ހަފްތާގެ ދުވަސްތަކުގަ މަސައްކަތް ބުރަވެ އަނބިދަރިންނަށް ވަޤުތު ނުދެވޭ މީހުން ނިކަން މިގޮތަށް ޢަމަލުކުރަން ފަށައިބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ހަފްތާގެ ދުވަސްތަކުގަ މަސައްކަތް ބުރަވެ އަނބިދަރިންނަށް ވަޤުތު ނުދެވޭ މީހުން ނިކަން މިގޮތަށް ޢަމަލުކުރަން ފަށައިބަލަ!

އެންމެ ކާމިޔާބު މަންމައަކީ އަދި ބައްޕައަކީވެސް ދަރިންނަށްޓަކައި އެންމެ ގިނަ ފައިސާ ޖަމާކުރާ މައިންބަފައިންނެއް ނޫނެވެ. އެމީހެއްގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް އެކުދިންނަށާއި މީސްތަކުންނަށް އަދި މުޖުތަމައުއަށް ފައިދާ ކުރާނެ ބައެއްގެ ގޮތުގައި ބޮޑުކުރުމަކީ މައިންބަފައިންގެ އެންމެ ބޮޑު އެއް ޒިންމާއެވެ.

ކަން މިހެން އޮތް ނަމަވެސް މައިންބަފައިން، ޚާއްޞަކޮށް ބައެއް ބައްޕައިން މިކަމަށް ވިސްނަނީ ވަރަށް ކުޑަކޮށެވެ. މުޅި ދުވަހު ހަތަރު ދަމު ކުރަން ޖެހޭ ކަމަކީ ފައިސާ ހޯދުން ކަމަށް ހަދައި އެންމެ ކުޑަމިނުން ދުވާލަކު އެއް އިރު ހަމަޖެހިލައިގެން، ދަރިން ބޭނުންވާ ވަރަށް ވަގުތު ދީގެން މޭޒުދޮށުގައި އިނދެ ކައިލެވޭ ކަމަކަށް ނުވެއެވެ. ހަމަ ގިނަ ލާރި ހޯދަން މަސައްކަތްކުރަންޖެހޭތީ ބިޒީކަން ބޮޑުކަމުންނެވެ.

އަހަރެންގެ ކުރިމަތީގައި ދަރިންނާއިއެކު ދުވާލަކު އެއް ފަހަރު، ހަމަޖެހިލައިގެން އިނދެ ކެއުމަކީ މުޅި ދުވާލު ހަތަރުދަމު ބޭރުގައި މަސައްކަތް ކޮށްގެން ހޯދާ ދިހަ ހާސް ޑޮލަރަށްވުރެ މާ އަގުބޮޑު އެއްޗެކެވެ.

މައިންބަފައިންނޭވެ! ތަނަވަސްކަން ހުރިނަމަ ހަފްތާއަކު އެއްދުވަހު ޕިކްނިކްދާށެވެ! އެފަދަ ކަމެއް ކުރުމުގެ ތަނަވަސްކަން ނެތް ނަމަ ޢާއިލާއެކުގައި ހިލޭ ވަދެވޭ ޕާކަކަށް ދާށެވެ. ބީޗަކަށްދާށެވެ! ނޫން ނަމަ މިސްކިތަށް ގޮސް ޢާއިލާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ!

މިގޮތަށް ދާދިއުމުގައި ކޮންމެހެން ކެއުމަށްވެސް އިތުރު ޚަރަދުތަކެއް ކުރާނެކަމެއް ނެތެވެ. ގޭގައި ކައްކައިގެން ގެންދާށެވެ!

ހުކުރު ދުވަސް ދުވަހު އެފަދަ އުފާވެރި މަންޒަރުތައް ފެނެއެވެ. ޢާއިލާ އެކުގައި ޢަޞްރަށް ގޮސް މިސްކިތުގައި މަޑުކޮށްލައިގެން ތިބެ މަޣްރިބް ނަމާދުކޮށްގެން އެކުގައި ގެއަށް އަންނަނަތަން ފެނެއެވެ. ތުއްތު ކުދިން ތިބިނަމަ އިރު އޮއްސުމުގެ ކުރިން ގެއަށް ދާ މަންޒަރުވެސް ފެނެއެވެ. މިހުންނަނީ މުސްލިމް ޢާއިލާތަކުން ކުރަން ޖެހޭ ކަންކަމެވެ. އެހެނީ އެކަމުގެ ސަބަބުން ދަރިންގެ ހިތުގައި މިސްކިތަށް ދާނީ ލޯބި އިތުރުވަމުންނެވެ.

ހަމައެއާއިއެކު ދަރިއަކަށް ގޯސް ކަމެއް ކުރެވުމުން މަންމަ ނުވަތަ ބައްޕަ އެކަކު އަނެކަކަށް ކުށްވެރި ނުކުރާށެވެ! އެކަން އެހެން އެވީ ބައްޕަގެ ސަބަބުން ނުވަތަ މަންމަގެ ސަބަބުން ކަމަށް ނުބުނާށެވެ! ދަރިން ކުރާ ރަނގަޅު ކަންކަމުގެ މީރުކަން ދެމީހުން ހިއްޞާކުރާ ފަދައިން ދަރިން ކުރާ ނުރަނގަޅު ކަންކަމުގެ ހިތިކަންވެސް ހިއްސާކުރަން ޖެހޭނީ ހަމަ ދެމީހުން އެއްވަރަށެވެ. ދަރިން ތަރުބިއްޔަތުކުރުމަކީ ދެމީހުންގެ މަސްއޫލިއްޔަތެކެވެ. އެއީ އެކަކު އަނެކެއްގެ ބޮލަށް ޖެހޭނެ މަސްއޫލިއްޔަތެއް ނޫނެވެ!

ދިރިއުޅުމުގައި ކުރަން އޮތް އެންމެ މުހިންމު ނުވަތަ ސަމާލުކަންދޭންޖެހޭ ކަމަކީ ވީހައި ގިނަ ފައިސާ އެއްކުރުން ކަމަށް ނިންމާ ހިސާބުން ޙަޤީޤަތުގައި އެވަނީ ދިރިއުޅުން ފޭލްވެފައެވެ. ޚާއްޞަކޮށް ދަރިން ލިބުމަށްފަހު މިއީ ނިންމޭނެ އެންމެ ނުބައި އެއް ނިންމުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން