ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 5: އެކަމަނާގެ ހުރިހާވެސް އުފަލަކީ الله ހަނދުމަކޮށް ޒިކުރުކުރެއްވުން

ކިޔުމަށް ހޭދަވާނީ 7މ
ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 5: އެކަމަނާގެ ހުރިހާވެސް އުފަލަކީ الله ހަނދުމަކޮށް ޒިކުރުކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް

 

އިސްލާމީ އުއްމަތުގެ ޢިލްމުވެރިން ޖުވައިރިއްޔަތުގެފާނު ސިފަކުރައްވާ ވަރަށް ޚާއްޞަ ސިފަފުޅެއްވެއެވެ. އެބޭކަލުން އެކަމަނާ ސިފަކުރައްވަނީ ގިނަގިނައިން ޒިކުރު ކުރައްވާ ތަސްބީހަ ވިދާޅުވާ ބޭކަނބަލެއްގެ ގޮތުގައެވެ. ކޮންމެ ދުވަހަކު އެތައް އިރެއްވަންދެން ފޫހިފުޅުކަމެއް ނެތި އެކަމަނާ މުސައްލަކޮޅުގައި ޒިކުރު ކުރައްވަން އިންނަވައެވެ.  އަހްޒާބު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙި ކުރައްވައިފައިވެއެވެ.

إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾‏

ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.

މި އާޔަތުގައި ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ އަންހެނުންގެ މިސާލުގެ ތެރޭގައި މުފައްސިރުން ޖުވައިރިއްޔަތުގެފާނުގެ ނަންފުޅު ގެންނަވާ ކަމަށް މިޒަމާނުގެ މަޝްހޫރު އިލްމުވެރި ޢުމަރު ސުލައިމާން ވިދާޅުވެއެވެ.

ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ.  އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم ފަތިސްނަމާދުން އަވަދިވެވަޑައިގެން އެކަމަނާގެ ގެކޮޅަށް ވެދެވަޑައިގެންފައި ނުކުމެވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ އެކަމަނާގެ މުސައްލަކޮޅުގައި ޒިކުރުކުރައްވާށެވެ. މެންދުރެއްހާއިރު އެކަލޭގެފާނު އެނބުރި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއިރުވެސް އެކަމަނާ އިންނެވީ އެޙާލުކޮޅުގައި ޒިކުރުކޮށް ތަޞްބީޙަ ވިދާޅުވާށެވެ. އެމަންޒަރު ފެނިވަޑައިގެން ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّمޙަދީޘް ކުރެއްވިއެވެ.  [ފަތިހުއްސުރެ ތިޔަ އިންނަވަނީ ޒިކުރުކުރައްވަންތޯއެވެ.؟] އެކަމަނާ ވިދާޅުވިއެވެ. [އާދޭހެވެ.]  މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަމަނާއާ ވަކިވެވަޑައިގެންނެވުމަށްފަހު ތިމަންކަލޭގެފާނު ހަތަރު ކަލިމައެއް ތިންފަހަރު ވިދާޅުވީމެވެ. ކަމަނާ މިހުރިހާއިރު ތިޔަ ވިދާޅުވިކަލިމަތަކާ އެކަލިމަތައް އަޅާކިރާލައިފިނަމަ އެ ކަލިމަތަށް މީޒާނުގައި ބުރަވެގެންވެއެވެ.] އެކަމަނާ އެއީ ކޮންކަލިމަތަކެއްތޯ އޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އެކަލިމަތަކަކީ: 

سُبْحَان اللّـهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرُشِهِ وَمِدَادَ كَلِمَاتِهِ މިއެވެ. 

އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކު ކޮންމެވެސް ކަމަކާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޖުވައިރިއްޔަތުގެފާނާ ދިމާލަށް މަލާމާތް ކުރެއްވުމުގެ ގޮތުން ވިދާޅުވިއެވެ. [ކަމަނާއަކީ ރަސޫލާގެ އަޅެކެވެ. އަހަރެމެން ފަދައިން އެކަލޭގެފާނުގެ އަނބިކަނބަލެއް ނޫނެވެ.] މިކަމާ ޖުވައިރިއްޔަތުގެފާނު ހިތްޕުޅުގައި ޖެހިވަޑައިގެން ހިތާމަފުޅު ކުރައްވާ މިވާހަކަ ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. އެހިނދު މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކާވެނީގެ އެންމެ ބޮޑު ރަނެއް ތިމަންކަލޭގެފާނު ދެއްވީ ކަމަނާއަށެވެ. ތިމަންކަލޭގެފާނު ކަމަނާއާ ކާވެނި ބައްލަވައިގަތީ ނުވަ އޫޤިއްޔާގެ ރަންދެއްވައި މިނިވަން ކުރެއްވުމަށްފަހުގައެވެ.] މިވާހަކަ އަޑު އައްސަވައި އެކަމަނާ އުފާފުޅުން ވަޑައިގެންފިއެވެ.

ހިޖްރައިން 10 ވަނަ އަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙައްޖަށްވަޑައިގެންނެވިއިރު އެކަމަނާވެސް މާތް ރަސޫލާގެ އަރިހުގައި އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުންނާއެކު ހައްޖަށްވަޑައިގެންނެވިއެވެ. އެ ޙައްޖުން އެނބުރި މަދީނާއަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ އާލާސްކަންފުޅާ އޮންނެވީ އުއްމުލް މުއުމިނީން މައިމޫނާގެ ކޮޓަރިކޮޅުގައެވެ. އާލާސްކަންފުޅު ބޮޑުފުޅުވުމުން އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުން ކުރެ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި އޮންނެވުމުގެ ހުއްދަ އަށް އެދިވަޑައިގެންނެވިއެވެ. އެހެން އަނބިއަނބިކަނބަލުންނެކޭ އެއްފަދައިން އުއްމުލް މުއުމިނީން ޖުވައިރިއްޔާވެސް ހިތްޕުޅުގެ ހެޔޮފުޅުކަމާއެކު އެކަލޭގެފާނު ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވިއެވެ.

މިއަދު އޮންލައިން