ﷲ ތަޢާލާއަށް ބިރުވެތިވާށޭ! ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާށޭ! ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަން އެނގޭނީ ހަމައެކަނި ޢަޛާބުލިބެން ފެށުމުންނޭ! ބުނެވުނަސް ބިރުވެތިވެވެނީ ހާދަމަދު މީހަކަށެވެ. އެކަންކަމަށް ވިސްނައިލަނީވެސް ހާދަ މަދު ބައެކެވެ. އެހެންކަމުން އަހުރެން މިދައްކާ ވާހަކަކޮޅާއިމެދު ރަނގަޅަށް ވިސްނައިލާށެވެ!
އަހުރެމެންގެ ހިތްތަކަށް ނަރަކައިގެ ބިރުވެރިކަން މިއަދު ނުވައްދައި ފާފަތައް ކުރަމުން ގެންދެވޭކަން އެއީ ވަރަށް ހިތާމަހުރިކަމެކެވެ. ނިކަން ވިސްނައިލަބަލާށެވެ! ނަރަކަ މީސްތަކުންނާއި ކައިރި ކުރެވޭ ވަގުތު ބިރުފުޅުން، މާތް ﷲ އެބޭކަލަކަށް ﷲ ތަޢާލާގެ ޚަލީލް ނުވަތަ މިތުރުގެ ދަރަޖަ ދެއްވަވާފައިވާ އިބްރާހީމްގެފާނު ބިރުފުޅުން ދެކަކޫފުޅު މައްޗަށް ތިރިވެވަޑައިގަންނަވާނެއެވެ.
ޢަރުޝީގެ ފައިޕުޅުގައި ހިއްޕަވައި ކަމަކަށް އެދި މީހަކު ސަލާންޖަހާ ރާގަށް ﷲ ތަޢާލާއަށް އާދޭސް ދަންނަވާނެތެވެ. ނަރަކައިގެ ބިރުވެރިކަމުން މީސްތަކުން ސަލާމަތްކޮށް ދެއްވެވުން އެދިވަޑައިގެންނެވެ.
ދެން ނިކަން ބުނެބަލާށެވެ! އަހަރެމެން މިތިބަ މީސްތަކުންގެ ހާލަކީ ކޮބައިހެއްޔެވެ؟ މީސްތަކުން ގަންނާނެ ބިރާއިމެދު ނިކަން ފިކުރުކޮށްލައިބަލާށެވެ!
ޤިޔާމަތް ދުވަހު ނަރަކަ މީސްތަކުންނާއި ކައިރިކުރެއްވެވުމުގެ މަރުޙަލާގައި މީސްތަކުންނާއި 1000 އަހަރުގެ ދުރުގައި ވަނިކޮށް ނަރަކައިގެ ހޫނުގެ އަސަރުން ކާފިރުންގެ ލޯތައް ރަތްވެ ދުޅަވެ ބޭރަށް ނުކުންނާނެއެވެ.
މީސްތަކުންނަށް ފުރަތަމަ ނަރަކަ ނުފެންނާނެއެވެ. އިވޭނީ އަޑެވެ. އެތެރެއަށް ނޭވާ ދަމާ އަޑާއި ނޭވާ ބޭރުކުރާ އަޑެވެ. އެ އަޑު ލައްވަމުން ނަރަކަ ބުނަމުން ގެންދާނެއެވެ. އަހަރެން ބަނޑުހައިވެއްޖެއެވެ. ކުށްވެރިން ކޮބައި ހެއްޔެވެ؟ ފާފަކޮށް އުޅުނު މީހުންތައް ކޮބައި ހެއްޔެވެ؟ ﷲ ތައާލާއަށް ނުކިޔަމަންތެރިވެ އުރެދުނު މީހުންތައް ކޮބައި ހެއްޔެވެ؟ ﷲ ތަޢާލާ އާއި ވާދަކުރި މީހުން ކޮބައިހެއްޔެވެ؟
ސުވަރުގެވަންތަވެރިންވެސް އެއިރު ތިބޭނީ ބިރުން ވިރިވިރިއެވެ. ނަމަވެސް މަލާއިކަތުން ވަޑައިގެން އެމީހުންގެ ހިތްތަކަށް ހަމަޖެހުން ހޯއްދަވައި ދެއްވަވަން މަސައްކަތްޕުޅު ކުރައްވަވާނެއެވެ.
ނަރަކަ މީސްތަކުންނާއި ކައިރި ކުރެވޭއިރު ވާނީ 70000 ޗޭނު ޖެހިފައެވެ. ކޮންމެ ޗޭނެއްގައި 70000 މަލާއިކަތުން ތިއްބަވާނެއެވެ. އެވަރުންވެސް ނަރަކަ ބޭނުންވާނީ ބަނޑުހައިވެފައި އޮން ސިންގާއެއް މީހަކު ކައިލާ އުޞޫލުން މީސްތަކުން ކައިލާށެވެ!
މިކަންކަން ހިނގައިގެންދާނީ ހިސާބު ބެއްލެވުމުގެ ކުރިންނެވެ. އެއްވެސް މީހަކު އެމީހަކަށް ކުރެވިފައިވާ ހެޔޮކަމުން ޒައްރެއްގެ މިންވަރު އެމީހެއްގެ މައިންބަފައިންނަށްވެސް، ދަރިންނަށްވެސް އަދި އެއްވެސް މީހަކަށް ދޭން ބޭނުން ނުވަނީ އެ ޙާލަތުގައި ގަނެފައި ތިބޭ ބިރު ބޮޑުކަމުންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން