ޢަލީ އިޙްޞާން ފިރާޤް
އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނު ވިދާޅުވާ ގޮތުގައި މާތް ރަސޫލާ އެކަމަނާއާ ކާވެނިފުޅު ބައްލަވައިގެންނެވިއިރު އެކަމަނާގެ އުމުރުފުޅަކީ 20 އަހަރުފުޅެކެވެ.
އިމާމު ބައިހަގީ އެކަލޭގެފާނުގެ ފޮތް ދަލާއިލުއް ނުބުއްވާގައި ލިޔުއްވައިފައިވެއެވެ. އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަހަރެމެން އުޅޭ ހިސާބަށްވަޑައިގެން ހަނގުރާމަ ކުރެއްވުމުގެ ތިން ރޭ ކުރީން ތިމަންކަމަނާއަށް އުވަފެނުގައި މަދީނާއާ ދިމާއިން އަރައިގެން އައި އަލިގަނދަ ހަނދެއް އައިސް ތިމަންކަމަނާގެ އުނގަށް ވެއްޓުނީތީ ދުށީމެވެ. ތިމަންކަމަނާ އެހުވަފެނުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނެ އިންދާ މާތް ރަސޫލާ ވަޑައިގެން ހަނގުރާމަ ކުރައްވައި ތިމަންމެންގެ މައްޗަށް ފަތަހަ ހޯއްދަވައި ތިމަންކަމަނާ އާއި އެތައްބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފިއެވެ. އެވަގުތު އެ ހުވަފެން ހަގީގަތަކަށް ވާނެ ނަމައޭ ތިމަންކަމަނާގެ ހިތަށް އެރިއެވެ. އޭގެފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަމަނާ މިނިވަން ކުރައްވައި ކާވެނި ބައްލަވައިގެންނެވިއެވެ.]
މަދީނާގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ޖުވައިރިއްޔަތުގެފާނު ކާވެނި ބައްލަވައިގެންނެވުމުގެ ކަންތައްތައް ހިނގަމުން ދިޔައިރު އަލްޙާރިޘް ގެންދެވީ އޭނާގެ ލޯފުޅުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން މިންވަން ކުރެވޭނެ ގޮތެއް ހޯއްދަވަމުންނެވެ. އެގޮތުން ދަރިކަނބަލުންގެ ފިދުޔައަށް ދޭން އޭނާ ވަރަށް ގިނަ ޖަމަލުތަކެއް ހޯއްދެއްވިއެވެ. އެ ޖަމަލުތަކުގެ ތެރޭގައި އޭނާ ވަރަށް ލޯބިވާ ދެޖަލަމު އޮތެވެ. އޭނާ މަދީނާއަށް ވަޑައިގަތީ އެދެޖަމަލު ވާދިލް ޢަޤީޤް އޭ ކިޔުނުތަނުގައި ފޮރުވައިފައެވެ.
ޙާރިޘް މަދީނާއަށް ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މުޙައްމަދުގެފާނޭވެ. އަޅުގަނޑު މިއައީ އަޅުގަނޑުގެ ދަރިކަނބަލުން ފިދުޔަދީ މިނިވަން ކުރުމަށްޓަކައެވެ. އޭނާގެ ފިދުޔައަށްވާ ޖަމަލުތައް މިހުރީއެވެ.]
އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙާރިޘްއާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ވާދިލް އަގީގުގައި ފޮރުވައިފައިވާ ދެ ޖަމަލު ކޮބައިހެއްޔެވެ.]
މި އަޑު އައްސަވައި ޙާރިޘް ވިދާޅުވިއެވެ. [الله މެނުވީ އިލާހަކު ނުވާކަމަށާއި ކަލޭގެފާނަކީ އެކަލާނގެ ރަސޫލާކަމަށް އަޅުހެކިވަމެވެ. الله ގަންދީ ބުނަމެވެ. الله މެނުވީ އެއްވެސް ފަރާތަކަށް އަޅުގަނޑު އެދެޖަމަލު އެވާދީގައި ފޮރުވިތަނެއް ނުފެންނާނެއެވެ.] މިހެންވިދާޅުވެ އިސްލާމްވެވަޑައިގެންފިއެވެ. އޭނާގެ ދަރިކައުކަނބަލުންވެސް އިސްލާމްވެވަޑައިގެންނެވިއެވެ. ފަހުން މުސްތަލިޤުވަންހައިގެ މީސްތަކުންވީ އިސްލާމްދީނަށް ވާގިވެރިވާ ބަޔަކުކަމުގައެވެ. މިއީ މިކައިވެނިފުޅުގެ ހިކުމަތްތަކުގެ ތެރެއިން ހިކުމަތެކެވެ.
އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނުގެ އަޚުންތެރެއިން ޢަމްރު ބުނުލް ޙާރިޘް އަކީ ފާހަގަކޮށްލެވޭ ސަހާބީ ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުން އިމާމު ބުޚާރީ ޙަދީޘް ރިވާ ކުރައްވައިފައެވެ.