ތިބާއާއި ވަކިވެގެން ނުދާނެ ނިޢުމަތަކީ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް! އެމަސައްކަތް ގިނަކުރަންޖެހެނީ ކީއްވެގެންކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ތިބާއާއި ވަކިވެގެން ނުދާނެ ނިޢުމަތަކީ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް! އެމަސައްކަތް ގިނަކުރަންޖެހެނީ ކީއްވެގެންކަން ޤުރްއާނުން-

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.  

"ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބު ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ." 

"ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ﷲއަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވި މީހުންނަށްޓަކައެވެ. އެއީ ﷲގެ ފަޟްލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެ ފަޟްލުވަންތަކަން ދެއްވަތެވެ. ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ." 

(އަލްޙަދީދް: 20، 21)  

ފުރަތަމަވެސް ވިސްނާލަންޖެހޭ ކަމަކީ ދެއްވަވާ ކޮންމެ ނިޢުމަތަކީވެސް ދާދި އަވަހަށް އެމީހަކާއި ވަކިވެގެން ހިނގައިދާނެ ކަމެއް ކަމެވެ. ފުރަތަމަ ޢާޔަތުގައި ބަޔާންކުރައްވަވާފައިއެވަނީ އެކަމެވެ. ދެއްވެވ8ި ނިޢުމަތަށް ފަޚުރުވެރިވުންމަތީގައި ތިއްބައި އެނިޢުމަތް ގެއްލި ވަކިވެގެން ހިނގައިދާނެ ކަމެވެ.  

ﷲ ތަޢާލާ ނިޢުމަތްތައް ދެއްވެވުން އެކަމަށް ޣާފިލުވާ މީހުންނަށް ހުރި ނުބައިކަމުގެ ބޮޑުކަންވެސް އެވަނީ ބަޔާން ކުރައްވަވައިފައެވެ. " އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ." 

ދެވަނަ އާޔަތުގައި ވަޙީކުރައްވަޥާފައި އެވަނީ އަހުރެމެން ވާދަކުރަންވީ ކޮންކަމަކަށް ކަމެވެ. ""ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ!.."  

މީސްތަކުންނޭވެ! ދުނިޔޭގައި އެމީހަކަށް ކިތަންމެ ގިނަ އަދި ކިތަންމެ ބޮޑެތި ނިޢުމަތްތަކެއް ލިބިފައިވީނަމަވެސް އެކަމަށް ފަޚުރުވެރިވެ ﷲ ތަޢާލާގެ މަގުން ދުރުހެލިވެވިއްޖެނަމަ އެނިޢުމަތްތައް ލިބުނުކަން ވެގެންދާނީ އެމީހަކަށް ލިބުނު އެންމެ ބޮޑުދެރައަށެވެ. އެހެނީ އެމީހަކަށް ހުރެވޭނީ އާޚިރަތް މަތިން ހަނދާން ނައްތާލައިގެންނެވެ.

އަހުރެމެންނަށް އަންގަވާފައި މިވަނީ ދުނިޔެއިން ނިޢުމަތްތައް ލިބިގަންނަން މަސައްކަތްކުރުމަކަށް ނޫނެވެ. ސުވަރުގެ ހޯދަން މަސައްކަތްކުރުމަށެވެ. ވީމާ ބުއްދިވެރިންކަމުގައިވާނީ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރެވިއްޖެ ނަމައެވެ. ވީމާ ކުރިއަރައިދާން މަސައްކަތްކުރަންވީ ސުވަރުގެ ޙާޞިލްކުރުމަށެވެ. އުފާވެރިކަން ލިބުންވަނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން