ލިބުނީ 2 ދަރިން! ބޮޑުވީ ބައްޕަ ނުފެނި! 2 ދަރިންވެސް ޕީއެޗްޑީ ހަދައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 3ސ
ލިބުނީ 2 ދަރިން! ބޮޑުވީ ބައްޕަ ނުފެނި! 2 ދަރިންވެސް ޕީއެޗްޑީ ހަދައިފި!

އަޅުގަނޑަށް ލިބުނީ 2 ދަރިންނެވެ. ދަރިންނަށް ވަޒީފާ ލިބުމުގެ ކުރިން އެކުދިންގެ ލޮލަށްވެސް ބައްޕަ ފެނިފައެއް ނުވެއެވެ. ދޮށީ ދަރިފުޅު 2 އަހަރު ކުރިން ޕީއެޗްޑީ ހަދައިފިއެވެ. ދެވަނަ ދަރިފުޅު މިއަހަރު ޕީއެޗްޑީ އޮސްޓްރޭލިޔާގައި ހުރެގެންނެވެ. ސަނަދުއެނެގީ އެކަންޏެއްވެސް ނޫނެވެ. ދެމަފިރިން އެކުގައެވެ. ދަރިންނަށް ކިޔަވަން ވަޤުތު ހޯދައިދޭން އަޅުގަނޑުވެސް އެދަރިންގެ ގާތުގައި އިންނަތާ 2 އަހަރުވީއެވެ. 

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަދެއްވާށެވެ! ހަމަ އެންމެ ބޭނުމަކުއެވެ. އަޅުގަނޑުފަދައިން ދަރިންނާއިއެކު އެކަނިވެރިވާ މައިންނަށް ހިތްވަރަކަށެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ބަސްކޮޅެކެވެ. 

އަނބިން ވަރިކުރިނަމަވެސް ދަރިންނަށް ޚަރަދުކޮށް ތަރުބިއްޔަތުކުރަން މަސައްކަތްކުރާ  ބައްޕައިންވެސް ތިބެއެވެ. އެމީހުންނަށް އޮތީ ތަޢްރީފެވެ. ހިތާމައަކީ ވަރިކުރުމަށްފަހު ދަރިން ލޮލުން ނުދެކޭ އަދި އެއްވެސް ޚަރަދެއް ނުކުރާ ބައްޕައިން ގިނަކަމެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ވަރިކުރުމަށްފަހު ދަރިންގެ ބައްޕަ އެއްވެސް ޚަރަދެއް ނުކުރާތަނުގައި ދަރިން ދެކެލަންވެސް ނައިސް އަދި ދަރިން ތަރުބިއްޔަތުކުރުމުގައިވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭތީ އެކަނިވެރި މައިން ވަރަށް ގިނަ ސުވާލުތައް ކުރެއެވެ. ކަންބޮޑުވުން ފައުޅުކުރެއެވެ. 

"މައަކު އެކަނި ދަރިންބަލަން ޖެހުމުން ދަރިން ތަރުބިއްޔަތުކުރެވޭނެތޯ؟ ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟" އެތައް އެކަނިވެރި މައިން ސުވާލުކުރެއެވެ. 

ތިރީގައި އެވަނީ މިފަދަ ސުވާލަކަށް ދީފައިވާ ޖަވާބާއި އެކަނި ދަރިން ބަލައި ބޮޑުކުރި ފަޚުރުވެރި މައެއްގެ ތަޖުރިބާގެ ޢިބްރަތްތެރި ވާހަކައެކެވެ. 

އެއްވެސް ޝައްކެއް ނެތެވެ. ދަރިން ލިބެނީ އެކަންޏަކަށް ނޫނެވެ. ދެ މީހަކަށެވެ. އަދި ކާންދީ ބަލައި ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ޒިންމާއެއް އަދާކުރަންޖެހެނީ ބައްޕައިންނަށެވެ. އެކަން ނުކޮށްފިނަމަ ޤިޔާމަތް ދުވަހު އެމީހުންނާއި ސުވާލުކުރައްވަވާނެތެވެ. ޖަވާބުދާރީވާންވެސް ޖެހޭނެތެވެ. 

ތިބާ ކުރާ މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ސާބިތުކަމާއިއެކު ހިތްވަރުކުރާށެވެ! ކުރާ މަސައްކަތަށް ޛައްރެއްގެ މިންވަރުވެސް ބޭއިންޞާފު ނުކުރައްވަވާނެތެވެ. އަދި އެހެން މީހަކު ޒިންމާވާންޖެހޭ ކަމެއްގެ ޒިންމާވެސް އުފުލާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

--މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިއަފަދަ މައިން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލުކޮށްފައެވެ. ދަރިން ބަލަން އުފުލި ބުރައިގެ އަގު ރަނާއި ޖަވާހިރަސްވުރެވެސް މަތިން ވަނީ ލިބިފައެވެ. 8 ދަރިންނާއިއެކު ފެތި މިމަންމަގެ ވާހަކަ ކިޔާލައި ހިތްވަރު ލިބިގަންނާށެވެ! 

4 ކައިވެނިކޮށް 8 ދަރިން ލިބުނު ދިވެހި އަންހެނަކު އޭނާގެ 4 ވަނަ ކައިވެނީގެ ބައިވެރިޔާ ނިޔާވުމުން އިތުރު ކައިވެންޏެއް ނުކުރެއެވެ. އަމިއްލަ މަސައްކަތުން 8 ދަރިން ވަނީ ބޮޑުކޮށްފައެވެ. އޭނާގެ ދަރިންގެ ތެރޭގައި މިއަދު 3 މެޑިކަލް ޑޮކްޓަރުންވެސް އެބަތިއްބެވެ. 2 ޑޮކްޓަރުން މަސައްކަތްކުރަނީ ބޭރު ޤައުމުތަކުގައެވެ. 

އެއް ދަރިފުޅު ޕީއެޗްޑީ ޙާޞިލުކުރުމަށްފަހު ދަނީ ބޭރު ޤައުމެއްގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީގައި ކިޔަވައިދެމުންނެވެ. ދެން ތިބި ކުދިންނަކީ މާސްޓަރސް ފެންވަރަށް ކިޔަވައިގެން ރަނގަޅު ގޮތުގައި ދިރިއުޅެމުންދާ ކުދިންނެވެ. 

އަންހެން މީހާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ދަރިން ތަރުބިއްޔަތުކޮށް ކިޔަވައިދެވުނީ އިތުރު ކައިވެންޏެއް ނުކޮށް ހުރިހާ ސަމާލުކަމެއް ދަރިންނަށް ދެވޭނެ ގޮތަށް ކަންކަން ފަހިވުމުންނެވެ. 

"އަހަރެންނަކީ ރާއްޖެ ތެރެއަށް ނިޞްބަތްވާ އަންހެނެއް. 3 ވަނަ ފިރިމީހާ މަރުވުމުން މާލެ އައީ ތަނެއް ކުއްޔަށް ހިފައިގެން. އަހަރެން އާމްދަނީ ހޯދީ އަމިއްލަ މަސައްކަތުން. ކިޔަވަން ކުދިން ބޭތިއްބިން. ހެދިކާ ހެދިން. ފޯއްކޮށިން. އަންހެނަކަށް ކުރެވޭނެ ޙަލާލު ހުރިހާ މަސައްކަތެއް ކުރިން." 

"އަޅުގަނޑުގެ ފުރަތަމަ 3 ކައިވެނި ވެސް ރޫޅުނީ. އެކަމުގެ ވާހަކަތައް ދައްކާކަށް ނެތިން. ކޮންމެ ގޮތެއްވީ ނަމަވެސް އެއީ ދަރިންގެ ބައްޕައިން. ވީމާ އެކަން ބާއްވާ. 4 ވަނަ ފިރިމީހާ ނިޔާވީ. އެ ހިސާބުން ނިންމީ އިތުރު ކައިވެންޏެއް ނުކުރަން. ދަރިންނަށްޓަކައި މަސައްކަތްކުރާ މައަކަށްވާން."

 

"އަޅުގަނޑު މިއަދުވެސް އެންމެ އުފާވަނީ އެންމެ ފަޚުރުވެރިވަނީ އަތުން ކުރި ޙަލާލު މަސައްކަތުން ނޫން ގޮތަކަށް ހޯދި އެންމެ ލާރިއެއްވެސް ބޭނުންކޮށްފައި ނުވާނެތީ. ދަރިންގެ ގައިގައިވެސް އަޅުގަނޑުގެ ގައިގައިވެސް ހުންނާނީ 100 އިންސައްތަ ސާފު ޠާހިރު ލޭ ކަމަށްވާތީ."

 

"އެއީ މީގެ 40 އަހަރު ކުރި. މާލެ އައިސް އިންނާނެ ގެއެއް ކުއްޔަށް ހޯދައިދިނީ އެކުގައި އީޕީއެސްގައި އުޅުނު އަންހެން ކުއްޖެއް. އޭނާ އަޅުގަނޑަށް ފުރަތަމަ 3 މަސް ދުވަހުގެ ކުލި ދައްކައިދިނީވެސް. ދަރިން ސްކޫލަށް ވައްދައިދިނީވެސް. އެކަމަށްޓަކައި އަބަދުވެސް އޭނާއަށް ހެޔޮ ދުޢާކުރަން. އެ ނޫނީ އަޅުގަނޑަށް އެއްވެސް މީހަކު ވެދިން އެއްވެސް އެހީއެއް ނޯންނާނެ. އަޅުގަނޑު ކުރި މަސައްކަތުގަ ﷲ ބަރަކާތް ލެއްވެވި. އިން ޝާ ﷲ.

 

"މިއަދު މާލޭގަ މިއިންނަނީ ކުއްޔަށް ހިފައިގެން ތިބި ގޭގެ ބައެއް ދަރިން ގަތީމާ އެބައިގަ. ދަރިން އަޅުގަނޑު ގެންގުޅެނީ އުރާލައިގެން. އަމިއްލަ ހެދުން ދޮންނަން މެޝިނަށްލުންވެސް އަޅުގަނޑަށް މަނާ ކޮށްފަ އޮންނަނީ. ބޭރުގަ އުޅޭ 3 ދަރިން އަބަދު ތިބެނީ މަންމަ އައިސް ދިނުމަށް އެދިއެދި."

 

އޭނާ ބުނީ މިއަދުނޫސް ކިޔާ ކަމަށާއި މިއަދުނޫހާއި މައުލޫމާތު ހިއްޞާކުރީ މިއަދުނޫހުގައި ލިޔާ ބައެއް ވާހަކަތަކާއި އޭނާގެ ޙަޔާތުގެ ކަންކަން ވަރަށް ބޮޑަށް ގުޅިފައިވުމުން ކަމަށެވެ. "އަޅުގަނޑު ވަކި އަޅުކަމެއް ބުނާކަށް ނެތިން. މިއަދުނޫހުން އެންމެ ބޮޑަށް ކުރަން ބާރު އަޅާ އެއް އަޅުކަން އަޅުގަނޑު އުމުރުން 30 ވަރަކަށް އަހަރުން ފެށިގެން މިއަންނަނީ ކުރަމުން. އެކަން ކުރަން ފެށީ 4 ވަނަ ފިރިމީހާ އާއެކު ދިރިއުޅެމުން. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ! އެހެންވީމާ އެބައި ދޫކޮށްލާ! ހަމަ ގައިމުވެސް މިހުރިހާ ޙާލެއްގަ އުޅުނު އިރުވެސް ކޮންމެ ކަމަކުންވެސް މިންޖު ވެވޭނެ މަގެއް މާތްﷲ އަޅުގަނޑަށް ދައްކަވައިދެއްވެވި." އޭނާ ބުނެފައިވެއެވެ.

 

އޭނާއަށް ބޮޑު އުފަލެއް ލިބުނު ދުވަހާއިމެދު ސުވާލުކުރުމުން ކުޑަކޮށް ވއަތުފައަށް ބުރަވެލުމަށްފަހު ކިޔައިދިނެވެ. "މާތް އިރާދަފުޅުން ޙައްޖު ވެވިއްޖެ. އެއީ އެންމެ އުފާވި ދުވަސް. ދެން އެއިގެ ދެ އަހަރުފަހުން ހުރިހާ ކުދިން ރާވައިގެން މެލޭސިޔާގައި ހުރިހާ ކުދިން ބައްދަލުކޮށް އެކުގަ ޗުއްޓީއެއް ހޭދަކުރި. އެއިރު އެއް ރޭ ކާން ތިބެފަ އެހީ މަންމަ އެންމެ ކުރަން ބޭނުންވާ ކަމަކީ ކޮބައިހޭ. އަޅުގަނޑު ބުނީ އެއީ ކުރަން ވަރަށް ޚަރަދު ބޮޑުކަމެކޭ. އަޅާ ނުލާށޭ. ދަރިން މިހާރު ކޮށްދޭ ކަންކަން ފުދެއޭ. ދެންވެސް ކުރުނުކޮށް ހުރިހާ ކުދިން ކިޔަން ފެށީމާ ބުނިން ވަރަށް ގިނައިން ޢުމުރާކުރާހިތްވެޔޭ. އެ ހިސާބުން މާތް ﷲ އެކަންވެސް ވަނީ ވަރަށް ބޮޑަށް ފަހިކޮށް ދެއްވަވާފަ. ކުދިން ފޮނުވަން ބޭނުންވާ ވަރަށް އަޅުގަނޑަށް ނުދެވެނީ."

 

ނިންމާލަމުން ބުނީ "އަހަރެން ގޭގައި ކިޔަވަން ކުދިން ބޭތިއްބި ވާހަކަ ބުނީމެއްނު. އެއިގެ ތެރޭގައި މިވެނި އެވެނި ކުދިން ހިމެނޭ. ނިކަން ގޮސް އަހައިބަލަ އެކުދިންނަށް މައެއްގެ ވާޖިބު އަދާކޮށް ނުދޭތޯ؟ އަމިއްލަ ދަރިންނާ އެއްވެސް އެއްވެސް ތަފާތެއް ކުރިތޯ؟ އެއީވެސް ހަމަ ދަރިންނޭ އިނގޭތޯ! އެކުދިން މިއަދު އެތިބަ ހިސާބު ނިކަން ބަލައިލަބަލަ. ބެލީމާ އެނގޭނެ" ކަމަށެވެ.

 

އޭނާ ބުނީ އޭނާ ގެންގުޅެ ކިޔަވައިދިން ކުދިން ވެސް އޭނާއަށް ވަރަށް ހެޔޮ ކަމަށެވެ. މައެއްގެ ޤަދަރު ކުރާ ކަމަށެވެ. މާލޭގައި އިން ނަމަ ޤަވާއިދުން ބައްދަލުވެސް ކުރާ ކަމަށެވެ.

 

މިއީވެސް މައެކެވެ.! މިއީވެސް ދަރިންނެވެ! ކޮންމެ މީހަކުވެސް އެމީހަކަށް އަމަލުކުރެވޭ ގޮތާއިމެދު ވިސްނައިލުން ބުއްދިވެރިއެވެ. މައިންބަފައިންވެސް އަދި ދަރިންވެސް މެއެވެ.

 

މިއަދު އޮންލައިން