ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 5: ކަމަނާގެ ތަޚްތު ވަނީ މިފަދައިންތޯއެވެ.

ކިޔުމަށް ހޭދަވާނީ 6މ 49ސ
ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 5: ކަމަނާގެ ތަޚްތު ވަނީ މިފަދައިންތޯއެވެ.

ޢަލީ އިޙްޞާން ފިރާޤް

 

[ކަމަނާގެ ތަޚްތު ވަނީ މިފަދައިންތޯއެވެ.] 

سليمان عليه السّلام ބަލްޤިޝްރަނިކަމަނާ އާއި މުޚާތަބު ކުރައްވައި މިހެން ވިދާޅުވުމުން އެކަމަނާ ވަރަށް ފުން ނަޒަރަކުން އެ ތަޚްތަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [މިތަޚްތާއި އަޅުގަނޑުގެ ތަޚްތާއި ދާދި އެއްކަހަލައެވެ.] މިވާހަކައަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 42 ވަނަ އާޔަތާއި 43 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

فَلَمَّا جَاءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُ هُوَ ۚ وَأُوتِينَا الْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ ﴿٤٢﴾ وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ اللَّـهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَافِرِينَ ﴿٤٣

މާނައީ: [ފަހެ، އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. ކަމަނާގެ تخت ވަނީ މިފަދައިންތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (سليمان ގެފާނު ވިދާޅުވިއެވެ.) އެކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، علم ލިބިފައެވެ. އަދި (އެކަމަނާގެ ކުރިން) ތިމަންމެން مسلم ންކަމުގައި ވީމުއެވެ. އަދި اللَّه ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި، އެކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން، އެކަމަނާވީ، كافر قوم އެއްގެ މީހުންގެ ތެރެއިންނެވެ.] 

ބަލްޤިޝް ރަނިކަމަނާ އިސްލާމްވެވަޑައިގަތުން:

ބަލްޤިޝްރަނިކަމަނާ، سليمان عليه السّلام ގެ އަރިހަށް ވަޑައިގެންނެވުމުގެ ކުރިން، އެކަލޭގެފާނުވަނީ ކަނޑުގެ ލޮނުގަނޑުގެ މަތީގައި ވަރަށް ބޮޑު ގަނޑުވަރެއް ބިނާކުރައްވައިފައެވެ. އެކަލޭގެފާނު އެ ގަނޑުވަރު ބިނާ ކުރައްވާފައިވަނީ ޖިންނީން ލައްވައި މަސައްކަތް ކުރުއްވައިގެންނެވެ. އެގަނޑުވަރު ފެންމަތީގައި ބިނާކޮށްފައި ހުރިއިރު، ބިއްލޫރީގެ ސާފުކަމާއި އޮމާންކަމުގެ ސަބަބުން ކަނޑުގައިވާ މަސްމަހާ މެއްސާއި ދިރޭތަކެތި ފެނެއެވެ. މީހަކަށް ފުރަތަމަ އެ ގަނޑުވަރު ފެނިއްޖެނަމަ ހީވަނީ އެއީ ސީދާ ކަނޑުހެންނެވެ. 

سليمان عليه السّلام އެފަދަ ބޮޑު ގަނޑުވަރެއް ބިނާ ކުރެއްވުމުގެ އެއްބޭނުންފުޅަކީ މާތްއެކަލޭގެފާނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޮޑުކަމާއި ގިނަކަން އެކަމަނާއަށް ދެއްކެވުމެވެ. މާތްގެ ކުޅަދުންވަންތަކަން އެކަމަނާއަށް ހާމަކޮށްދެއްވުމެވެ.  ދެންފަހެ، ބަލްޤިޝްރަނިކަމަނާ އެގަނޑުވަރަށް ވަދެވަޑައިގެންނެވުމަށް ދެންނެވުމުން އެކަމަނާ ހީފުޅު ކުރެއްވީ އެއީ ބޮޑު ފެންގަނޑެއް ކަމަށެވެ. އެހެންކަމުން އެކަމަނާގެ ހެދުންކޮޅުގެ ފަސްބައި ކޮށިކުރައްވައިގެން ފެންގަނޑަކަށް އެރޭމީހެއް ފަދައިން ފައިންޕުޅު ކަޝްފު ކުރެއްވިއެވެ. سليمان عليه السّلام ވިދާޅުވިއެވެ. 

[އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ.]

سليمان عليه السّلام އެހެން ވިދާޅުވުމުން، ބަލްޤިޝްރަނިކަމަނާ އެގަނޑުވަރަށް ވަދެވަޑައިގެންނެވިއެވެ. އަދި އެކަމަނާއަށް سليمان عليه السّلام އަށް މާތް ދެއްވައިފައިވާ ރަސްކަމުގެ ބޮޑުކަމާއި ނިޢުމަތްތަކުގެ ގިނަކަން ތަޞައްވަރުކުރެވި، ވަގުތުން އިސްލާމްވެވަޑައިގެންނެވިއެވެ. އެކަމަނާ ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ.

[އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.] 

މިދެންނެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ނަމްލު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

قِيلَ لَهَا ادْخُلِي الصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚقَالَ إِنَّهُ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّـهِ رَبِّ الْعَالَمِينَ ﴿٤٤

މާނައީ: [އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ! ފަހެ، އެކަމަނާއަށް އެތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު كشف ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެކަމަނާ إسلام ވުމަށް سليمان ގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.]

ބަލްޤީޝްރަނިކަމަނާ އިސްލާމްވެވަޑައިގެންނެވުމަށްފަހު سليمان عليه السّلام، އެކަމަނާ އާ ކާވެނިބައްލައިގެންނެވި ކަމަށާއި އެކަމަނާ ރަނިކަންކުރެއްވީ ސަބާގައިކަމަށާއި سليمان عليه السّلام ރަސްކަން ކުރެއްވީ ބައިތުލްމަޤުދިސްގައިކަމުގައި ތާރީޚުގެ ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. ޙަޤީޤަތަކީ މިފަދަ އެއްވެސް ރިވާޔަތެއް ސާބިތުވާ ވަރަށް ހެއްކެއްނެތްކަމެވެ. މިފަދަ ގިނަ ވާހަކަތައް ރިވާވެފައިވަނީ ޔަހޫދީންގެ ފަރާތުންނެވެ. އެބައިމީހުންވަނީ ނަބީބޭކަލުންގެ ސީރަތުގެ އޮޅުންބޮޅުންކޮށް އެބޭކަލުންނަށް ނިސްބަތް ކުރަން ހެޔޮނުވާފަދަ އެތައް ވާހަކަތަކެއް ހަދާފައެވެ.

 

މިއަދު އޮންލައިން