނޫނެވެ. އެދެމެދުގައި އޭނާ ހޭދަކުރަން ޖެހޭ ދުވަސްތަކެވެ.

ބަރުޒަޚުގެ ޢާލަމުގައި ހިނގާނެ ކަންކަން އަހަރެމެންނަށް އެނގެން އޮތީ ރަސޫލް (ﷺ)ގެ ޙަދިޘްފުޅުތަކުންނެވެ. އެހެނީ އެއްވެސް މީހަކު މަރުވުމަށްފަހު އަލުން ދިރި އޭނާއަށް މެދުވެރި ކަންކަން ކިޔައިދީފައި ނެތުމުންނެވެ.

ބަރުޒަޚުގެ ޢާލަމުގައި ކަންތައްތަކެއް ހިނގާކަން ޤަބޫލުކުރަން އެންމެ ފަސޭހަ އެއްގޮތަކީ ނިދާފައި އޮންނަ މީހާއަށް ބެލުމެވެ. މީހުންނަށް ފެންނާނީ އޭނާ ނިދާފައި އޮއްވައެވެ. ނަމަވެސް އެމީހާއަށް ހުވަފެނުގައި އަނިޔާވެސް ލިބެއެވެ. އަނިޔާ ލިބި ތަދު އިޙްޞާޞް ކުރެވެއެވެ. ބިރުވެރިކަންވެސް އިޙްޞާޞް ކުރެއެވެ. އަދި އުފާވެރިކަންވެސް އިހްޞާޞް ކުރެވެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް ބަލަން ތިބޭ މީހުންނަށް މިފަދަ އެއްވެސް ކަމެއް ނުއެނގެއެވެ.

އިންސާނާ ދުނިޔޭގައި ހުންނައިރު ކާނާ އާއި އޮކްސިޖަން ބޭނުންވި ނަމަވެސް އިންސާނާގެ ފުރާނައަށް ނުވަތަ ރޫޙަށް މިފަދަ އެއްވެސް ކަމެއް ބޭނުންވެގެނެއް ނުވެއެވެ. ހުވަފެނުގައި މޫދުގެ އަޑިއަށް ގޮސްގެން އުޅޭތަން ފެނިދާނެއެވެ. އޮކްސިޖަން ބޭނުމެއް ނުވެއެވެ. މިއީ އެކަމުގެ ހެއްކެކެވެ. އެކަމުން އެނގެނީ މީހާ ނިދާފައި އޮންނައިރު އެމީހާގެ ރޫހު ނުކުމެގެންގޮސް ކަންކަން ކުރާކަމެވެ.

ޢިލްމުވެރިން މިއީ ސިކުނޑިން ހިނގާ ކަންކަމަށް ބުނެފާނެއެވެ. އެގޮތަށް ބުނި ނަމަވެސް މިއީ އެއަށްވުރެ މާ މާނަ ފުން ކަމެކެވެ. ވިސްނައި ފިކުރުކޮށް ޢިބްރަތް ޙާޞިލުކުރަން ޖެހޭ ކަމެކެވެ. އެކަމުން އެނގެނީ މީހާގެ ހަށިގަނޑު ކޮންމެ ތަނެއްގައި އޮތް ނަމަވެސް އެމީހަކަށް (އެމީހާގެ ރޫހަށް) ކޮންމެ ފަދަ ކަމެއްވެސް މެދުވެރިވެދާނެ ކަމެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން