ސުވާލު : ވުޟޫ ކުރުމަށްފަހު، ކުރާ ވުޟޫގެ ސުންނަތް ދެރަކުޢަތް ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވޭތޯ އެވެ؟
ޖަވާބު :
ވުޟޫގެ ސުންނަތް ކުރުމަށް ވަކި އަވަސް ވަޤުތެއް ބުނާކަށް ނެތެވެ؛ އެހެނަސް އެއީ ވުޟޫ ކުރުމަށްފަހު އެމީހަކު ކުރާ 2 ރަކުޢަތް ސުންނަތް ނަމާދެކެވެ.
އެ ރަކުޢަތް ކުރުމަށް މުސްތަޙައްބުވެގެންވަނީ ވުޟޫކޮށް އަވަދިވުމާ އެކުގަ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މިފަދައިން ހަދީޘް ކުރައްވާފައި ވުމުންނެވެ.
(مَا مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ وَيُصَلِّي رَكْعَتَيْنِ يُقْبِل بِقَلْبِهِ وَوَجْهِهِ عَلَيْهِمَا إِلاَّ وَجَبَتْ لَهُ الْجَنَّةُ) "އެއްވެސް މީހަކު ވުޟޫކޮށް، ފަހެ ވުޟޫ އެންމެ ހެޔޮވެގެންވާ ގޮތުގައި ކުރުމާއެކު ދެ ރަކުޢަތް ނަމާދެއް އޭނާގެ ހިތާއި ހަށިގަނޑާއި (ނަފްސު) ﷲ އަށް ކުއްތަން ކުރާ ޙާލުގައި ކޮށްފިހިނދު، އޭނާއަށް ސުވަރުގެ ވާޖިބުވެ މެނުވީ ނުދާނެ އެވެ." މި ޙަދީޘް އިމާމް مسلم (234) ރިވާ ކުރެއްވި އެވެ.
އަދިވެސް އިމާމް البخاري (160) އަދި مسلم (226) ޞަޙާބީ عُثْمَانَ بْن عَفَّانَ -رَضِيَ اللَّهُ عَنْهُ - އަރިހުން ރިވާކޮށްފައިވެ އެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) ”ތިމަން ނަބިއްޔާގެ ވުޟޫއާ އެއްގޮތަކަށް މީހަކު ވުޟޫ ކުރުމަށް ފަހު، ދެން ދެ ރަކުއަތުގެ ނަމާދެއްކޮށް، އެ ދެ ރަކުއަތުގައި އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ނުދައްކައިފި ނަމަ، -ވަސްވާސްތަކަށް ސަމާލުކަން ނުދީ، ދުނިޔެވީ ކަންކަމާމެދު ނުވިސްނާ، އިޚްލާސްތެރިކަމާއެކު ނަމާދުކޮށްފިހިނދު - ފަހެ އެ މީހަކަށް ކުރެވިފައިވާ ފާފަތައް، އޭނާއަށްޓަކައި ފުއްސެވިގެން ދާނެއެވެ.“
މި ހަދީޘްތަކުގައި ވުޟޫކުރުމާއި ގުޅިގެން ވާރިދުވެގެންވާ ޢަރަބި ލަފްޒަކީ ثُمَّ (އެއަށްފަހު) މިފަދައިންނެވެ.
އެހިނދު މާނަކުރެވެނީ އެއީ ވުޟޫ ކުރުމަށްފަހު، ވުޟޫކޮށް އަވަދި ވުމަށްފަހު ކުރުމަށް އޮތް ސުންނަތުގެ ޢަމަލެއް ކަމެވެ.
الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ. "ފަހެ، ޙަދީޘްއިން ބަޔާންވެގެންވަނީ 2 ރަކުޢަތުގެ ނަމާދު ވުޟޫ ކުރުމަށްފަހު، ކުރުން މުސްތަޙައްބުވެގެންވާކަމެވެ،"
الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. "ވާރިދުވެގެންވާ ޞައްޙަ ޙަދީޘްތަކުން (ބަޔާންވެގެންވަނީ) ވުޟޫ ކޮށް އަވަދި ވުމާއެކު، މި ދެރަކުޢަތް ކުރުން މުސްތަޙައްބުވެގެންވާކަމެވެ." المجموع شرح المهذب (3 /545)
އިމާމް شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. "ވުޟޫ ކޮށް އަވަދި ވުމާއެކު ދެރަކުޢަތް ކުރުން މުސްތަޙައްބުވެގެންވެ އެވެ. އަދި އެއީ (ނަމާދު ކުރުން) ނަހީ ކުރެވިގެންވާ ވަޤުތު ކަމުގައިވީނަމަވެސް އެވެ. މިފަދައިން الشافعي ވިދާޅުވެފައިވެ އެވެ." الفتاوى الكبرى (5 / 345)
ވުމުން ޚުލާޞާއަކީ : ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުން ކަނޑައެޅިފައިވަނީ ވުޟޫކޮށް އަވަދި ވުމާއެކުގަ އެވެ. ވުޟޫ ކުރުމަށްފަހު، ވަޤުތުތަކެއް ފާއިތުވެ ވުޟޫގެ ސުންނަތް ކުރުން ލަސްވެއްޖެހިނދު، އެމީހަކަށް އެހިނދު އެވަނީ އެ ވަޤުތު ފާއިތުވެފަ އެވެ. والله أعلم
- ޝައިޚް މުޙައްމަދު ޙަސަން