ހުކުރުދުވަސް އަތުވެއްޖެނަމަ ގިނަ ބައަކު ދެކެނީ އެއީ ކުޅިވަރާ މަޖަލުގެ ދުވަސް ކަމަށެވެ. އެހެންވެ ރާވަނީ އެފަދަ ކޮންމެވެސް ކަމެކެވެ. ހުކުރު ދުވަހަކީ ޗުއްޓީ ދުވަހަކަށްވުމުން ޢާއިލީ ޒިންމާތައް ނަގައި ގުޅުންބަދަހިކުރުމަކީ ކުރަން އޮތް ކަމެކެވެ. ނަމަވެސް ހުކުރު ދުވަހު ކުރަންހުރި ކަންކަން ކުރުމާއިއެކުގައެވެ.
ކަހްފިސޫރަތް ކިޔެވުމަށާއި ޞަލަވާތް ކިޔެވުން ގިނަކުރުމާއި ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރުމަށާއި ދުޢާކުރުން ގިނަ ކުރުމަށް (ޚާއްޞަކޮށް ޢަޞްރުނަމާދުން ފެށިގެން މަޣްރިބްނަމާދާއި ދެމެދު) ސަމާލުކަންދޭންވާނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ!
ހުކުރު ދުވަހުގައި ޤިޔާމަތުގެ ތާޅަފިލީގެ އަޑު އަތުވެދާނެކަމަށް ބިރުން ސަމާލުކަން ދީގެން ޖަނަވާރުތައް ތިބެއެވެ . ޤިޔާމަތާއިމެދު ޖަނަވާރުންގެ ހުންނަ ހޭވެރިކަންވެސް އަޅުގަނޑުމެންގެ ގިނަ އިންސާނުންގެ ނުހުރެއެވެ.
ޤިޔާމަތް ދުވަހުން އެންމެންގެ ބަހަކަށްވާނީ ނަފްސީ ނަފްސީއެވެ. މިއުންމަތުގެ ނަބިއްޔާ ފިޔަވައެވެ. އެކަލޭގެފާނުގެ ޙަދީޘްކުރައްވާނީ އުންމަތީ އުންމަތީއެވެ. ރަޙްމަތުގެ ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔުން ގިނަކުރާށެވެ!
ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ހަމަކަށަވަރުން, ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހުގައި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ހަމަކަށަވަރުން, ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެއެވެ".
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް