ކައިވެނިކުރެވެންއޮވެ އެކަނި ހުރުމަކީ ދީނުގައި އޮތްގޮތެއް ނޫން! ސަބަބުތައް މިހުރީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކައިވެނިކުރެވެންއޮވެ އެކަނި ހުރުމަކީ ދީނުގައި އޮތްގޮތެއް ނޫން! ސަބަބުތައް މިހުރީ ފެންނަން!

ކައިވެނީގައި ދިމާވާ ގޮތަކުން ދެވަނަ ކައިވެނިކުރަން ބޭނުންނުވާ ބައަކު އުޅެއެވެ. އެކުވެރިންނަށް ކުރަންޖެހުނު ތަޖުރިބާއަށް ބަލާފައިވެސް ކައިވެނިކުރަން ބޭނުންނުވާ ބައަކު އުޅެއެވެ. މިހެން ގޮސް ތަފާތު ކަންކަމާއި ގުޅިގެން ކައިވެނިކުރަން ބޭނުންނުވާ މީހުން ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ 

ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބުމުންވެސް ކައިވެނި ނުކުރަން ތިބޭ މީހުންނަށް ބަހެއް ބުނެލާނަމެވެ. އެއީ އެމީހުންގެ ވިސްނުން ރަނގަޅުކޮށްލަން އެހީތެރިވުމަށެވެ. އެކަނި ހުންނަން ޖެހޭ މުހިންމު ސަބަބެއް އޮވެގެން ނޫނީ އެކަނި ހުރުމަކީ ރަނގަޅު ކަމެއް ނޫންކަން ބަޔާން ކުރުމަށެވެ. 

ވިސްނައިލާށެވެ! ﷲ ތަޢާލާ އުފެއްދެވި ފުރަތަމަ އިންސާނަކީ އާދަމްގެފާނެވެ. ބައިވެރިއަކަށް ނުވަތަ އަނބިކަނބަލަކަށް ބޭނުންފުޅުވެވަޑައިގަންނަވާކަން އާދަމްގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ޙައްވާގެފާނު އުފައްދަވައި އާދަމްގެފާނުގެ ބައިވެރިއަކު ކަމުގައި ލެއްވެވީ ﷲ ތަޢާލާއެވެ. އެއްވެސް ޙާލެއްގައި އެކަމަށް އާދަމްގެފާނު އެދިވަޑައިގަތުމަކުން ނޫނެވެ. އާދަމްގެފާނަށް ބައިވެރިއަކު ބޭނުންފުޅުވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. 

އެހެން އެކަން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އާދަމްގެފާނު އުފެއްދެވީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އަމިއްލަފުޅަށް އުފެއްދެވި އިންސާނާއަށް ބޭނުންވާނެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާކަން އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ. 

ވީމާ ކައިވެނިކުރަން ތަޝައްރަފް ފުދިއްޖެނަމަ އަދި އެކަމަށް ކެރިކުޅަދާނަކަން ލިބިއްޖެ ނަމަ ކައިވެނިކުރަން އަވަސްވެގަންނާށެވެ! އަންހެނަކު ކަމުގައިވީނަމަވެސް އަދި ފިރިހެނަކު ކަމުގައިވީނަމަވެސް ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ. އެހެނީ ކުރިން މިބަޔާންކުރި ކަންކަމުންވެސް އެނގެނީ ކޮންމެ މީހަކަށްވެސް ބައިވެރިއަކު ބޭނުންވާނެ ކަމެވެ. އަދި ބައިވެރިއަކާއިއެކު ދުނިޔޭގައި އުޅެން މަސައްކަތްކުރުމުގެ މުހިންމު ކަމެވެ. 

ކުރާ ކޮންމެ ކަމެއްވެސް އެކަމެއް ﷲ ތަޢާލާ ލައްވަވާފައިވާ ނިޒާމުގެތެރެއިން، ނިޒާމާއި އެއްގޮތަށް ކުރުމަށްވުރެ ފައިދާހުރި އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން