ބައްދަލުވީ "މަލަކުލްމައުތާ" ކަމަށް ޤަބޫލުކުރެވުނު މީހާގެ ވާހަކަ- މަރަށް ތައްޔާރުނުވާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ބައްދަލުވީ "މަލަކުލްމައުތާ" ކަމަށް ޤަބޫލުކުރެވުނު މީހާގެ ވާހަކަ- މަރަށް ތައްޔާރުނުވާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއް!

އަޅުގަނޑުގެ ފިރިމީހާއަކީ ރަނގަޅު ގިނަ ސަފަތަކެއް ހުރި މީހެކެވެ. މައްސަލައަކީ 5 ދަރިން ލިބުމުންވެސް ގޭގައި ހޭދަކުރާ ވަޤުތު މަދުކަމެވެ. އަޅުގަނޑުގެ އިތުރުން ދަރިންނާއިއެކުގައިވެސް ވަޤުތު ހޭދަނުކޮށް އެކުވެރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރާކަމެވެ.

އެކަން ބަދަލުކުރުވޭތޯ ވަރަށް ގިނަ މަސައްކަތްކުރެވިއްޖެއެވެ. އަދި މިއުޅެނީ ކާމިޔާބު ނުކުރެވިގެންނެވެ. މިކަމަށް އެއްވެސް ދަރުސެއް ނެތްތޯ؟

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ކޮންމެ ދުވަހަކުހެން ތިއަ މައްސަލައިގައި ޢިލްމްވެރިން ވިދާޅުވެފައި ހުންނަ ބަސްފުޅުތައް ގެނެސްދެމުއެވެ. ތިރީގައިވާ ލިޔުމަކީ ހަމަ ވަރަށް އަގުހުރި ދަރުސެކެވެ.

އޭނާއަކީ ވަރަށް ހެޔޮލަފާ މީހެކެވެ. އަޅުކަންވެސް ކުރެއެވެ. ދީލަތިވެސް މީހެކެވެ. ނަމަވެސް އޭނާގެ ކިބައިގައި ބަލިފައެއް ވެއެވެ. އެއީ އެކުވެރިންނާއިއެކު ވަރަށް ގިނަ ވަޤުތުތައް ބޭކާރުކުރުމެވެ.

އެއްރެއެކެވެ. ކުޑަކޮށް ވިއްސާރަވެސް ރެއެކެވެ. ޢިޝާ ނަމާދުން ފައިބައިގެން ގޮސް ކައިހަދައިގެން އެކުވެރިންގާތަށްދާން ގެއިން ނުކުތްތަނާ ގޯތި ތެރެއިން ހުދުހެދުމެއްގައި ހުރި މީހަކާއި ބައްދަލުވިއެވެ. އޭނާ ބުނީ އޭނާއަކީ މަރުގެ މަލާއިކަތާކަމަށެވެ. ބައްދަލުކުރި ބޭނުމަކީ ފުރާނަ ހިފުން ކަމަށެވެ.

އޭނާ ވަރަށް އާދޭސްކޮށްފައި ދެންނެވިއެވެ. "އަޅުގަނޑަށް ވަޤުތުކޮޅެއް ދެއްވާށެވެ! ނުކުރެވިހުރި ކަންކަން ވަރަށް ގިނައެވެ." ޖަވާބުގައި އެމީހާ ބުނީ މިރޭ 12 ޖަހާއިރި އެނބުރި އަންނާނެ ކަމަށެވެ.

އެ ހިސާބުން ބޭރަށް ދިއުން ހުއްޓާލާފައި ގެއަށް ވަދެ ޢާއިލާ އާއިއެކު ވަޤުތު ހޭދަކުރިއެވެ. އަޅުކަންކުރިއެވެ. ކުރަންހުރި ވަޞިއްޔަތްތައްވެސް އަނބިމީހާ އަށާއި ދަރިންނަށްކުރިއެވެ. ނަމަވެސް ކީއްވެގެންކަން އޮތީ ސިއްރުކޮށްފައެވެ.

ބާރަޖަހަން ގާތްވުމުން ގޯތިތެރެއަށް ނުކުމެ ގޮނޑިއެއްގައި އޮށޯވެލިއެވެ. އަދި އުޑުމައްޗަށް ބަލަން އޮވެ ބުނެވުނެވެ. "މަރަށް ތައްޔާރުވާން އެކަށީގެންވާވަރާއި ގާތަކަށްވެސް މަސައްކަތެއް ނުކުރެވުނެވެ. ކުރެވުނީ ވަރަށް މަދު އަޅުކަމެކެވެ. ޞަދަޤާތް ކުރެވިފައިވީވެސް ވަރަށް މަދުންނެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. އޮތީ ހެޔޮރަޙްމަތް ލެއްވެވުން އެދި ދުޢާކުރުންތާއެވެ."

އެވަގުތު ޕްރައިވެޓް ނަމްބަރަކުން ފޯނުކޯލެއް އައެވެ. ޖަވާބުދިނުމުން ބުންޏެވެ. "ރަޙްމަތްތެރިޔާއެވެ. ތިބާ އަދި މިވަގުތު މަރުނުވެދާނެއެވެ. ތިބާއާއި ބައްދަލުކުރީ މަލަކުލްމައުތެއް ނޫނެވެ. އަހަރެންނެވެ. އަހަރެންގެ މަޤްޞަދު ޙާޞިލުކުރެވިއްޖެއެވެ. ތިބާއަށް އެއްޗެއް ވިސްނައިދެވިއްޖެއެވެ. ދެންވެސް އުޅުން އިޞްލާޙްކޮށްލާށެވެ. ތަޤްވާވެރިކަން އިތުރުކުރާށެވެ. އަޅުކަންކުރުން ގިނަކުރާށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ. މަލަކުލްމައުތު ތިބާއާއި ބައްދަލުކޮށް ފުރާނަ ހިއްޕަވާނީ ކޮންއިރަކުކަމެއް ނޭނގޭނެއެވެ. އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. މަލަކުލްމައުތު ވަޑައިގެންފިނަމަ ތިބާ ރޮއި އާދޭސްކުރިޔަސް އިތުރު ފުރުޞަތެއްވެސް ނުދެއްވަވާނެއެވެ. ވީމާ އަގުހުރި ވަގުތުތައް ތިއަގޮތަށް ބޭކާރުކޮށްނުލައި މިރޭ ފަދައިން ޢާއިލާ އާއިއެކުގައި ވަޤުތުހޭދަކުރާށެވެ! ވީހައިގިނައިން ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާށެވެ." އެހެން ބުނެފައި ފޯނުި ކަނޑާލައިފިއެވެ.

ޙަޤީޤަތުގައި މިއީ އޭނާގެ އެކުވެރިއަކު އޭނާ އިޞްލާޙްކުރަން ދިން ވަރަށް މުހިންމު ފިލާވަޅެކެވެ. ހަމައެކަނި އޭނާއަކަށް ނޫނެވެ. އަހަރެމެން އެންމެންނަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން