މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިއަދު ޤަބޫލުކުރެވިފައި އޮންނަނީ ބޭރު ޤައުމެއްގައި އެހެން ދީނެއްގެ ބައަކާއިއެކު ހުންނަން ޖެހިއްޖެނަމަ އެމީހުންގެ ޢަމަލުތައް ހުންނަގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި އެއީ އެމީހުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
މުސްލިމުން އަބަދުވެސް ތިބެންޖެހޭނީ މުސްލިމުންގެ ގޮތުގައެވެ. މުސްލިމުންގެ ސިފައިގައެވެ. ޢަމަލުތައް ބަހައްޓަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.
ބައެއް މީހުން އެގޮތަށް ކަންކަން ކުރަނީ އެނބުރި ޤައުމަށް ގޮސް ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅުމުގެ ނިޔަތްވެސް ބާއްވައިގެންނެވެ. ނަމަވެސް މައްސަލައަކަށްވަނީ އެނބުރި ޤައުމަށް ގޮސްފައިވެސް ބަދަލުނުވެވޭކަމެވެ. ކުރިން އުޅެމުން އައި ގޮތަށް އުޅެވޭކަމެވެ.
ވީމާ ދިގު މުއްދަތަކަށް ބޭރު ޤައުމަކަށް ދެވުނަސް އަދި ކުރުމުއްދަތަކަށް ދެވުނަސް ތިމާގެ ކިބައިގައި ބަހައްޓަންޖެހޭ އިސްލާމީވަންތަކަން ދޫކޮށްނުލާށެވެ! އެސިދަފަތަކާއި ދުރުނުވާށެވެ! އެކަން ހިމެނިގެންދާނީ އިސްލާމް ދީނުގައި ޘާބިތުވެ ހުރުމުގެ އިތުރުން އިސްލާމް ދީނަށް ނަޞްރުދިނުންކަމަށެވެ. އިސްލާމް ދީނުގައި ޘާބިތުވެ ހުރެއ ދީނަށް ނަޞްރުދޭ އަޅުންނަށް ﷲ ތަޢާލާ ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. ޤިޔާމަތްދުވަހު އުފާކުރާނެ މީހުންގެ ތެރެއިން ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ނަޢީމާ ބީ. ރޮބަރޓް އަކީ އިނގިރޭސިވިލާތަށް އުފަން، ސައުތު އެފްރިކާ އާއި ޒިމްބާބްވޭ ގައި ބޮޑުވެ އަދި އިނގިރޭސިވިލާތުން ތައްލީމް ޙާޞިލްކުރި އަންހެނެކެވެ. ޒިމްބާބްވޭއިން އޭނާ މިޞުރަށް ފޮނުވީ މިޔުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމަށެވެ. ލަވަކިޔައި އެހެންވެސް ކަންކަން ކުރުމަށެވެ.
މިޞުރުން އޭނާގެ ސަމާލުކަމަށް އެންމެ ބޮޑަށް އައީ މުސްލިމް އަންހެނުން ޙިޖާބް އަޅައި ފޮރުވިގެން ތިބުމާއި މިސްކިތްތަކާއި މިސްކިތްތަކުން ގޮވާ ބަންގިއެވެ. އޭނާ ފުރަތަމަ ހީކުރީ އަންހެނުން އެގޮތަށް ހެދުން އަޅަނީ މަޖުބޫރުކުރުވައިގެން ކަމަށެވެ. ޙިޖާބް އަޅާ ސަބބަބާއި އެކަމުގައި ހުރި ފައިދާ މުސްލިމް އަންހެނުންގެ ކިބައިން އޭނާ އޮޅުންފިލުވިއެވެ.
އެހިސާބުން އޭނާ ޤުރްއާނާއި އެހެންވެސް އިސްލާމް ދީނުގެ ފޮތްތައް ކިޔަން ފެށިއެވެ. މިޔުޒިކާއި ޕާޓީތަކަށް ދިއުން އެޙިސާބުން ހުއްޓައިލިއެވެ. ޙަރާމް ތަކެތި ކައިބޮއެހެދުން ހުއްޓައިލިއެވެ. އަދި 6 މަސްދުވަސްފަހުން އޭނާ އިސްލާމްވެ ޙީޖާބް އެޅިއެވެ. މިއަދު ނަޢީމާ އަކީ އިސްލާމް ދީން ކުރިއަރުވަން އެކި ގޮތްގޮތުން މަސައްކަތްކުރާ ހީވާގި އަންހެނެކެވެ.
މިއަދު މިފެންނަނީ ބޭރު ޤައުމަކަށް ދެވިއްޖެނަމަ އެބައެއްގެ ޘަޤާފަތާއި ގުޅި ތިމާގެ އިސްލާމްދީންކަންވެސް ޤުރްބާންކުރެވޭތަނެވެ. އެއީ އިޞްލާޙްކުރަންޖެހިފައިވާ ސިފައެކެވެ. ކޮންމެ ޤައުމަކަށް، ކޮންމެ ކަމަކަށް ދެވުނަސް ބަލައި ދަސްކުރަންވީ އިސްލާމްދީނެވެ. މަސައްކަތްކުރަންވީ އިސްލާމްދީނުގައި ޘާބިތުވުމަށެވެ.
ތެދުމަގު ދައްކަވާނީ އެމީހަކު އެކަމަށް ޝައުޤުވެރިވުމުންނެވެ. ދީނުގައި ޘާބިތުވެ ހުރެވޭނީ އެމީހަކު އެކަމަށް މަސައްކަތްކުރުމުންނެވެ. ނަޢީމާއަށްވެސް ތެދުމަގު ފެނުނީ އެކަމަށް ޝައުޤުވެރިވެ ތެދުމަގު ލިބިގަންނަން މަސައްކަތްކުރުމުންނެވެ.