އަހުރެމްނެ އެއްވެސް މީހަކީ ކަންކަން ކުރިމަތިނުވާނެ މީހެއް ނޫނެވެ. އަބަދުވެސް ދާނީ ކަންކަން ކުރިމަތިވަމުންނެވެ. ކުރިމަތިވާ ކޮންމެ ކަމަކީވެސް ތިމާގެ ކޮޅަށް ނަޞްރު ލިބިގެންދާނެ ކަމަކަށް ހެދެން އެބައޮތެވެ. ވިސްނައިލަންވީ މިކަންކަމަށެވެ.
އިބްރާހީމްގެފާނާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުން ވަރަށް ގިނަ ކަންކަން އެނގެން އޮތުމުންނާއި އަދި ޙަދީޘްފުޅުތަކުންވެސް ވަރަށް ގިނަ ކަންކަން އެނގެން އޮތުމުން މުސްލިމުންނަށް އިބްރާހީމްގެފާނުގެ ސިޔަރަތު ރަނގަޅަށް އެނގެއެވެ. އިން ޝާ ﷲ.
އެހެންވެ އެއްކަމެއް ފާހަގަކޮށްލާނަމެވެ.
އިބްރާހީމްގެފާނުގެ އާދަފުޅުތަކުގެ ތެރެއިން އެއް ޢާދަފުޅަކީ އެކަމެއް ކުރައްވަން ﷲ ތަޢާލާ އެންގެވި ކޮންމެ ކަމެއް ކުރެއްވެވުމެވެ. އެއްޗެއް ފަރިއްކުޅުއްވަން އަންގަވައިފިނަމަ އެއްޗެއް ފަރިއްކުޅުއްވަވައެވެ. ފަރިއް ނުކުޅުއްވަން އެންގެވި އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވަވަތެވެ. އަދި ކުރައްވަވަން އެންގެވި ކޮންމެ ކަމެއް ކުރައްވަވާފަދައިން ނުކުރައްވަން އެންގެވި އެއްވެސް ކަމެއް ނުކުރައްވަވަތެވެ.
އިބްރާހީމްގެފާނުގެ ހުރި މިފަދަ އެތައް ސިފަފުޅުތަކެއްގެ ސަބަބުން ﷲ ތަޢާލާގެ ޚަލީލްގެ ދަރަޖަ ދެއްވެވަވައި މަތިވެރިކުރެއްވެވެވިއެވެ. އިބްރާހީމްގެފާނު ދުނިޔޭގައި އުޅުއްވެވީ މީގެ ކިތައް ކިތައް ހާސް އަހަރުކުރިން ކަމެއް ނުއެނގެއެވެ. އެހެނަސް މިއަދުވެސް އިބްރާހީމްގެފާނަށް ޞަލަވާތް ކިޔަވައި މިފަދަ ވާހަކަތައް މިގެންދަނީ ދައްކަމުންނެވެ.
މީސްތަކުންނޭވެ! ކުރިން މިބުނި ފަދައިން ފަދައިން އިބްރާހީމްގެފާނަށްފަހު ފާއިތުވީ ކިތައް ކިތައް ހާސް އަހަރުކަމެއް އަހުރެމެންނަކަށް ނުއެނގެއެވެ. ވީމާ ފާއިތުވި އަހަރުތަކުގެ ޢަދަދެއް ނުއެނގެއެވެ. ނިކަން މިއަދުވެސް މީސްތަކުން އިބްރާހީމްގެފާނު ޢަމަލުފުޅުކުރެއްވެވި ގޮތަށް ޢަމަލުކޮށްބަލާށެވެ! އެމިންވަރަށް ކިޔަމަންތެރިވެބަލާށެވެ! ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކޮށް ކުރުމަށް އަންގަވާފައިވާ ކަންކަން ކޮށްބަލާށެވެ!
އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ދަރަޖަ އުފުއްލަވައި މަތިވެރިކުރައްވަވާނެތެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް އެކަން ދައްކަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު މުފްތީ މެންކުގެ ދަރުސަކުން