ބަސްބުނަންވާނީ ފައިދާހުރި ގޮތުގައެވެ. އެކަމުން ތިމާއަށްވެސް އަދި އަނެކާއަށްވެސް ގެއްލުން ނުވާނެ ގޮތަށް ބަލައިގެންނެވެ. ބަސްބުނުމުން ތިމާއަށްވެސް އަދި އަނެކާއަށްވެސް ފައިދާކުރާނެ ގޮތަކަށެވެ.
ކޮންމެ ބަހަކީވެސް ބުނަންދެން އެމީހާގެ އަޅެކެވެ. ބަސްބުނުމަށްފަހު އެމީހާ ވެގެންދާނީ ބަހުގެ އަޅަކަށެވެ. މާނައަކީ ނުބުނާ ބަހަކަށް ނުހެދޭނެއެވެ. އެކަމުން ލިބެންވާ ގެއްލުމެއް ލިބޭނެއެވެ.
މީގެ އިތުރުން ބަސްބުނަންވާނީ ޙާލަތަށްވެސް ބަލައިގެންނެވެ. ޙާލަތާއި ނުބައްދަލު ބަހެއް ބުނެވިއްޖެނަމަ އެކަންވެގެންދާނީ ރޯވެފައިވާ ހުޅުގަނޑެއްގެ ތެރެއަށް ދަރުއެޅުން ފަދަ ކަމަކަށެވެ. އިތުރަށް ރޯވެ އަނދާނީއެވެ.
ހަމައެފަދައިން ބަސްބުނަންޖެހޭ ޙާލަތުގައި ނުބުނުމަކީވެސް ހަމަ އެހައި ގެއްލުންހުރި ކަމެކެވެ. މިޘާލަކަށް މީހަކަށް ނުބައި ޢަމަލެއް ކުރެވޭތަން ފެނުމުން ނަޞޭޙަތް ދިނުން ފަސްކުރަންވާނީ އެކުރެވޭ ކަމަކަށް ބަލައިގެންނެވެ. ވަޤުތުން ހުއްޓުވަންޖެހޭ ކަމެއްނަމަ ވަޤުތުން ބަސްބުނަންވާނެއެވެ.
އެންމެ މުހިންމު ކަމަކީ ބަސްނުބުނެ ހަނުހުންނަންޖެހޭ ޙާލަތުގައި ހަނުހުރުމެވެ. އެހެންކަމުން މިބުނަނީ ބަހެއް ނުބުނެ ހަނުހުރުމުން ފައިދާކުރާނެ ބައެއް ޙާލަތްތަކެވެ.
1 ރުޅިއަންނަ ހިނދު
2 ބުނާ ބަހަކުން އަނެކާގެ ހިތުގަ ޖެހިދާނެކަމަށް ހީވާނަމަ-
3 ބުނެވޭ ބަހަކުން އެކުވެރިއަކާ ގުޅުންކެނޑިދާނެހެން ހީވާނަމަ-
4 ރުޅިގަދަވެފަ ހުރުމުން އަޑުގަދަކޮށް ބަސްބުނެވިދާނެކަމަށް ހީވާނަމަ-
5 ކަމުގެ ޙަޤީޤަތް ނުއެނގޭ ކަންކަމުގަ-
6 ހިތުގަ އުފެދޭ އުދާސްތައް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ހީވާނަމަ-
7 ބުނެވޭ ބަހަކުން އެއްވެސް މީހަކާއި ގުޅުން ކެނޑިދާނެކަމަށް ހީކުރެވޭނަމަ-
8 ކޮންމެ ސަބަބަކާއިހުރެނަމަވެސް ޙަޤީޤަތް ހާމަކުރެވެން ނެތްނަމަ-
- އަލަފް / މިއަދުނޫސް