ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. މޮޔައަކު ނޫނީ ޢުމުރުދުވަހު ކުރާ ވަރަށް ބުރަ މަސައްކަތުން އަޅާ ގެއެއްގައި ހުޅުޖަހައި އަންދައެއް ނުލާނެއެވެ! އެކަމަކު ގޭގައި ހުޅުޖެހުމަށްވުރެ މާބޮޑު ގޯހެއް ގިނަ ބައަކު ހަދައެވެ. އެއީ ތިމާ ކުރާ ޢަމަލުތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހުމެވެ. އެއީ ގޭގައި ހުޅުޖެހުމަށްވުރެ މާބޮޑު މޮޔަކަމެކެވެ. އެއަށްވުރެ ވަކިންބޮޑު މޮޔަކަމެއް އެކަކަށްވެސް ނުކުރެވޭނެއެވެ.
މިއީ ވަރަށް އަގުހުރި ނަޞީޙަތުގެ ބަސްފުޅެކެވެ. ފައިދާކުރާނީ ވިސްނައި ފިކުރުކުރި މީހަކަށެވެ.
ގިނަ ބައަކަށް މިހާރު މިވަނީ ޙަޤީޤީ އުފާވެރިކަން ވަރަށް ބޮޑަށް އޮޅިފައެވެ. އުފާވެރިކަން ލިބެނީ ހަވާނަފްސް އެދޭ ކަންކަން ކުރުމުން ކަމަށް ޤަބޫލުކޮށްފައެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ.
މީހަކު އޭނާގެ މޮޅުކަން ދައްކަން ވީހައި ގިނަބައަކާއި ޒިނޭކޮށްފާނެއެވެ. އަބަދު މަސްތުވެގެންވެސް ހުރެދާނެއެވެ. ވައްކަންކޮށްގެން ތަނަވަސްކަންވެސް ހޯދައިފާނެއެވެ. އަދި އެކަންކަމުން ލިބޭ އުފަލަކީ އޭނާއަށް ހުރިހާ ހިތްހަމަޖެހުން ލިބިދޭ ކަމެއްކަމުގައިވެސް ދެކިފާނެއެވެ.
ނަމަވެސް އެއީ މުޅިން ގޯސް ވިސްނުމެކެވެ. އޭނާ މަރުވުމާއިއެކު ނަރަކައިގެ އަލިފާން އޭނާ ޢާއި ބައްދަލުކުރާނެތެވެ. ކައްވަޅު އޭނާއަށް ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުން އުފާ ޙާޞިލުކޮށް ހެޔޮ ޢަމަލުކުރާމީހާއަށް އޭނާގެ ކައްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. އިން ޝާ ﷲ
ދުނިޔޭގައި ތިބި ޙަރާމް ކަންކަން ކުރުމުން އުފާ ހޯދާ މީހުންނަށް ނުބަލާށެވެ! އެމީހުން އެ ލިބިގަންނަނީ ދާދިކުޑަކުޑަ ހިނދުކޮޅެއްގެ ވަގުތީ އުފަލެކެވެ. އެމީހުން އެ ޖަމާކުރަނީ ނަރަކައިގަ އެމީހުން އަންދާނެ ދަރެވެ.
އުފާވެރިކަން ލިބިގަންނަންވީ ހެޔޮ ޢަމަލުކުރުމުންނެވެ. އުފާ ހޯދަން ކުރަންވީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. ޙަޤީޤީ އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން