އެހެން މީހުންނަށް ލިބޭ ކުރިއެރުމަށާ އުފާވެރި ދިރިއުޅުމަށް ޙަސަދަލާ މީހުންނަކީ ކައްވަޅާ ޤިޔާމަތް ދުވަހަށް ބިރުވެތިވާ ބައެއް ނޫން! ކަރުނައަޅަންޖެހޭނެ ބައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެހެން މީހުންނަށް ލިބޭ ކުރިއެރުމަށާ އުފާވެރި ދިރިއުޅުމަށް ޙަސަދަލާ މީހުންނަކީ ކައްވަޅާ ޤިޔާމަތް ދުވަހަށް ބިރުވެތިވާ ބައެއް ނޫން! ކަރުނައަޅަންޖެހޭނެ ބައެއް!

ﷲ ތަޢާލާ އަހުރެމެން އެންމެންނަށްވެސް ކުރަން އަންގަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ ކޮންމެ ފަދަ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިކުރައްވަވަނީވެސް ﷲ ތަޢާލާ ކަމާއި އަދި އެންމެ ކުޑައިން ފެށިގެން އެންމެ ބޮޑެތި ނިޢުމަތްތައްވެސް ދެއްވަވަނީ ﷲ ތަޢާލާކަން ޤަބޫލުކޮށް ޝުކުރުވެރިވުމެވެ.  

އަނެކާއަށް ކިތަންމެ ބޮޑު ނިޢުމަތެއް ލިބިފައި ތިބާއަށް ކިތަންމެ ދަތި ޙާލުގައި އުޅެންޖހުނަސް އަލްހަމްދުލިﷲ ކިޔުމެވެ. އަދި ތިބާއަށް ކިތަންމެ ބޮޑު ނިޢުމަތެއް ދެއްވެވި ނަމަވެސް އަލްޙަމްދުލިﷲ ކިޔުމެވެ. އެހެނީ މިދެ ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ.  

ދެން ވިސްނާލަން ޖެހޭނެ ކަމަކީ ކިތަންމެ ދަތިޙާލުގައި ދުނިޔޭގައި އުޅެންޖެހުނަސް އަދި ކިތަންމެ އުފަލުގައި ދުނިޔޭގައި އުޅެން ލިބުނަސް މަރުވާ ވަޤުތުން ފެށިގެން އެކަންކަން ނިމުނީކަމެވެ. އެމީހާގެ ފުރާނަވާހުށީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ފައިދާކުރާނީ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުނު ހެޔޮކަމަކުންނެވެ.  

މާނައަކީ ދުނިޔޭގައި ކިތަންމެ ބޮޑު އުފާވެރިކަމެއްގައި އުޅެން ލިބުނަސް މަރުވުމުން ފައިދާކުރާނީ އެމީހަކު ދުނިޔޭގައި ހުރެ ކުރި ހެޔޮކަމަކުންނެވެ. އަދި ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނު މީހާއަށްވެސް މަރުވުމުން އޮތީ ހަމައެގޮތެވެ. ފައިދާކުރާނީ ދުނިޔޭގައި ހުރެ ކޮށްފައިވާ ހެޔޮކަމަކުންނެވެ.  

އަދިވެސް ވިސްނާށެވެ! ހެޔޮ ޢަމަލުތައް ކޮށްފައިނުވާނަމަ ދުނިޔޭގައި އެމީހަކު އުޅުނީ ކިތަންމެ ބޮޑު އުފާވެރިކަމެއްގައިނަމަވެސް މަރުވުމުން އެމީހަކަށް އެއްވެސް އުފާވެރިކަމެއް ނެތެވެ. އޮތީ ހިތާމަތަކެވެ. ޢަޛާބެވެ. އަދި ހަމަ އެހެންމެ ދުނިޔޭގައި ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނު ނަމަވެސް އެމީހަކު ހެޔޮ ޢަމަލުތައް ކޮށްފައިވާނަމަ އެމީހަކަށް އޮތީ އުފާވެރިކަމެވެ. ﷲ ތަޢާލާ ދެއްވަވާނެ ގިނަގުނަ ނިޢުމަތްތަކެވެ.  

ވީމާ އެހެން މީހުން ދުނިޔޭގައި އުފަލުގައި އުޅޭތީ ކަންބޮޑުވެ ޙަސަދަވެރިނުވާށެވެ! ތިމާއަށް ދަތިޙާލުގައި އުޅެންޖެހޭތީ ކަންބޮޑުވެ ހިތާމަވެސް ނުކުރާށެވެ! ހަމައެކަނި ކުރަން އޮތް ކަމަކީ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ. ފާފަ ނުކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން