ކިތަންމެ ބޮޑަށް ލޯބިވާކަމަށް ބުނިނަމަވެސް ލޯބިނުވާ މީހުން ދެނެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ކިތަންމެ ބޮޑަށް ލޯބިވާކަމަށް ބުނިނަމަވެސް ލޯބިނުވާ މީހުން ދެނެގަންނާށެވެ!

ކައިވެނިކުރުމުން ކުރަން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ކުރަން ބޭނުންވާ މީހަކާ ވަކިވުމަކީ ބޭވަފާތެރިވުންކަމަށްވާނެތޯ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ބޭވަފާތެރިވުމެއް ނޫނެވެ. ތިބާ ވަފާތެރިވާންޖެހޭ ފަރާތަށް ވަފާތެރިވުމެވެ. އެފަރާތަކީ ﷲ ތަޢާލާއެވެ. ދެން ބުނެލަން އޮތީ ތިއައީ ވަރަށް ގިނައިން ކުރެވޭ ސުވާލކަށްވާތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

ހިތުން ލޯބިނުވެ ދުނިޔަވީ ކޮންމެވެސް ފައިދާއެއް ހޯދުމަށްޓަކައި ހިތުގެ އެންމެ އަޑިން ލޯބިވާކަމަށް ހެދިގެން އަނެކާއަށް އަނިޔާދިނުން ގިނަވާތީ ކިޔުންތެރިންގެ ފަރާތުން ވަރަށް ގިނަ ސުވާލުތައް ކުރިމަތިވެއެވެ. އެހެންވެ މިގެނެސްދެނީ ކަން އޮތް ގޮތެވެ!

"އަޅުގަނޑަށް އޭނާ ދެކެ ލޯބިވެވުނީ ފެންނަ ކޮންމެ ތަނަކުން އަޅުގަނޑު ދެކެ ލޯބިވާކަމަށް ބުނެ އައިލަވްޔޫ ކިޔަމުން ފަހަތުން ހިނގިވަރުންނެވެ. އެހައިގިނައިން އެހެން ކިޔުމުން އެއީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރެވިގެންނެވެ.

ނަމަވެސް ކަންތައްތައް ވެގެން ދިއައީ މުޅިން ތަފާތު ގޮތަކަށެވެ. އަޅުގަނޑު އޭނާ ދެކެ ލޯބިވާކަން އެނގުނު ހިސާބުން ދެން ފެނިގެން ދިއައީ މުޅިން ތަފާތު ކަންތައްތައް ތަކެކެވެ. ﷲ ނަހީކުރެއްވެވި މަގުން އަޅުގަނޑު ގެންދަން މަސައްކަތްކުރަންފެށިތަނެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯބިވުމަކީ މުޅިން ތަފާތުކަމެކެވެ. ލޯބިވާނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ. ކައިވެނި ކުރަން އިންތިޒާރުކުރާ ދުވަސްތަކުގައިވެސް ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ވީމާ އޭނާގެ ޢަމަލުތައް ހުރިގޮތް ފެނުމުން އަޅުގަނޑު އަވަހަށް އޭނާ އާއި ވަކިވީއެވެ.

އަޅުގަނޑު އޭނާ އާއި ވަކިވުމުން އޭނާ ބުނަނީ އަޅުގަނޑު އޭނާއަށް ލަނޑު ދިނީ ކަމަށެވެ. އަޅުގަނޑުގެ ސުވާލަކީ އެފަދަ މީހަކާއި ވަކިވުމަކީ އަޅުގަނޑަށް ކުރެވުނު ފާފައަކަށް ނުވަތަ ގޯސްކަމަކަށް ވާނެތޯއެވެ؟"

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުވާފައިވާ ސުވާލެކެވެ.

ޖަވާބު:

ފުރަތަމަކަމަކަށް ބަލައިލަންވީ ޒިނޭކުރުމާއި ބެހޭ ގޮތުން އޮތް އާޔަތަށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. ވީމާ ޒިނޭ ކުރުމަށް މަގުފަހިވެދާނެ ކޮންމެ ކަމަކުން ދުރުހެލިވުން އެއޮތީ ވާޖިބުކުރައްވަވައިފައެވެ. ވީމާ ތިބާ ތިއަ އެޅި ފިޔަވަޅަކީ ﷲ ތަޢާލާގެ މަގުގައި އެޅި ވަރަށް ސާބިތު ފިޔަވަޅެކެވެ. އެކަމުގެ ބަރަކާތް ތިބާއަށް ލައްވަވާށިއެވެ! އާމީން

ދެން ބަލައިލަންވީ ލޯބިނުވެ ލޯބިވާކަމަށް ބުނަމުން ފަހަތުން ހިނގުމަށެވެ. އެއީ ކުރާ ވަރަށް ބޮޑު ފާފައެކެވެ. މަކަރާ ހީލަތްހެދުމަކީ ހަމައެކަނި ފައިސާއިން ވައްކަންކުރުމެއް ނޫނެވެ. ލޯބިނުވެހުރެ ލޯބިވާކަމަށް ބުނުމަކީ މަކަރާޙީލަތުގެ ޢަމަލެކެވެ. އެމީހަކު އެކަމަށް ޒިންމާވާނެޖެހޭނެއެވެ. ފާފަވެރިވެސް ވާނެއެވެ. އެމީހާ ފެތިގެން އެދަނީ މަކަރާޙީލަތް ހެދުމުގެ ގޮޅިއަށެވެ. ދުނިޔޭގެ ޤާނޫނުތަކުގައި އެކަން ކުށަކަށް ނުވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ވާނީ ބޮޑުފާފައަކަށެވެ. އެއްވެސް ކަމެއްގައި މަކަރާއި ޙީލަތްހެދުން އިސްލާމް ދީނުގައިވަނީ ނަހީކުރެވިގެންނެވެ.

ކައިވެނީގެ ކުރިން ނަމަވެސް ކައިވެނީގެ ފަހުން ނަމަވެސް ލޯބި ނުވެ ތިބެ އަދި އެކަކު އަނެކަކަށް މަކަރު ހަދަމުން އެކަކަށް އަނެކަކު ފެނުމުން އައިލަވްޔޫ ކިޔަނީ އެހެން ކިޔަން އާދަވެފައި ހުރުމުންނެވެ. އަދި އެކަކު އަނެކަކަށް ހަދާ މަކަރުތައް ފޮރުވުމުގެ ބޭނުމުގައިވެސް އެހެން ކިޔައެވެ. ވީމާ އައިލަވްޔޫ ކިޔައިފިނަމަ ވަރަށް ފަރުވާތެރިކަމާއިއެކު އެބަސް ކިރައި އަގުވަޒަންކުރަންވާނެއެވެ.

--މަޢުލޫމާތު އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން