ބައެއް ކަނބަލުންނަށް ވިސްނެނީ ކަމެއް އިޞްލާޙްކުރަން ބުނެފިނަމަ ތިމާގެ މިނިވަންކަމާއި ބެހެނީ ކަމަށެވެ. ތިމާވެސް މިހުރީ ޢިލްމްވެރިވެގެންކަމަށްވުމުން އުޅެން އޮތް އެންމެ ރަނގަޅު ގޮތް ތިމާއަށްވެސް ވިސްނޭނެ ކަމަށެވެ.
ހަމައެއާއިއެކު ރަނގަޅު ބައިވެރިއަކު ލިބޭނީ ތިމާގެ ހަށިގަނޑު ދައްކައި އިޝްތިހާރުކުރި ވަރަކުން ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. އެފަދަ ކަނބަލުންގެ އަރިހުން އެދެނީ މި ކާފިރު ކަނބުލޭގެ މިދައްކާ ވާހަކަކޮޅަށް ވިސްނައިލުމަށެވެ.
"އަހުރެން ކައިވެނިކުރަން ބޭނުންވަނީ އަހުރެންނަށް ގޯސްމަގަކުން ދެވޭނަމަ އިޞްލާޙްކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހަކާއެވެ. ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރުންނަ މީހަކާއެވެ.
އަހުރެންނަކީ މުސްލިމެއް ނޫނެވެ. ނަމަވެސް މުސްލިމް އަންހެނުން ބުރުގާ ނާޅައި ނިވާވާރަށް އަހުރެން އަބަދުވެސް ހުންނަނީ ނިވާވެގެންނެވެ. ހެދުން ލަނީވެސް މުސްލިމް ގިނަ އަންހެނުން ފަދައިން ގައަށް ދޫކޮށެވެ. އެއީ އަހުރެން ބައިވެރިއަކު ހޯދަން ބޭނުންވަނީ އަހުރެންގެ ހަށިގަނޑު ދައްކައި އެންމެންނަށް އިޝްތިހާރުކޮށްގެން ނޫންވީމައެވެ.
އަހުރެންގެ ޢުމުރަކީ 21 އަހަރެވެ. އަހުރެންނަކީ ޢިއްފަތްތެރި އަންހެނަކީމެވެ. އަހުރެންގެ ހަށިގަނޑު ފެނުނު ފިރިހެނަކު ނުހުންނާނެއެވެ. އަހުރެންގެ ހަށިގަނޑު ދައްކަން ބޭނުންވަނީ އަހުރެންނާއި ކައިވެނިކުރާ މީހަކަށެވެ."
މިއީ ހިތަށްއެރިހައި ގޮތަކަށް ފޭރާންލައިގެންނާއި ނުލައި އުޅެންވެސް ދުނިޔެއަށް އެންމެ މަޝްހޫރު އެއް ސްޓޭޓް ކަމަށްވާ އެމެރިކާގެ މިއާމީ ސްޓޭޓްގައި ދިރިއުޅޭ ސޯޝަލް އަންހެނަކު މީޑިއާގައި ބުނެފައިވާ ބަސްކޮޅެކެވެ. ހިތަށް އެރިހައި ގޮތަކަށް ފޭރާންލަމުން އަންނަ މުސްލިމް އަންހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
އިތުރަށްވެސް ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އެކަނބުލޭގެ އެބުނާ ފަދައިން ތިމާއަށް ގޯސްމަގަކުން ދެވޭނަމަ އިޞްލާޙްކުރުމުގެ ޤާބިލްކަން ލިބިފައިހުރި އަދި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުންނަ މީހަކާއި ކައިވެނިކުރުމުގެ މުހިންމު ކަމެވެ. ޙަޤީޤަތުގައި އެފަދަ މީހުންނަކީ ހަރުކަށި ބައެއް ނޫނެވެ. އެންމެ ހެޔޮލަފާ މީހުންނަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން