ތިބާ ކުރާކަންކަމުގަ ބަރަކާތް ލައްވަވައި ލިބޭ ފައިދާއިތުރުކުރަން ބޭނުންނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިބާ ކުރާކަންކަމުގަ ބަރަކާތް ލައްވަވައި ލިބޭ ފައިދާއިތުރުކުރަން ބޭނުންނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-

ކޮންމެ ދުވަހަކު ތަފާތު 5 ވަގުތުގައި އަހަރެމެން ނަމާދުކުރަމުއެވެ. އެހެންކަމުން ފަތިހު ހޭލީންސުރެ ރޭގަނޑު ނިދުމާއި ހަމައަށް މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުރު ޖަވާބަކީ ﷲ ތަޢާލާ ހަނދުމަކުރަނީއެވެ.

އަދި މިވަރަކުން ވެސް ނުފުދެވެ. ކިތަންމު ކުޑަ އެއްޗެއް ކެއި ނަމަވެސް ބުއި ނަމަވެސް ބިސްމިﷲ ކިޔުން- މިކުރެވެނީ ކޮންކަމެއްހެއްޔެވެ؟ ﷲ ތަޢާލާ ހަނދުމަކުރަނީ ނޫން ހެއްޔެވެ؟ އަދިވެސް އެތެރެއަށް ޖެހިލަމާހެއްޔެވެ؟ ނިދުމުގެ ކުރިން ދެމަފިރިން ބައްދަލުކޮށް އުފާޙާޞިލުކުރަން އޮތީވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއިއެކުގައެވެ. ހެޔޮ ދުޢާ ކުރަމުންނެވެ. ކިޔަވަންޖެހޭ ޛިކްރުތައް ކިޔަވަމުންނެވެ. ވީމާ ޚުލާޞާޢަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭ މީހާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. ވާގި އެދިގެންނެވެ.

ޖުމުލަކޮށްލާފައި ބުނާނަމަ އަހަރެމެން ކުރާ ކޮންމެ އަމަލެއް ވެސް ކުރަން ޖެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއިއެކުގައެވެ. ޛިކުރު ކުރަމުންނެވެ. މިހިސާބުން ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ އާއި ގުޅުވަން ޖެހޭ ހެއްޔެވެ؟ އެކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

މީސްތަކުންނޭވެ! އެއީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކުރަން ޖެހޭ ކަމެކެވެ. އެއީ ސުވަރުގެ ޙާޞިލުކުރަން ކުރާ މަސައްކަތުގެ ބައެކެވެ. ނަރަކައިން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ދުނިޔެ އާއި އާޚިރަތް ހޯދަން ކުރާ މަސައްކަތުގެ ބައެވެ. އެކަމާއި ނުގުޅޭ އެއްވެސް ކަމެއް ނުހިނގާނެއެވެ. އަދި ނުވެސް އޮންނާނެއެވެ. ޛިކްރު ކުރުން ގިނަ ވުމަކީ ހެޔޮ ކަމުގެ ދޮރުތައް އެމީހަކަށް ހުޅުވިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.

ކޮންމެ ދުވަހަކު އެތައް ފަހަރަކު މިކަންކަމަށް ވިސްނައި ތަޤްވާވެރިކަން އިތުރުކުރަމުން ގެންދިއުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާފައި މިވަނީ މި ބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ނަމަވެސް ގިނަ ބައަކު މިކަން ހަނދާނެއް ނުކުރެއެވެ. އިރު އަރައި އިރުއޮއްސި އަދި އެންމެފަހުން އެދުވަހު ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމުމަށްފަހު ނިދަން އޮށޯންނައިރުވެސް ﷲ ތަޢާލާގެ މަތިން ހަނދާން ކޮށްލާނެ ވަގުތުކޮޅެއް ލިބޭ ކަމަކަށް ނުވެއެވެ. އެންމެ އަޖައިބު ކަމަކީ ކާން ފަށަމުން ނުވަތަ ނުވަތަ އެނޫންވެސް ކަމެއް ކުރަން ފަށަމުން ބިސްމިﷲ ކިޔުނު ނަމަވެސް މިކިޔޭ އެއްޗަކާއި މިކިޔަ ސަބަބު ހިތަށް ނުގެނެވޭ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން